ޚަބަރު

ޣައްޒާ ހިންގާނެ ބޯޑުގައި ބައިވެރިވުމުގެ ދަޢުވަތު ޢުރުދުޣާންއާއި ސީސީއަށް


ފަލަސްޠީނުގެ ޣައްޒާގައި އިންތިޤާލީ ގޮތުން ވެރިކަން ހިންގާނެ ސުލްޙައިގެ ބޯޑުގެ މެންބަރުންގެ ގޮތުގައި ބައިވެރިވުމަށް ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާންއާއި މިޞްރުގެ ރައީސް ޢަބްދުލްފައްތާޙް އަލްސީސީ ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެ ބޭފުޅުންނަށް ދަޢުވަތު އަރުއްވައިފިއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 10ވަނަ ދުވަހު ޣައްޒާގައި ވެރިކަން ކުރުމަށް ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު އަމަލު ކުރަން ފެށި އެއްބަސްވުމުގެ ދަށުން، ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުން ދިޔަ ޤަތުލުޢާންމު، ނަމެއްގައި ވަނީ މެދުކަނޑައިލާފައެވެ. އެ އެއްބަސްވުމުގެ ދަށުން، ޣައްޒާގައި ވެރިކަން ކުރާނެ އިންތިޤާލީ ކޮމިޓީއެއް އެކުލަވައިލެވޭނެއެވެ. އަދި، ޓްރަމްޕް އިސްވެ އުފައްދަވާ ސުލްޙައިގެ ބޯޑަކީ، އެ ކޮމިޓީގެ މައްޗަށް ބަސްބުނާނެ ބޯޑެކެވެ. އެ ބޯޑުގެ ރިޔާސަތު ބަލަހައްޓަވާނީ ޚުދު އޭނާ ކަމުގައި ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ޓްރަމްޕްގެ އިތުރުން އެ ބޯޑަށް އެމެރިކާއިން ހުށަހަޅާފައިވަނީ، އެމެރިކާގ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ، އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެޔަރ، ޓްރަމްޕްގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޯފް އަދި ޓްރަމްޕްގެ ދަނބިދަރިފުޅު ޖެރެޑް ކުޝްނަރ އެވެ. އެ ބޭފުޅުންގެ އިތުރުން އުރުދުޣާންއަށާއި ސީސީއަށް އެ ބޯޑުގައި ބައިވެރިވުމަށް ދަޢުވަތު އަރުވާފައިވާ ކަމަށް ތުރުކީވިލާތާއި މިޞްރުން ޔަޤީންކޮށްދެއެވެ.

އެހެން ޤައުމެއްގެ ރައީސަކު، ޣައްޒާގައި ވެރިކަން ކުރާ ބޯޑެއްގައި އިންނެވުމަކީ، އިސްތިޢުމާރީ އޮނިގަނޑެއްގެ ސިފަތައް ހުރި ނިންމުމެއް ކަމަށް ބުނެ، ޙައްޤުތަކަށް ވަކާލާތުކުރާ ގިނަ ބައިނަލްއަޤުވާމީ ޖަމާޢަތްތަކުން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.