ކުޅިވަރު

ނެޓްބޯޅަ އެސޯސިއޭޝަނަށް ވަޒީރު ދެއްވީ ޔަގީންކަން


ނެޓްބޯޅަ އެސޯސިއޭޝަނާއެކު ކުޅިވަރު ވަޒީރު ހުންނެވީ ވަރަށް ޕޮޒިޓިވްކޮށްކަމަށާއި އުންމީދަކީ މިއަހަރަކީވެސް ނެޓްބޯޅައިގައި ކާމިޔާބު އަހަރަކަށްވުންކަމަށް ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސާ ފަޒްނާ ޖަލީލް ވިދާޅުވެއްޖެއެވެ.

ކުޅިވަރު ވަޒީރާއެކު ނެޓްބޯޅަ އެސޯސިއޭޝަނުގެ އިސްވެރިން ދާދިފަހުން ބޭއްވެވި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ފަޒްނާ ވިދާޅުވީ އެބައްދަލުވުމުގެ ތެރެއިން ގިނަ މަޝްވަރާތަކެއް ކުރެވިފައިވާކަމަށެވެ. އެގޮތުން އެސޯސިއޭޝަނުގެ މިއަހަރުގެ ކަލަންޑަރު ވަޒީރާއި ހިއްސާކުރައްވާފައިވާކަމަށް ފަޒްނާ ވިދާޅުވިއެވެ.

މިއަހަރުވެސް ގިނަ މުބާރާތްތަކެއް އެ އެސޯސިއޭޝަނުން ބާއްވަން ރާއްވަވާފަވާއިރު ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ރާއްޖެއިން މިއަހަރުވެސް ވާދަކުރާނެކަމަށް ފަޒްނާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގެ ތެރެއިން އެސޯސިއޭޝަނުން މިއަހަރަށް ރާވާފައިވާ ހަރަކާތްތަކުގައި ކުޅިވަރު ވުޒާރާގެ ފަރާތުން ފޯރުކޮށްދެވޭނެ އެހީތެރިކަމާ ގުޅޭގޮތުންވެސް ވަޒީރާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ބޮޑަށް މަޝްވަރާކޮށްފައިވަނީ މިއަހަރަށް ތާވަލުކޮށްފައިވާ ބައިނަލްއަޤުވާމީ މުބާރާތްތަކާ ގުޅޭގޮތުންނެވެ.

މީގެ އިތުރުން ގައުމީ ޓީމުތަކުގެ ތަޖުރިބާ އިތުރު ކުރުމަށް ބައިނަލްއަޤުވާމީ ދަތުރުތަކެއް ރާއްވަވާފައިވާއިރު އެކަމާއި ގުޅޭގޮތުންވެސް ވަޒީރާއި މައުލޫމާތު ހިއްސާކުރެއްވިކަމަށް ފަޒްނާ ހާމަކުރެއްވިއެވެ.

"ވަޒީރު ހުންނެވީ ވަރަށް ޕޮޒިޓިވްކޮށް. އުންމީދަކީ މިއަހަރަކީވެސް ނެޓްބޯޅައިން ގިނަ ކާމިޔާބުތަކެއް ހޯދޭނެ އަހަރަކަށްވުން" ފަޒްނާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގެ ތެރެއިން އެސޯސިއޭޝަނުން މިއަހަރަށް ރާވާފައިވާ ހަރަކާތްތަކުގައި ކުޅިވަރު ވުޒާރާގެ ފަރާތުން ފޯރުކޮށްދެވޭނެ އެހީތެރިކަމާއި ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވެއެވެ. އަދި ނެޓްބޯޅަ ކުރިއެރުވުމަށް ކުޅިވަރު ވުޒާރާގެ ފަރާތުން އެއްބާރުލުންދެއްވާނެކަމުގެ ޔަގީންކަން ވަޒީރު ދެއްވިކަމަށް ފަޒްނާ ވިދާޅުވިއެވެ.

ނިމިދިޔަ އަހަރަކީ ނެޓްބޯޅަ އެސޯސިއޭޝަނުން ގިނަ ކާމިޔާބުތަކެއް ހޯދި އަހަރެކެވެ. އެގޮތުން ނެޓްބޯޅައިން ބައިނަލްއަޤުވާމީ މައިދާނުގައި ވާދަކޮށް ރާއްޖެއަށް ރަން ވަނަތަކެއް ފާއިތުވެދިޔަ އަހަރު ގެނެސްދީފައިވާއިރު، ޖޫނިއަރ ޤައުމީ ނެޓްބޯޅަ ޓީމުން ވަނީ މިދިޔަ އަހަރުގެ ޖޫންމަހު ދެކުނު ކޮރެއާގައި ކުރިއަށްދިޔަ އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުގައި ވާދަކޮށް މުބާރާތުގެ ފަޚުރުވެރި ދެވަނަ ހާސިލްކޮށްފައެވެ.

އޭގެ އިތުރުން އެމުބާރާތުން ހޯދި ފަޚުރުވެރި ވަނައާއެކު ރާއްޖޭގެ ޖޫނިއާ ނެޓްބޯޅައިގެ މިހާރުގެ ރޭންކިންގ ވަނީ އޭޝިއާގެ ހަތް ވަނައަށް ކުރިއަށްޖެހިފައިކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން މިޓީމުން ވަނީ މިދިޔަ އަހަރުގެ މޭމަހު ހޮންގކޮންގްގައި ކުރިއަށްދިޔަ ބައުހީނިއާ ކަޕުގައިވެސް ވާދަކޮށް ރާއްޖެއަށް ތިންވަނަ ގެނެސްދީފައެވެ.