ޚަބަރު

އުދިނޭޒީ ބަލިކޮށް އިންޓާއިން އެއްވަނައިގައި ލީޑު ފުޅާކޮށްފި


އިޓާލިއަން ލީގުގައި އުދިނޭޒީ އަތުން ހޯދި ހަނި މޮޅާއެކު އިންޓާ މިލާނުން ލީގު ތާވަލުގެ އެއްވަނައިގައި ލީޑު ފުޅާކޮށްފިއެވެ. އުދިނޭޒީގެ ދަނޑުގައި ކުޅުނު މި މެޗުން އިންޓާ މޮޅުވީ 0-1ގެ ނަތީޖާއަކުންނެވެ.

އިންޓާއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ގިނަ ހަމަލާތަކެއް މެޗުގައި އުފައްދާފައިވެއެވެ. އެ ޓީމުން ޖުމްލަ 13 ހަމަލާއެއް އުފައްދާފައިވާއިރު ގޯލާ އަމާޒުވާގޮތަށް ފޮނުވާލެވިފައި ވަނީ އެންމެ ފަސް ހަމަލާއެވެ. އުދިނޭޒީން މުޅި މެޗުގައި އިންޓާގެ ގޯލާ އަމާޒުވާގޮތަށް ފޮނުވާލެވިފައި ވަނީ އެންމެ ހަމަލާއެކެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ، މެޗު ފަށައިގެން 20 ވަނަ މިނެޓުގައި ލައުޓާރޯ މާޓިނޭޒް ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި ނަތީޖާއާއެކު އިންޓާ ލީގު ތާވަލުގެ އެއްވަނައިގައި އޮތީ، ދެވަނައިގައި އޮތް އޭސީ މިލާނަށްވުރެ އެއް މެޗު އިތުރަށް ކުޅެ 49 ޕޮއިންޓާއެކުއެވެ. އޭސީ މިލާނަށް 20 މެޗުން ލިބިފައިވަނީ 43 ޕޮއިންޓެވެ. އިންޓާ އަތުން ބަލިވި އުދިނޭޒީއަށް ލީގު ތާވަލުގެ 10ވަނަ ލިބެނީ 21 މެޗުން 26 ޕޮއިންޓާއެކުއެވެ.