ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ވަރުގަދަ ހަމަލާއެއްގައި 12 މީހުން މަރުވެ، 309 މީހުން ޒަޚަމްވެއްޖެއެވެ. މިއީ ފާއިތުވި ދިހަ އަހަރުގެ ތެރޭގައި އެ ޤައުމަށް ދީފައިވާ އެންމެ ނުރައްކާތެރި ހަމަލާއެވެ. އީރާންގެ މަދަދު ލިބޭ ޔަމަނުގެ ޙޫޘީ ހަނގުރާމަވެރިން މި ހަފުތާގައި އެއާޕޯޓަށް ދިން ތިންވަނަ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސަޢޫދީގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، އުރުދުން، ފަލަސްޠީން، ސޫރިޔާ، ސޫދާން އަދި މިޞްރު ރައްޔިތަކު ހިމެނެއެވެ. ސަޢޫދީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ، ޒަޚަމްވި ބައެއް މީހުންގެ ޙާލު ވަރަށް ސީރިއަސް ކަމުގައެވެ.
ހަމަލާގެ ޒިންމާ ޙޫޘީން ރަސްމީކޮށް އުފުލާފައި ނުވި ނަމަވެސް، ސަޢޫދީ އަސްކަރީ އިއްތިޙާދުން ވަނީ މިއަށް ހަރުކަށި ރައްދު ދޭނެކަމުގެ އިންޒާރު ދީފައެވެ. އެމެރިކާއިން ޙޫޘީންނަށް ހަމަލާދިނުމުގައި ބައިވެރިވެދާނެތޯ ސުވާލުކުރުމުން ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ: "އަޅުގަނޑުމެން ބައިވެރިވުމަކީ އެކަށީގެންވާ ކަމެއް. އަޅުގަނޑުމެން އެކަމާ މެދު ވިސްނާނަން. ފަހުގެ ހަމަލާގެ މަޢުލޫމާތު ދާދި ދެންމެއަކު ލިބުނީ، އެހެންވީމާ ގޮތެއް ނިންމާނަން. ވަރަށް އަވަހަށް ފިޔަވަޅު އަޅާނަން" ކަމުގައެވެ. މީގެ އިތުރުން، އެކުވެރި ދައުލަތްތަކުގެ (އދ) ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވެސް ވަނީ މި ހަމަލާތައް ކުށްވެރިކުރައްވާފައެވެ.
މިއީ ފެބުރުވަރީ މަހު އެމެރިކާއާއި ޔަހޫދީން ގުޅިގެން އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން އުފެދިފައިވާ ހަމަނުޖެހުމެކެވެ. 2015 ވަނަ އަހަރު ސަޢޫދީން ޔަމަނުގެ ހަނގުރާމައަށް ވަދެ، ޞަންޢާއިން ޙޫޘީން ބޭރުކުރަން ފެށި މަސައްކަތް ވަނީ ދިގުލައިގެން ގޮސްފައެވެ. 2022 ގެ އެއްބަސްވުން މި ހޫނުމޫސުމުގައި ރޫޅުމާއެކު، ޙޫޘީން ވަނީ ބާބް އަލް-މަންދަބް ކަނޑުއޮޅި އެ ޖަމާޢަތުގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. ސަޢޫދީގެ މަދަދު ލިބޭ ޔަމަނުގެ ސަރުކާރުން އެ ސަރަޙައްދު މިނިވަންކުރަން އޮޕަރޭޝަނެއް ފަށާފައިވާއިރު، ޙޫޘީން ވަނީ ޔަމަނުގެ ތަޢިއްޒު ޙިޞާރުކޮށްފައެވެ.
މި ހަމަލާއާ ގުޅިގެން އޮކްޓޫބަރު 10 ގައި ރިޔާޟަށް ދަތުރުކުރާ ހުރިހާ ފްލައިޓެއް ޑައިވަރޓުކޮަށް، 8 މިލިޔަން މީހުންނަށް ޚިދުމަތްދޭ އެއާޕޯޓުގެ އޮޕަރޭޝަންތައް ވަނީ ހުއްޓާލާފައެވެ. ޙޫޘީން ވަނީ ސަޢޫދީގެ ވައިގެ ސަރަޙައްދަކީ އަސްކަރީ ސަރަޙައްދެއް ކަމަށް ކަނޑައަޅައި، އެ ތަނުން ދަތުރުނުކުރުމަށް ބައިނަލްއަޤުވާމީ އެއާލައިންތަކަށް އިންޒާރު ދީފައެވެ. ރިޔާޟުގައި ހުންނަ އެމެރިކާގެ ސަފާރާއިން ވަނީ އެއާޕޯޓް ސަރަޙައްދަށް ނުދިއުމަށް އެ ޤައުމުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ. ނަމަވެސް، ރިޔާޟްގައި ބާއްވަން ހަމަޖެހިފައިވާ ބޮޑެތި އިންވެސްޓްމަންޓް ކޮންފަރެންސްތައް ރޭވިފައިވާ ގޮތަށް ކުރިއަށްދާނެ ކަމަށް އެ ބައްދަލުވުންތައް އިންތިޒާމުކުރާ ފަރާތްތަކުން ބުނެއެވެ.