ޚަބަރު

އީރާނާއެކު ވިޔަފާރުކުރާ ޤައުމުތަކުން އެމެރިކާއިން 25 އިންސައްތައިގެ ޓެރިފެއް ނަގަނީ


އީރާނާއެކު ވިޔަފާރި ކުރާ ޤައުމުތަކުން އެމެރިކާއަށް މުދާ އެތެރެކުރާނަމަ 25 އިންސައްތައިގެ ޓެރިފެއް ނަންގަަވާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އީރާނުގައި ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިފައިވާތީ އެކަމާ ދެކޮޅަށް އެ ޤައުމުގެ ރައްޔިތުން މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ވަނީ މުޒާހަރާކުރަން ފަށައިފައެވެ. އެ މުޒާހަރާތައް މިހާރު އެކި ސަރަޙައްދުތަކަށް ފެތުރިފައިވާއިރު، ސަލާމަތީ ބާރުތަކާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތައް ހިނގައި، ބޮޑެތި ގެއްލުންތައް ދީ، އެތައް ބަޔަކު ވަނީ މަރުވެފައެވެ. މިއީ 1979ވަނަ އަހަރުގެ ފަހުން އީރާނުގައި ކުރާ އެންމެ ވަރުގަދަ މުޒާހަރާތަކެވެ.

މުޒާހަރާތައް ހުއްޓުވަން އެކަށީގެންނުވާ ބާރުގެ ބޭނުންކުރާނަމަ، މުޒާހަރާގެ ބައިވެރިންގެ ދިފާޢުގައި އެމެރިކާއިން އީރާނަށް އަރާނެކަމުގެ އިންޒާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ތަކުރާރުކޮށް ދެއްވަމުންނެވެ. އަދި އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް ހިމެނޭ ގޮތަށް އީރާނާ ދެކޮޅަށް އެޅިދާނެ ތަފާތު ފިޔަވަޅުތަކާމެދު ވިސްނަވަމުންދާ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ނަމަވެސް މި އިންޒާރުތަކަށް އަމަލުކުރައްވައިފިނަމަ އެމެރިކާގެ އަސްކަރީ މަރުކަރުތަކަށް ހަމަލާދޭނެ ކަމަށް އީރާނުން ވަނީ ބުނެފައެވެ. މަޝްވަރާކޮށްގެން މައްސަލަ ޙައްލު ކުރުމަށް އީރާނުން ބޭނުންވާ ކަމަށް ވެސް އެ ޤައުމުން ވަނީ ބުނެފައެެވެ.

ޓެރިފް ނެގުމަށް ނިންމެވި ނިންމެވުން އިޢުލާނުކުރައްވައި ޓްރަމްޕް ވިދާޅުވީ އެއީ މައްސަލައިގައި އޭނާގެ ފަހު ނިންމެވުން ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އެއްވެސް ރަސްމީ ލިޔެކިޔުމެއް ނުވަތަ ޤާނޫނީ ހަމައެއް އެމެރިކާގެ ސަރުކާރުން މިހާތަނަށް ޙިއްޞާކޮށްފައެއް ނުވެއެވެ. އެ ނިންމުމަށް ވަގުތުން ޢަމަލުކުރަން ފަށާފައިވާ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

އީރާނުގެ މުދާ އެންމެ ގިނައިން އެތެރެކުރާ ޤައުމުތަކުގެ ތެރޭގައި ޗައިނާއާއި އެކުވެރި ޢަރަބި އިމާރާތާއި އިންޑިޔާ ހިމެނެއެވެ. އެ ތިން ޤައުމުގެ އުފެއްދުންތަކުން އެމެރިކާއިން ޓެރިފް ނަގާނަމަ ބައިނަލްއަޤްވާމީ އިޤްތިޞާދަށް އެ ކަމުގެ ނޭދެވޭ އަސަރުކުރުން އެކަށީގެންވެއެވެ.

އީރާނަކީ ތެޔޮ ބޭރުކުރާ ޤައުމުތަކުގެ ޖަމްޢިއްޔާ، އޯޕެކްގެ މެންބަރު ޤައުމެކެވެ. ވޯލްޑް ބޭންކުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2022ވަނަ އަހަރު އެ ޤައުމުން ދިޔައީ 147 ޤައުމަކާއެކު ތެލުގެ ވިޔަފާރި ކުރަމުންނެވެ.