ޚަބަރު

ޣައްޒާގައި ވެރިކަން ކުރާނެ ބޯޑަށް ޓޯނީ ބްލެޔަރ، ރޫބިޔޯ އަދި ކުޝްނަރގެ ނަން ހުށަހަޅައިފި


ފަލަސްޠީނުގެ ޣައްޒާގައި އިންތިޤާލީ ގޮތުން ވެރިކަން ހިންގާނެ ސުލްޙައިގެ ބޯޑުގައި ތިއްބަވާނެ ބޭފުޅުންގެ ނަންތައް އެމެރިކާއިން ހުށަހަޅައިފިއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 10ވަނަ ދުވަހު ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު އަމަލު ކުރަން ފެށި އެއްބަސްވުމުގެ ދަށުން، ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުން ދިޔަ ޤަތުލުޢާންމު، ނަމެއްގައި ވަނީ މެދުކަނޑައިލާފައެވެ. އެ އެއްބަސްވުމުގެ ދަށުން، ޣައްޒާގައި ވެރިކަން ކުރާނެ އިންތިޤާލީ ކޮމިޓީއެއް އެކުލަވައިލެވޭނެއެވެ. އަދި، ޓްރަމްޕް އިސްވެ އުފައްދަވާ ސުލްޙައިގެ ބޯޑަކީ، އެ ކޮމިޓީގެ މައްޗަށް ބަސްބުނާނެ ބޯޑެކެވެ. އެ ބޯޑުގެ ރިޔާސަތު ބަލަހައްޓަވާނީ ޚުދު އޭނާ ކަމުގައި ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ޓްރަމްޕްގެ އިތުރުން އެ ބޯޑަށް އެމެރިކާއިން ހުށަހަޅާފައިވަނީ، އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ، އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެޔަރ، ޓްރަމްޕްގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޯފް އަދި ޓްރަމްޕްގެ ދަނބިދަރިފުޅު ޖެރެޑް ކުޝްނަރ އެވެ.

އެހެން ޤައުމެއްގެ ރައީސަކު، ޣައްޒާގައި ވެރިކަން ކުރާ ބޯޑެއްގައި އިންނެވުމަކީ، އިސްތިޢުމާރީ އޮނިގަނޑެއްގެ ސިފަތައް ހުރި ނިންމުމެއް ކަމަށް ބުނެ، ޙައްޤުތަކަށް ވަކާލާތުކުރާ ގިނަ ބައިނަލްއަޤުވާމީ ޖަމާޢަތްތަކުން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.

ވައިޓް ހައުސްއިން ޢާންމުކުރި އެ ލިސްޓުގައި ފަލަސްޠީނަށް ނިސްބަވްތާ އެއްވެސް ބޭފުޅަކު އަދި ހިމަނާފައެއް ނުވެއެވެ. ނަމަވެސް، ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި އެ ބޯޑުގައި ތިއްބަވާނެ އިތުރު ބޭފުޅުންގެ ނަންތައް ހާމަކުރާނެކަމަށް ވައިޓް ހައުސްއިން ވަނީ ބުނެފައެވެ.

ޣައްޒާގައި ވެރިކަން ހިންގާނެ ވަކި ބޯޑެއް އެކުލަވައިލުމަށް އެކުވެރި ދައުލަތްތައް (އދ)ގެ ސަލާމަތީ މަޖިލީހުން ވެސް ވަނީ ފާސްކޮށްފައެވެ. އަދި، ޣައްޒާގައި އަމަން ބެލެހެއްޓުމަށް ބައިނަލްއަޤްވާމީ ފައުޖެއް އެކުލަވައިލުމުގެ މަސައްކަތް ކުރުމަށް އެމެރިކާއިން އިސްވެ، ބައެއް ޤައުމުތަކާ ގުޅިގެން ދަނީ މަޝްވަރާ ކުރަމުންނެވެ. ޓްރަމްޕްގެ ސުލްޙައިގެ އެއްބަސްވުމުގެ ދަށުން، ޣައްޒާގެ ވެރިކަން ހިންގުމުގައި ބައިވެރިވުމުގެ އެއްވެސް ފުރުޞަތެއް ޙަމާސަކަށް ނޯންނާނެއެވެ. އަދި، އެ ޖަމާޢަތުން ހަތިޔާރު ބަހައްޓަން ޖެހޭނެއެވެ.