އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބާއި ގުޅޭ ޝަކުވާތައް ބަލައިގަތުމަށް ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ ޤާއިމުކޮށްފިއެވެ.
އިންތިޚާބުތަކާ ގުޅިގެން ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ ޤާއިމުކުރަނީ ރައްޔިތުންނަށް ފަސޭހައިން އިންތިޚާބީ ޝަކުވާ ނުވަތަ މައްސަލަ ހުށަހެޅުމަށާއި އެ ހުށަހަޅާ ޝަކުވާއެއް ނުވަތަ މައްސަލަތައް އަވަހަށް ބެލޭނެ ނިޒާމެއް އެކަށައެޅުމަށްކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.
ޝަކުވާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކޮމްޕްލެއިންޓްސް ބިއުރޯގެ އީމެއިލް [email protected] އަދި އެކޮމިޝަނުގެ ކައުންޓަރުތައް މެދުވެރިކޮށެވެ. ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނީ މިކޮމިޝަނުގެ ވެބްސައިޓު، އިންތިޚާބާބެހޭ މަރުކަޒު އަދި މިކޮމިޝަނުގެ އިދާރާގެ ކައުންޓަރުންނެވެ. މީގެ އިތުރުން ސިޓީ/އަތޮޅު/ރަށު/އަވަށު ކައުންސިލްތަކުގެ ފޯކަލް ޕޮއިންޓުންނާއި ރާއްޖެއިން ބޭރުގައި ހަމަޖައްސާފައިވާ ފޯކަލް ޕޮއިންޓު މެދުވެރިކޮށް ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.
ކޮމްޕްލެއިންޓްސް ބިއުރޯގެ ކައުންޓަރު ހުޅުވިފައި ހުންނާނީ، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 06:00 އަށެވެ. މީގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވާ އެޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހު، ވޯޓުނަގަން ފެށުނީއްސުރެން ވޯޓުފޮށިތަކުގެ ވަގުތީ ނަތީޖާ އިޢުލާން ކުރުމާ ހަމައަށް ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އީސީން ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ކޮންމެ އިންތިޚާބަކާއި ދިމާކޮށްވެސް މިގޮތަށް ޝަކުވާ ހުށަހެޅުމަށް ކޮމްޕްލެއިންޓްސް ބިއުރޯ ޤާއިމް ކުރެއެވެ. އެކޮމިޝަނުންވަނީ ކޮމްޕްލެއިންޓްސް ބިއުރޯ ޤާއިމްކުރުމުގެ ކުރިން ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށް އެއަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައެވެ