ޕާކިސްތާނުގެ ކަރާޗީގެ މޯލެއްގައި ހިނގި އަލިފާނުގެ ހާދިޘާއެއްގައި މަރުވި މީހުންގެ ޢަދަދު 50އަށް އަރައިފިއެވެ.
1،200އަށްވުރެ ގިނަ ފިހާރަ ހުންނަ ގުލް ޕްލާޒާ މޯލްގައި ރޯވި މި އަލިފާންގަނޑަކީ ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ޕާކިސްތާނުގައި ހިނގާފައިވާ އެންމެ ބޮޑު އަލިފާނުގެ ހާދިޘާއެވެ. ޖަނަވަރީ މަހުގެ 17ވަނަ ދުވަހު ރޯވި އަލިފާންގަނޑު ނިއްވައިލުމަށް ގިނަ މަސައްކަތްތަކެއް ކޮށް، އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލްކޮށް ނިއްވައިލެވުނީ ޖަނަވަރީ މަހުގެ 20ވަނަ ދުވަހުއެވެ. އޭރު މުޅި އިމާރާތް ވަނީ އަނދާ އަޅިއަށްވެފައެވެ.
އެ ހާދިޘާއާ ގުޅިގެން 84 މީހަކު ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ. ގެއްލިފައި މީހުން އިމާރާތުގެ ތެރޭގައި މަރުވެފައިވާ ކަމަށް ބެލެވެއެވެ. އެހެން ކަމުން މަރުވި މީހުންގެ ޖުމްލަ ޢަދަދު ކުރިއަށް އޮތް ތަނުގައި އަދި ވެސް އިތުރުވާނެ ކަމަށް ބެލެވެއެވެ. އަލިފާނުގެ ހާދިޘާ ހިނގުމަށް މެދުވެރިވީ ކަރަންޓުގެ މައްސަލައެއް ދިމާވެގެން ކަމަށް ބެލެވެއެވެ. ކަމާ ގުޅޭ އިދާރާތަކުން އަދިވެސް ދަނީ އަލިފާން ރޯވި ސަބަބު ތަހުޤީޤުކުރަމުންނެވެ.
ހާދިޘާގައި މަރުވި މީހުންގެ ޢާއިލާތަކަށް ބަދަލުގެ ގޮތުގައި 35،000 އެމެރިކާ ޑޮލަރު ދިނުމަށް، ކަރާޗީ އޮންނަ ސިންދު ޕްރޮވިންސުގެ ސަރުކާރުން ވަނީ ނިންމާފައެވެ.