ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ނޯވޭގެ ބޯޑޯ ގްލިމްޕްޓް އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗުން 3-1 ގެ ނަތީޖާއަކުން ސިޓީ ބަލިވެއްޖެ އެވެ.
ޔޫރަޕްގެ އެންމެ ޝަރަފުވެރި ކްލަބް ފުޓްބޯޅަ މުބާރާތް ކަމުގައިވާ ޗެމްޕިއަންސް ލީގުގެ ތާރީޚުގައިވެސް އެންމެ ހައިރާންކުރުވަނިވި އެއް ނަތީޖާގެ ގޮތުގައި ފާހަގަ ކުރެވިފައިވާ މި މެޗު ނޯވޭގެ އާޓިފިޝަލް ދަނޑެއްގައި ކުޅެފައިވަނީ މައިނަސް ނުވަ ޑިގްރީގަ އެވެ.
ޕްރިމިއާ ލީގުގައި އެންމެ ފަހުން މެންޗެސްޓަރ ޔުނައިޓެޑް އަތުން ބަލިވި މެޗަށްފަހު ސިޓީ ކުޅުނު ފުރަތަމަ މެޗުގެ 22 ވަނަ މިނިޓުގައި ބޯޑޯ ގްލިމްޓްގެ ކެސްޕަރ ހޯގް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި އޭގެ ދެ މިނިޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
މި މެޗަށް ނިކުތުމުގެ ކުރިން ކެސްޕަރ ހޯގް އެންމެ ފަހުން ކުޅުނު 16 މެޗުގައި އޭނާއަށް ޖެހިފައިވަނީ އެންމެ ލަނޑެކެވެ.
މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 13 ވަނަ މިނިޓުގައި ބޯޑޯ ގްލިމްޓްގެ ޔެންސް ޕީޓަރ ހޯގް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ.
މެންޗެސްޓަރ ސިޓީ އިން މި މެޗުގައި ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ 60 ވަނަ މިނިޓުގައި ރަޔާން ޗަރކީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ސިޓީ އިން ލަނޑެއް ޖަހާ އުންމީދު އައު ކުރި ނަމަވެސް އޭގެ ދެ މިނިޓު ފަހުން އެ ޓީމުގެ ރޮޑްރީ އަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑަކާއިއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.
މި ނަތީޖާ އާއިއެކު މިއީ ބޯޑޯ ގްލިމްޓް އަށް އިނގިރޭސި ޓީމެއް އަތުން މޮޅުވި ފުރަތަމަ ފަހަރެވެ.