ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާ އިނާމާއެކު ނޮޅިވަރަމު ކައުންސިލު ކަޕުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ. މިމުބާރާތަކީ ހދ. ނޮޅިވަރަމުގެ ކުލަބު ޖަމްޢިއްޔާ ޖަމާޢަތްތަކަށާއި ރަށުގެ ކުލަބުތަކަށް ބައިވެރިވެވޭގޮތަށް ހުޅުވާލައިފައިވާ މުބާރާތެކެވެ.
ނޮޅިވަރަމު ކައުންސިލު ކަޕުގައި ވާދަކުރާ ޓީމުތަކުގައި ރަށުން ބޭރުގެ ތިން ކުޅުންތެރިން ޖެހޭއިރު، ކޮންމެ ޓީމެއްގައި 18 އަހަރުންދަށުގެ 1 ކުޅުންތެރިޔަކު ޖަހަންޖެހެއެވެ. މިމުބާރާތުގެ ބައިވެރިވުމުގެ ސުންގަޑި ހަމަވާނީ މިމަހުގެ 20 ވާ އަންގާރަދުވަހުގެ 12:00އަށެވެ. އަދި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ކުޅުންތެރިންގެ ލިސްޓު ހުށަހެޅުމުގެ ސުންގަޑިއަކީ އޭޕްރިލްމަހުގެ 1 ވާ ބުދަދުވަހުގެ 13:00 އެވެ. ނޮޅިވަރަމު ކައުންސިލު ކަޕުގައި ވާދަކުރާ ޓީމުތަކުގައި ގިނަވެގެން ޖެއްސޭނީ 22 ކުޅުންތެރިންނާއި 5 އޮފިޝަލުންނެވެ. މިމުބާރާތް ފެށޭނީ މިއަހަރުގެ އޭޕްރިލްމަހުގެ 10 ވަނަ ދުވަހުއެވެ.
ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާ އިނާމު ލިބޭގޮތަށް މިމުބާރާތް ބާއްވާ މިއީ ފުރަތަމަ އަހަރެވެ. ފާއިތުވެދިޔަ އަހަރުގެ ޗެމްޕިއަންޓީމަށް އިނާމެއްގެ ގޮތުގައި 50،000 ރުފިޔާ ދީފަވާއިރު، އެ އަދަދަކީ މިއަހަރުގެ ރަނަރަޕް ޓީމަށް ކަނޑައަޅާފައިވާ އިނާމެވެ.
މިދިޔަ އަހަރުވެސް މިމުބާރާތް ކާމިޔާބުކަމާއެކު ނިންމާލާފަވާއިރު، އެއަހަރުގެ ޗެމްޕިއަން ޓީމަކަށް ހޮވިފަވަނީ ކްލަބް ކްލަސްޓާއިންނެވެ. މިދިޔަ އަހަރުގެ ޖުލައިމަހުގެ 14 އިން 27 އަށް ކުރިއަށް ދިޔަ އެމުބާރާތުގައި ޖުމްލަ 7 ޓީމަކުން ދެ ގްރޫޕެއްގައި ވާދަކޮށްފަވެއެވެ.