ޚަބަރު

ފަރިތަކުރުންތަކަށް ކުޅުންތެރިން ނާންނާތީ ނަޒީހުގެ ކަންބޮޑުވުން


  • ޔޫވީގެ ހަގީގީ މަޤްސަދަކީ ރެލިގޭޓް ނުވެ ލީގު ނިންމާލުން

  • މިހާތަނަށް ހުރިހާ ޓީމަކުން 14 މެޗު ކުޅުނުއިރު ޔޫވީ އޮތީ ފުލުގައި

  • ޔޫވީން ކުޅުނު 14 މެޗުން ލިބިފައިވަނީ 14 ޕޮއިންޓް

ޓީމުން ބާއްވާ ފަރިތަކުރުންތަކަށް ކުޅުންތެރިން ބަރާބަރަށް ނާންނާތީ ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުޙައްމަދު ނަޒީހު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކްލަބް އީގަލްސް އަތުން ބަލިވި މެޗަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ނަޒީހު ބުނީ، މެޗުން ބަލިވީ "ކޮންމެހެން ޕްރެޝަރ" ބޮޑުވެގެން ނޫން ކަމަށާއި މީގައި އުޅެނީ ރަނގަޅަށް ފަރިތަކުރުންތައް ކުރިއަށް ނުގެންދެވުމުގެ މައްސަލަ ކަމަށެވެ.

ޔޫވީގެ އެތެރޭގެ ހާލަތަށް ބަލާފައި ޖުމްލަ ގޮތެއްގައި ކުޅުންތެރިން މެޗުގައި ދެއްކި ކުޅުން ގޯސް ނޫން ކަމަށާއި ސަބަބަކީ ޓީމުގެ ކުޅުންތެރިން ފަރުވާތެރިކަމާއެކު ފަރިތަކުރުންތަކަށް ނައުން ކަމަށެވެ.

"މެޗުގެ ފުރަތަމަ 11 ގައި އެބަ ހިމެނޭ ދެ ކުއްޖަކު އެންމެ ޓްރެއިނިން އެއް ހަދާފަ. ޓްރެއިނިން ލެކް ވުމަކީ ބައިވަރު މައްސަލަ ނުކުންނާނެ ކަމެއް. މިއީ ޓެކްނިކަލީ އެހާ ވައިސް ޕްލެޔަރުންނެއް ނޫން. މިއީ ހަމަ ރަނގަޅު ހުރިހާ ޓީމަކުން ޕްލެޔަރުން ނަގާފައި ބާކީ ތިބި ޕްލެޔަރުންނޭ ބުންޏަސް އެއީ އެމީހުންނަށް ބުނެވޭ ބުރަ ބަހަކަށް ނުވާނެ ހަގީގަތުގައި. އެއީ ނަތީޖާތަކުން ފެންނަނީ އެ މަންޒަރު". ފަރިތަކުރުންތަކަށް ކުޅުންތެރިން ގަވައިދުން ނައުމުގެ ކަންބޮޑުވުން ފާޅުކޮށް ނަޒީޙް ބުންޏެވެ.

ޔޫވީގެ ހަގީގީ މަޤްސަދަކީ ރެލިގޭޓް ނުވެ ލީގު ނިންމާލުންކަން ފާހަގަކޮށް ނަޒީޙް ބުނީ، އަދިވެސް އެ މަގްސަދު ހާސިލްކުރެވޭނެ ކަމަށެވެ.

ޔޫވީގެ މަގްސަދަކީ ރެލިގޭޓްނުވެ ސަލާމަތްވުންކަމަށް ނަޒީޙް ބުނިއިރު، ލީގު ތާވަލުގައި، މިހާތަނަށް ހުރިހާ ޓީމަކުން ވެސް 14 މެޗު ކުޅުނުއިރު ޔޫވީ އޮތީ ފުލުގައެވެ. ޔޫވީން ކުޅުނު 14 މެޗުން ލިބިފައިވަނީ 7 ޕޮއިންޓެވެ. ރެލިގޭޝަން ޒޯނުގައި ޔޫވީއާއެކު މިވަގުތު އޮތް ވެލެންސިއާއަށް 8 ޕޮއިންޓު ލިބިފައިވާއިރު ރެލިގޭޝަން ޕްލޭއޮފްގައި ކުޅެންޖެހޭ ދެ މަގާމުގައި މިވަގުތު އޮތް ކްލަބް ގްރީން ސްޓްރީޓްސްއަށް ވެސް 8 ޕޮއިންޓް އަދި ޓީސީއަށް ނުވަ ޕޮއިންޓު ލިބިފައިވެއެވެ.

ޕްލޭއޮފް އިން ގާތްގަނޑަކަށް ސަލާމަތްވެފައި އޮތް ވިކްޓްރީން ތާވަލުގެ ހަވަނައިގައި އޮތީ 20 ޕޮއިންޓާއެކުއެވެ. ފަސްވަނައިގައި އޮތް ކްލަބް އީގަލްސްއަށް ވަނީ 22 ޕޮއިންޓު ލިބިފައެވެ.

ލީގުގައި ކޮންމެ ޓީމަކަށް ވެސް ބާކީ ހަތަރު މެޗު އޮތްއިރު، ކުރިއަށް އޮތް ހަތަރު މެޗު ކާމިޔާބުކޮށްގެން ވެސް ޔޫވީއަށް ލިބޭނީ ޖުމްލަ 19 ޕޮއިންޓެވެ.

ލީގުގައި ޔޫވީއަށް ކުރިއަށް އޮތީ މި މަހުގެ 16 ވަނަ ދުވަހު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅެން އޮތް މެޗާއި 23 ވަނަ ދުވަހު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅެން އޮތް މެޗުގެ އިތުރުން 30 ވަނަ ދުވަހު ވެލެންސިއާ އާ ދެކޮޅަށް ކުޅެން އޮތް މެޗު އަދި ފެބްރުވަރީ 4 ވަނަ ދުވަހު ވިކްޓްރީއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ.