ޚަބަރު

ފްލެޓާއި ގޯއްޗަށް 1 ދުވަސްތެރޭ 500އަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅައިފި


  • ފްލެޓަށް އެދި 399 މީހުން ފޯމު ހުށަހަޅާފައިވޭ

  • 119 މީހުން ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވޭ

ބޯހިޔާވަހިކަމުގެ ސްކީމަށް އެދި މިހާތަނަށް 500އަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅާފަވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެވުޒާރާއިން ހާމަކުރި މަޢުލޫމާތަށް ބަލާއިރު މިހާތަނަށް ފްލެޓަށް އެދި 399 މީހުން ވަނީ ފޯމު ހުށަހަޅާފައެވެ. އަދި ގޯއްޗަށް އެދި 119 މީހުން ވަނީ ފޯމު ހުށަހަޅާފައެވެ.

މިހާތަނަށް 3،836 މީހުން ޑްރާފްޓް ސްޓޭޖުގައި ފޯމު ފުރިހަމަ ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލީ އިއްޔެއެވެ.

މި ބުރުގައި ހުޅުވާލާފަވަނީ، 15،000 ގޯއްޗާއި 79،000 ފްލެޓަށެވެ.

ފޯމު ހުށަހެޅުމުގެ ކަންކަން ކުރިއަށް ގެންދަނީ، "ހިޔާވެހި" އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. ފޯމު ހުށަހެޅުމަށްފަހު، ފޯމު ކެންސަލެއް ނުކުރެވޭނެއެވެ. ނަމަވެސް ހުށަހެޅުމުގެ ކުރިން ޑްރާފްޓް މަރުހަލާފައި ބައިންދައިގެން އުނި އިތުރު ގެނެވޭނެއެވެ.

މި ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅޭނީ، އަންނަ މާރިޗު މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ފެލްޓަށް އެދި ހުށަހެޅޭނީ، އޭޕްރީލު މަހުގެ 17ވަނަ ދުވަހުގެ ނިޔަލަށެވެ. ފޯމު ހުށަހެޅުމާ ގުޅޭ މަޢުލޫމާތާއި އުސޫލުތަކާއި ޝަރުތުތައް އެވުޒާރާގެ ސޯޝަލް މީޑިއާގެ އިތުރުން ގެޒެޓު މެދުވެރިކޮށް ލިބޭނެއެވެ.

ކޮންމެ މީހަކަށްވެސް ހުށަހެޅޭނީ ފްލެޓް ނުވަތަ ގޯތި، މިއިން ކޮންމެވެސް އެއް ސްކީމަކަށެވެ.