ޚަބަރު

މިދިޔަމަހު ނުކުޅުދުންތެރިކަން ހުންނަ 14000 މީހުންނަށް މާލީ އެހީދިން!


  • މާލީ އެހީގެ ގޮތުގައި، 53،789،000 ރުފިޔާ ދީފައިވޭ

  • ޑިސެންބަރުމަހުގެ ނިޔަލަށް ދަފްތަރު ކޮށްފައިވަނީ 15059 މީހުން

ޑިސެމްބަރުމަހު ނުކުޅުދުންތެރިކަން ހުންނަ 14000އަށްވުރެ ގިނަ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ފޯރުކޮށްދޭ މާލީ އެހީގެ ގޮތުގައި، 14816 މީހުންނަށް 53.7 މިލިޔަން ރުފިޔާ ފޯރުކޮށްދީފައިވެއެވެ.

ޑިސެމްބަރުމަހުގެ ނިޔަލަށް ދަފްތަރު ކޮށްފައިވަނީ ޖުމްލަ 15059 މީހެކެވެ. އޭގެތެރޭގައި ހިމެނެނީ 8736 ފިރިހެނުންނާއި، 6323 އަންހެނުންނެވެ.

ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ނުކުޅެދުންތެރިކަމުގެ ގިންތިތައް:

މަލްޓިޕަލް ޑިސްއެބިލިޓީ: 3396 މީހުން
ސިކުނޑީގެ ނުކުޅެދުންތެރިކަން: 1871 މީހުން
ނަފްސާނީ ނުކުޅެދުންތެރިކަން: 2116 މީހުން
އަޑުއިވުމާއި ވާހަކަ ދެއްކުމުގެ ނުކުޅެދުންތެރިކަން: 1791 މީހުން
ފެނުމުގެ ނުކުޅެދުންތެރިކަން: 1018 މީހުން
އޯޓިޒަމް: 588 މީހުން
އުނގެނުމުގެ ނުކުޅެދުންތެރިކަން: 56 މީހުން
ޖިސްމާނީ ނުކުޅެދުންތެރިކަން: 4223 މީހުން

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 2011ވަނަ އަހަރުން ފެށިގެން އެލަވަންސެއް ދޭން ވަނީ ފަށާފައެވެ. އަދި 2023 ވަނައަހަރު ވަނީ އެފަރާތްތަކަށް ދޭ އެލަވަންސް 3000 ރުފިޔާއަށް ބޮޑުކޮށްފައެވެ.

ދައުލަތުން އަދާކުރަން ޖެހޭ ޒިންމާ އަދާކޮށް ވަސީލަތްތައް ފުރިހަމަ ކުރުމަށް މަސައްކަތް ކުރަމުންދިޔަ ނަމަވެސް ޝާމިލް މުޖްތަމަޢެއް ބިނާކުރެވޭނީ އެ މުޖްތަމަޢުގެ ހުރިހާ ފަރާތެއްގެވެސް އެއްބާރުލުމާއެކުއެވެ. އަދި މުޖްތަމަޢެއް ކުރިއަރާނީ އެއްވެސް ފަރާތެއް ބާކީ ނުކޮށް އެންމެންގެ ބައިވެރިވުމާވެސްއެކުއެވެ.