މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 85،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ މިހާތަނަށް ރާއްޖެއަށް 85،591 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކޮށްފައިވަނީ، 77،727 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ 10.01 އިންސަތައިގެ ކުރިއެރުމެކެވެ. މިމަހުގެ މިހާތަނަށް އެއްދުވަހެއްގެ ތެރޭގައި އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ، މިމަހުގެ 11 ވަނަ ދުވަހުއެވެ. އެ ދުވަހު 9،596 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 7،000 އެއްހާ ފަތުރުވެރިން ޒިޔާރަތް ކުރެއެވެ. ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނައިން ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އެއީ، 59،250 ފަތުރުވެރިންނެވެ. މިއީ، ރާއްޖެ އައި ފަތުރުވެރިންގެ 69.2 އިންސައްތައެވެ.
2 ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ، ގެސްޓްހައުސްތަކުގައެވެ. އެއީ، 21،761 ފަތުރުވެރިންނެވެ. މިއީ، މި މުއްދަތުގެ ތެރޭގައި ރާއްޖެ އައި ފަތުރުވެރިންގެ 25.4 އިންސަތައެވެ.
ފަތުރުވެރި ކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް 1،339 ތަނެއް ވަނީ ހުޅުވާފައެވެ. މިއީ، މުޅި ޖުމްލަ 67،664 އެނދެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރަމުންދަނީ، ފަތުރުވެރިން ޒިޔާރަތް ކުރާ މިންވަރު 10 އިންސައްތަ އިތުރުވުމުގެ އިތުރުން ފަތުރުވެރިކަމުގެ މައި މާކެޓުތަކުން ހޯދި ކުރިއެރުންތަކާއި، ބެޑް ކެޕޭސިޓީ އިތުރުވުމާއި، ފަތުރުވެރިކަމުގެ ޚިދުމަތް ދޭ ތަންތަނުގެ އަދަދު އިތުރުވަމުންދާތީ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ސަރުކާރުގެ އަމާޒަކީ، 2027 ވަނަ އަހަރާއި ހަމައަށް ފަތުރުވެރިކަމުގެ އާމްދަނީ 6 ބިލިޔަން ޑޮލަރަށް އިތުރު ކުރުމެވެ. އެމަގަށް ކުރެވޭ މަސައްކަތުން މިވޭތުވެ ދިޔަ ދެ އަހަރުގެ ތެރޭގައި މި ސިނާޢަތަށް 6،665 އެނދު ޚިދުމަތަށް ނެރެފައިވާ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ އިތުރު ކުރެވިގެންދާނެ ކަމަށް ސަރުކާރުން ޤަބޫލު ކުރައްވައެވެ.
ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރުވައި އިތުރަށް ތަރައްޤީ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މި ސަރުކާރު ވެރިކަމާއި ހަވާލުވިފަހުން ފަތުރުވެރިކަން ފުޅާވެފައި ނެތް އަތޮޅުތަކުގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް އިތުރު ތަންތަން ޙަވާލުކޮށްފައިވާ ކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.