ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު، ވީއައިއޭ ފިޔަވައި ދެން އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން އެތެރެވަނީ މާފަރު އިންޓަރނޭޝަނަލް އެއާޕޯޓުން ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ އެންމެފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން އެތެރެވެފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ. އެއީ، 127,486 ފަތުރުވެރިންނެވެ. އަދި 514 ފަތުރުވެރިންނާއެކު ދެވަނައަށް އެންމެ ގިނަ އަދަަދަކަށް ފަތުރުވެރިން އެތެރެވީ މާފަރު އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ.
މާފަރު އިންޓަރނޭޝަނަލް އެއާޕޯޓަކީ، ކޮންމެ އަހަރަކުވެސް ރާއްޖެއަށް ގިނަ އަދަދަކަށް ޖެޓުތައް ޖައްސަމުންދާ އެއާޕޯޓެކެވެ. މި އަަހަރުގެ ޕީކް ސީޒަން މިހާރު ފެށިފައިވާއިރު، މިހާތަނަށް މާފަރު އެއާޕޯޓަށް ވަނީ 200އަށްވުރެ ގިނަ ޖެޓު ޖައްސާފައެވެ. އަދި ފަތުރުވެރިކަމުގެ ޕީކް ސީޒަން ނިމޭއިރު، މާފަރު އެއާޕޯޓުގެ ޖެޓު މޫވްމަންޓް 800އަށް އަރާނެ ކަމަށްވެސް އެ އެއާޕޯޓުން ލަފާކޮށްފައިވެއެވެ.
މާފަރު އެއާޕޯޓު ހުޅުވީ، 2019 ވަނަ އަހަރުއެވެ. އެ އެއާޕޯޓު ހުޅުވި ފަހުން އެކި މަރުހަލާތަކުގައި އެއާޕޯޓު ބޮޑުކޮށްފައިވެއެވެ. ދާދިފަހުން ވަނީ، މާފަރު އިންޓަރނޭޝަނަލް އެއާޕޯޓުގެ އޭޕްރަންއަށް އިތުރުކުރި ސަރަޙައްދު ތަރައްޤީކޮށް ހުޅުވާފައެވެ.
އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓުން 60 މިލިއަން ޑޮލަރު ޚަރަދު ކޮށްގެން ހެދި މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ހިންގަނީ ސަރުކާރުގެ އެއާލައިން ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަނުންނެވެ. މިއީ، އޭ320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރަށްވެސް ޖެއްސޭ ފެންވަރުގެ އެއާޕޯޓެކެވެ. މާފަރު އިންޓަރނޭޝަނަލް އެއާޕޯޓަކީ، ރާއްޖޭގައި ދެވަނައަށް އެންމެ ގިނައިން ބައިނަލްއަޤުވާމީ އެއާލައިންތަކަށް ޚިދުމަތް ދެމުންދާ އެއާޕޯޓެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ރާއްޖެއަށް މުޅި ޖުމްލަ 129,201 ފަތުުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކުރި 117,532 ފަތުރުވެރިންނާ އަޅާބަލާއިރު 9.9 އިންސައްތަ އިތުރު އަދަދެކެވެ.
މިމަހުގެ މިހާތަނަށް އެއްދުވަހެއްގެ ތެރޭގައި އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ، މިމަހުގެ 11 ވަނަ ދުވަހުއެވެ. އެ ދުވަހު 9،596 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖުކޮށް ކޮންމެ ދުވަހަކު 7،099 ފަތުރުވެރިން ޒިޔާރަތްކުރެއެވެ.
މިދިޔަ އަހަރު ނިމުނުއިރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ، ޗައިނާއިންނެވެ. ނަމަވެސް، މިއަހަރުގެ ފުރަތަމަ 19 ދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، މިދިޔަ އަހަރު ރާއްޖެއަށް ވަނީ ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެއަށް 2.2 މިލިޔަން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ.