ޚަބަރު

ކުރުދީންގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދުތަކަށް ސޫރިޔާގެ ސިފައިން ޖަމާކުރަނީ


ސޫރިޔާގެ ސަރުކާރާއެކު މަޝްވަރާކޮށް ކަންކަމުގައި ދޫ ދިނުމަށް ބާރުއެޅުމުގެ ގޮތުން ސޫރިޔާގެ އުތުރާއި އިރުމަތީގައި އޮންނަ ކުރުދީންގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދުތަކަށް ސަރުކާރުގެ ފަުއުޖުތައް ޖަމާކުރަން ފަށައިފިއެވެ.

2024ވަަނަ އަހަރުގެ ފަހުކޮޅު ސޫރިޔާގެ އޭރުގެ ރައީސްގެ މަޤާމުގައި ހުންނެވި ބައްޝާރު އަލްއަސަދުގެ ވެރިކަން ކުއްލި ގޮތަކަށް ނިމުމަކަށް އައުމުން ސޫރިޔާގެ ވެރިކަމާ ޙަވާލުވި އަޙްމަދު އަލްޝަރާޢުގެ ވިސްނުން ހުރީ ޤައުމުގައި ބައިބައިވުން ނައްތާލުމަށެވެ. އެ ގޮތުން ކުރުދީން ހިންގާ އަސްކަރީ އަދި މަދަނީ ގުނަވަންތައް ދައުލަތުގެ ބައެއްގެ ގޮތުގައި ހިމެނުމަށް ޝަރާޢު ބޭނުންވެއެވެ. އެ ކަމާ ގުޅޭ މަޝްވަރާތައް ގިނަ ދުވަސްތަކަކަށް ދެމިގެން ދިޔަ ނަމަވެސް އެ ދާއިރާއިން މިހާތަނަށް މާ ބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. މަޝްވަރާ ކުރުމަށް ދީފައިވާ މުއްދަތު މިހާރު ހަމަވެފައިވާއިރު މިދިޔަ ހަފްތާގެ ތެރޭގައި ވެސް ކުރުދީންނާއި އަސްކަރިއްޔާއާ ދެމެދު ހަމަނުޖެހުންތަކެއް ޙަލަބުގައި ހިނގައި، ބައެއް ކުރުދީ ހަނގުރާމަވެރިން ވަނީ އެ ސަރަޙައްދުން ފައިބާފައެވެ.

ކުރުދީންގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދުތަކުން ހަނގުރާމަވެރިން ފޭބުމަށް ބާރު އެޅުމަށް ޙަލަބްއާއި ދީރުލްޒޫރްއަށް ސޫރިޔާގެ އަސްކަރިއްޔާއިން މިހާރު ދަނީ ސިފައިން އެއްކުރަމުންނެވެ. އެ ގޮތަށް ޢަމަލުކުރުމުން ވެސް ކުރުދީން އިތުރަށް މަޝްވަރާކުރުމަށް ދެކޮޅުހަދާ ނަމަަ ޙަލަބްއާއި ދީރުލްޒޫރްއަށް އަސްކަރިއްޔާއިން ޙަމަލާ ދިނުން އެކަށީގެންވެއެވެ.

ކުރުދީންގެ އިސްވެރިން ވަނީ ސަރުކާރުން މި ފަދަ ގޮތަކަށް ސިފައިން ޖަމާ ކުރުމާމެދު ހިތްހަމަނުޖެހުން ފާޅުކޮށް އެ ކަން ކުށްވެރިކޮށްފައެވެ. އަދި އަސްކަރިއްޔާ ހިމެނޭހެން އަޅާ ފިޔަވަޅުތަކުގެ ނުރައްކާއާ ގުޅޭގޮތުން ވެސް ވާހަކަދައްކާފައިވެއެވެ. ބައިނަލްއަޤްވާމީ އެހީތެރިކަމާއެކު މަޝްވަރާގެ މަގުން ކުރިއަށް ދިޔުމަށް އެދޭ ކަމަށް ވެސް ކުރުދީން ދަނީ ބުނަމުންނެވެ.