ޚަބަރު

"މޯލްޑިވްސް ޑިޖިޓަލް ސަރވިސް" އުފައްދަވައިފި


  • މި އިދާރާ ހިންގާނީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއިބެހޭ ވުޒާރާގެ ދަށުން

  • ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ ވަނީ އުވާލައްވާފައި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، "މޯލްޑިވްސް ޑިޖިޓަލް ސަރވިސް" ނަމުގައި ހާއްސަ އިދާރާއެއް އުފައްދަވައިފިއެވެ.

އެއިދާރާއަކީ ދާހިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި ހަމަޖައްސަވައި މީގެ ކުރިން ހިނގަމުންއައި "ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ" ވަނީ އުވައިލައްވައިފައެވެ. މިކަން ޢިއުލާންކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމެއްގައެވެ.

ރައީސް އޮފީހުން ވިދާޅުވީ "މޯލްޑިވްސް ޑިޖިޓަލް ސަރވިސް"ގެ ނަމުގައި އިދާރާއެއް އުފައްދަވައި، އެ އިދާރާއަކީ ދާހިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވައި، އެ ވުޒާރާގެ ދަށުން ހިނގަމުންދިޔަ "ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ" އުވާލައްވާފައިވާކަމަށެވެ. މިތަން އުވާލާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުންއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި "މޯލްޑިވްސް ޑިޖިޓަލް ސަރވިސް" އުފެއްދެވީ، ޑިޖިޓަލް-ފަސްޓް ނޭޝަން ތަސައްވުރާ ގުޅޭގޮތުން 2025 ސެޕްޓެންބަރު 25ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅުއްވައި މަޝްވަރާކުރައްވައިފައިވާ "މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028 - ޖަރނީ ޓު ޑިޖިޓަލް ޓްރާންސްފޮމޭޝަން" މަގުޗާޓު ތަންފީޒުކުރުމާ ގުޅޭގޮތުން އެ މަޖިލީހުން ނިންމަވައިފައިވާ ނިންމެވުންތަކުގެ ތެރޭގައި، "މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028 - ޖަރނީ ޓު ޑިޖިޓަލް ޓްރާންސްފޮމޭޝަން" މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރުމުގެ ޒިންމާ ހަވާލުކުރާ އެންމެ އިސް އިދާރާއަކީ، މޯލްޑިވްސް ޑިޖިޓަލް ސަރވިސް ކަމުގައި ހަމަޖެއްސެވުމަށް ނިންމަވައިފައިވާތީ ކަމުގައި ބަޔާންކުރައްވާފައިވެއެވެ.

މޯލްޑިވްސް ޑިޖިޓަލް ސަރވިސް އުފެއްދެވުމާ ގުޅިގެން، "މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028 - ޖަރނީ ޓު ޑިޖިޓަލް ޓްރާންސްފޮމޭޝަން" މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރުމުގެ ޒިންމާ އަދާކުރާ އެންމެ އިސް އިދާރާގެ ހައިސިއްޔަތުން ކުރައްވަންޖެހޭ މަސައްކަތްތަކުގެ އިތުރުން، އެން.ސީ.އައި.ޓީ.އިން މިހާތަނަށް ކުރައްވަމުން ގެންދެވި މަސައްކަތްތައް ކުރައްވަމުން ގެންދަވާނީވެސް، މޯލްޑިވްސް ޑިޖިޓަލް ސަރވިސްއިންކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މޯލްޑިވްސް ޑިޖިޓަލް ސަރވިސްއަށް ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ޖައްސަވާނެ ނަންބަރަކީ 1137 ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 2026/4 ވަނަ ދެންނެވުމުން ވަނީ އަންގަވާފައެވެ.