ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގެ ޖާގައެއް އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް އެސްޓަން ވިލާއިން ހޯދައިފިއެވެ.
އުނެއި އެމެރީގެ އިރުޝާދުގެ ދަށުން ކުޅެމުންދާ އެސްޓަން ވިލާއިން ދެވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ ތުރުކީގެ ފެނަބާޗޭ އާއި ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްގެންނެވެ.
މި މެޗުން މޮޅުވެ އެސްޓަން ވިލާއަށް ލިބުނު ތިން ޕޮއިންޓާއެކު އެ ޓީމުން ވަނީ، ފުރަތަމަ ބުރުގެ ލީގު ފޭސްގައި މިހާތަނަށް ކުޅުނު 7 މެޗުން ޖުމްލަ 18 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމް ހޯދާފައެވެ. އެއްވަނައިގައި އޮތް އޮލިމްޕިކް ލިއޯން އަށްވެސް ލިބިފައިވަނީ 18 ޕޮއިންޓެވެ.
ފެނަބާޗޭއިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު މި މެޗުގައި އެ ޓީމުން ވަނީ އެސްޓަން ވިލާގެ ގޯލަށް އަމާޒުކޮށް 8 ހަމަލައެއް ފޮނުވާލާފައެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ 25 ވަނަ މިނިޓުގައި މެންޗެސްޓަރ ޔުނައިޓެޑުން ލޯނު އެއްބަސްވުމެއްގެ ދަށުން އެސްޓަން ވިލާއަށް ކުޅޭ ޖޭޑަން ސަންޗޯ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއީ އޭނާ އެސްޓަން ވިލާއަށް ބަދަލުވި ފަހުން އެ ކްލަބަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.
މެޗުގެ ދެވަނަ ހާފުގައި ފެނަބާޗޭއިން ލަނޑެއް ޖެހި ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ.
ފުރަތަމަ ބުރުގެ ފަހު މެޗުގައި އެސްޓަން ވިލާއިން އަމިއްލަ ދަނޑުގައި އަންނަ ބުރާސްފަތި ދުވަހު ނިކުންނާނީ ރެޑްބުލް ސަލްޒްބަރގާ ދެކޮޅަށެވެ. އަދި އާދީއްތަ ދުވަހު ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް އެސްޓަން ވިލާ ކުޅޭނެއެވެ.