ޚަބަރު

އައްޑޫ ފައިނަލަށް ހިތަދޫއާއި މަރަދޫ، ގދ. ފައިނަލަށް ވާދޫއާއި ހޯނޑެއްދޫ


ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އައްޑޫ ސިޓީގެ ފައިނަލްގެ ޖާގަ ހިތަދޫއާއި މަރަދޫއިން ހޯދިއިރު ގދ. އަތޮޅުގެ ފައިނަލުގެ ޖާގަތައް ވާދޫއާއި ހޯނޑެއްދޫއިން ހޯދައިފިއެވެ.

އަތޮޅު ފައިނަލުގެ ޖާގައެއް ހިތަދޫއިން ހޯދީ ސެމީ ފައިނަލުގައި، އެންމެފަހުގެ އަތޮޅު ޗެމްޕިއަން ފޭދޫގެ މައްޗަށް 2-4 އިން ކުރިހޯދައިގެންނެވެ.

މެޗުގައި ފޭދޫގެ ދެލަނޑު ޖަހައިދިނީ މުޙައްމަދު ސަޔަމް ސަޢީދާއި އަލީ ނާފިއުއެވެ. މެޗުން މޮޅުވި ހިތަދޫގެ ހަތަރު ލަނޑުގެ ތެރެއިން އެއް ލަނޑަކީ ފޭދޫގެ ޔޫސުފް ސިދާމް އަލީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ހިތަދޫގެ އަނެއް ތިން ލަނޑު ކާމިޔާބުކޮށްދިނީ ހާޒިމް ފައުޒީ (ހަތީ) އާއި މުޙައްމަދު ސަބާޙް މަންސޫރުގެ އިތުރުން މުޙައްމަދު ދާނިޝް އިބްރާޙީމެވެ. މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހާޒިމްއެވެ.

މި އަތޮޅުގެ ސެމީގެ ދެވަނަ މެޗުގައި މަރަދޫއިން ވަނީ މީދޫގެ މައްޗަށް 1-3 އިން ކުރިހޯދާފައެވެ.

މެޗުގައި މަރަދޫގެ ލަނޑުތައް ޖަހައިދިނީ ޙަސަން ލައުޙްއާއި މުޙައްމަދު ސަޙާއު އަލީގެ އިތުރުން ހަސަން އަތޫފެވެ. މީދޫގެ ހަމައެކަނި ލަނޑު ޖަހައިދިނީ އަބްދުﷲ ވިޝަލްއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޙަސަން ލައުޙް އެވެ.

މުބާރާތުގެ ގދ. އަތޮޅުގެ ސެމީގެ ފުރަތަމަ މެޗު ކާމިޔާބުކޮށް ވާދޫއިން ފައިނަލްގެ ޖާގަ ކަށަވަރުކުރީ ފިޔޯރީގެ މައްޗަށް 1-6 އިން ކުރިހޯދައިގެންނެވެ.

މެޗުގައި ވާދޫގެ މުސައްނިފް މުޙައްމަދު ހެޓްރިކް ހެދިއިރު، އަޔާޒް އަޙްމަދު (އަޔާ) އާއި އަބްދުﷲ އާހިލް އަލީގެ އިތުރުން އިބްރާޙީމް ޝައުފް މުޙައްމަދު ވަނީ ލަނޑު ޖަހާފައެވެ. ފިޔޯރިން މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު ނާހިލްއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހެޓްރިކް ހެދި މުސައްނިފެވެ.

މި އަތޮޅުގެ ސެމީގެ ދެވަނަ މެޗުގައި ހޯނޑެއްދޫއިން ވަނީ މަޑަވެލީގެ މައްޗަށް 2-3 އިން ކުރިހޯދާ އަތޮޅު ފައިނަލުގެ ޖާގަ ޔަގީންކޮށްފައެވެ.

މެޗުގައި ހޯނޑެއްދޫގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު އިއުފާފް އަބްދުﷲ އާއި އަޙްމަދު ޝާނިއު އަބްދުލްޣަނީގެ އިތުރުން ޙުސެއިން ޝިފާއު މުޙައްމަދުއެވެ. މަޑަވެލީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ޔައިޝް މުސްތަފާއާއި އަޙްމަދު ސިނޫ މަޙްމޫދެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޝާނިއުއެވެ.

މުބާރާތުގައި އައްޑޫގެ ފައިނަލް މެޗު އޮންނާނީ 18 ވަނަ ދުވަހުއެވެ. އަދި ގދ. އަތޮޅުގެ ފައިނަލް އޮންނާނީ 19 ވަނަ ދުވަހުއެވެ.