75 ޤައުމަކަށް ނިސްބަތްވާ ހިޖުރަވެރިންނަށް އެމެރިކާގެ ވިސާ މި ވަގުތަށް ދޫނުކުރާނެ ކަމަށް އެ ޤައުމުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިޢުލާނުކުރައްވައިފިއެެވެ.
އެމެރިކާއިން އެ ފަދަ ފިޔަވަޅެއް އެޅުމަށް ނިންމާފައި ވަނީ އިމިގްރޭޝަންގެ ދާއިރާއިން އެ ޤައުމުން އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކެއްގެ ދަށުންނެވެ. މި ނިންމުމުގެ އަސަރުކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ސޮމާލިޔާއާއި އީރާނާއި ރަޝިޔާއާއި އަފްޣާނިސްތާނާއި ނައިޖީރިޔާއާއި ޔަމަނާއި ތައިލްންޑާއި ބްރެޒިލް ވެސް ހިމެނެއެވެ.
މި ގޮތަށް ވިސާ ދޫކުރުން މެދުކަނޑާލައިނީ ޖަނަވަރީ މަހުގެ 21ވަނަ ދުވަހުން ފެށިގެން ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. އެމެރިކާގެ ރައްޔިތުންގެ ފައިސާ އެހެން ޤައުމުތަކުގެ ހިޖުރަވެރިންނަށް ޚަރަދު ކުރުމަށް އެ ޤައުމުން ނޭދޭ ކަމަށް ޚާރިޖީ ވުޒާރާއިން ފޮނުވި މެމޯއެއްގައި ބުނެފައިވެއެވެ. އަދި އެމެރިކާގެ ރައްޔިތުންގެ ފައިސާ ހިިޖުރަވެރިންނަށް ޚަރަދުކުރަން ނުޖެހޭނެކަން ކަށަވަރުވަންދެން އެ ޤައުމުތަކުގެ ހިޖުރަވެރިންނަށް ވިސާ ދޫނުކުރާނެ ކަމަށް އެމެރިކާއިން ބުނެއެވެ.
މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އެމެރިކާގެ ރައީސްގެ މަޤާމާ ޑޮނަލްޑް ޓްރަމްޕް ޙަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް 100،000އަށް ވުރެ ގިނަ މީހުންނަށް ދޫކޮށްފައިވާ ވިސާ ވަނީ ބާޠިލްކޮށްފައިވެއެވެ. އަދި ވިސާ ދޫކުރުމާ ގުޅޭ ހަރުކަށި ފިޔަވަޅުތަައް ވެސް އަޅާފައިވެއެވެ. މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ވެސް ޓްރަމްޕް ވަނީ ތިންވަނަ ދުނިޔެއަށް ނިސްބަތްވާ ޤައުމުތަކުގެ ރައްޔިތުން އެމެރިކާއަށް ހިޖުރަކުރުން ހުއްޓުވާނެ ކަމަށް ވިދާޅުވެފައެވެ.