ޤަޟާނުކުރެވި ހުރި ފަރުޟު ރޯދައެއް ވާނަމަ، އެ ރޯދަތައް ޤަޟާކުރުމަށް ހުކުރު ހުތުބާގައި ގޮވާލައްވައިފިއެވެ.
މިއަދުގެ ހުކުރު ހުތުބާގެ މައުޟޫއަކީ "ޝައުބާން މަހު ކުރެވޭ ހެޔޮ ޢަމަލު" އެވެ.
ހުކުރު ޙުތުބާގައި ވިދާޅުވީ ފާއިތުވަމުން މިދާ ޝަޢުބާން މަހަކީ، ކަޢުބަތުﷲ ގެފުޅަށް މުސްލިމުންގެ ޤިބުލަ ބަދަލުވީ މަސްކަމަށް ގިނަ ޢިލްމުވެރިން ވިދާޅުވާ ކަމަށެވެ. އޭގެ ކުރީން މުސްލިމުންގެ ޤިބުލައަކީ އަލްމަސްޖިދުލް އަޤްޞާއެވެ. އަދި މި މަހަކީ މައްސަރުތަކުގެ ތެރެއިން ޚާއްޞަ މަހެއް ކަމަށެވެ. މިއީ ރަމަޟާން މަހަށް މަރުޙަބާ ކިޔަން ތައްޔާރުވަމުން އަންނަ މަހެއް ކަމަށާއި މި މަހު ރޯދައާ ބެހޭ ޙުކުމްތައް އުނގެނި، ރަމަޟާންމަހުގެ ރޯދަހިފުމަށް ތައްޔާރުވާން ޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި މި މަހު، ހެޔޮ ޢަމަލުކުރުން ގިނަކޮށް، އަޅުކަމަށް ފަރުވާ ބަހައްޓައި ހީވާގިވުމަށް ޚުތުބާގައި ވިދާޅުވިއެވެ. އެއީ އެ މަހެއްގައި ޢާލަމުތަކުގެ ވެރި ރަސްކަލާނގެ ޙަޟުރަތަށް ޢަމަލުތައް އުފުއްލެވޭ މަހަކަށްވާތީއެވެ.
މާތް ނަބިއްޔާ، ޝަޢުބާން މަހު ހެޔޮ ޢަމަލުކުރެއްވުން ގިނަކުރެއްވި ކަމަށާއި އެއީ ސުންނަތް ރޯދަ ހިއްޕެވުމާއި، ސުންނަތް ނަމާދު ކުރެއްވުމާއި އެހެނިހެން ހެޔޮ ޢަމަލުތައް ކަމަށް ޙުތުބާގައި ވިދާޅުވިއެވެ. ނަމަވެސް ހެޔޮ ޢަމަލު ކުރުމުގައި، ކީރިތި ރަސޫލާ އިރުޝާދު ދެއްވާފައިވާ މިންގަނޑެއްވާ ކަމަށާއި އެއީ މަދުން ނަމަވެސް އެ ކަމުގައި ދެމިހުރުން ކަމަށް ވިދާޅުވިއެވެ. ޙުތުބާގައި ވިދާޅުވީ ބައެއް މީހުން އެ މީހުންނަށް ދާއިމީ ގޮތެއްގައި ކުރަން ދަތިވާ މިންވަރަށް ބައެއް ހެޔޮ ޢަމަލުކުރާން ފަށާ ކަމަށެވެ. އެހެންނަމަވެސް ދުވަސްކޮޅަކުން އެކަން ބުރަ ކަމަކަށްވެ، އެ ޢަމަލުކުރުން ދޫކޮށްލައި ކަމަށާއި އެއީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. މުސްލިމެއްގެ ޙަޔާތުގައި ކުރާ ހުރިހައި ޢަމަލުތަކެއްވެސް ކީރިތި ރަސޫލާގެ ސުންނަތާ އެއްގޮތަށްކޮށް، އެކަލޭގެފާނުގެ މަތިވެރި ސުންނަތް ދިރުވުމަކީ މުހިންމު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ހުކުރު ޙުތުބާގައި ވިދާޅުވީ، ރަމަޟާންމަސް އައިސް ކުޑަތަންވުމުން ރޯދައާ ބެހޭ ޙުކުމްތައް އުނގެނި ދަސްކުރުމާއި، ހާރު ކެއުމާއި، ރޯދަ ވީއްލުމާއި، އެ ދެމެދުގައި ރޯދަވެރިއާ ޢަމަލުތައް ބަހައްޓާންވީ ގޮތް ދަސްކުރުމާއި، ރޯދަ ގެއްލޭ ގޮތްތަކާއި، ގެއްލޭ ރޯދަ ޤަޟާ ކުރުމުގެ ޙުކުމްތަކާއި، ފިދުޔަދޭން ޖެހޭ ޙާލަތްތަކާއި، އޭގެ މިންވަރުތައް ދަސްކުރުން މުހިންމު ކަމަށެވެ. ބަލި މީހުންނާއި ޢުޛުރުވެރީން، ރޯދަ ދޫކޮށްލުން ހުއްދަވާ ޙާލަތްތަކާއި، އެ ނޫން ޙާލަތްތައް ދެނެގަތުމާއި އަދި އަނބިދަރީންނަށް އެ ޙުކުމްތައް ދަސްކޮށްދިނުމާއި، ރޯދައަށް ތައްޔާރުވުމުގެ ގޮތުން ރޯދަމަސް ފެށެން އެއް ދުވަސް ނުވަތަ ދެ ދުވަހަށް ވީމާ ރޯދަ ހިފުމެއް ނެތްކަމަށްވެސް ވިދާޅުވިއެވެ.
"ވޭތުވެ ދިޔަ އަހަރުތަކުގައި ޤަޟާ ނުކުރެވި ހުރި ފަރުޟު ރޯދައެއް ވާނަމަ، އެ ރޯދަތައް ޤަޟާ ކުރުމަށް އަވަސްވެ ގަންނާށެ. ރަމަޟާން މަހުގެ ރޯދައާއި އަޅުކަމަށް، ވަގުތު ދެވޭ ގޮތަށް، މަސައްކަތާއި ވަގުތު ރާވައިލާށެ. ރަމަޟާން މަހަކީ، އިސްރާފު ކުރުން ގިނަ މަހަކަށް ނުހަދާށެ. ވިޔަފާރިވެރީން ދީލަތިވެ، ރޯދައިގެ އިތުރަށް، ވިޔަފާރިއަކީ ވެސް ގިނަގުނަ ޘަވާބާއި ދަރުމަ ލިބޭ ވަސީލަތަކަށް ހަދާށެ. ރޯދަމަހު ޞަދަޤާތް ކުރުމަށް މިހާރުން ފެށިގެން ނިޔަތް ގަންނާށެ. ރޯދައިގެ ޘަވާބާއި ދަރުމަ ފުރިހަމައަށް ލިބޭނީ، ދުލާއި އެހެނިހެން ގުނަވަންތައް އުރެދުމުން ރައްކާތެރި ކޮށްގެންނެ" ޚުތުބާގައި ވިދާޅުވިއެވެ.
ޚުތުބާގައި ވިދާޅުވީ، ރޯދަވެރިޔާ ހުތުރު ބަހުން ވާހަކަ ދެއްކުމާއި، ޒުވާބުކުރުމާ ދުރުހެލިވާން ޖެހޭނެ ކަމަށެވެ. ރަމަޟާން މަހަކީ، ކީރިތި ޤުރުއާނުގެ މައްސަރެއް ކަމަށާއި، އެ މަހަކީ، ގިނަގިނައިން ކީރިތި ޤުރްއާން ކިޔަވާ މަހަކަށް ހެދުމާއި، ތިބާގެ ހުރިހައި ޢަމަލުތަކެއް ކީރިތި ޤުރްއާނާއި، މާތް ނަބިއްޔާގެ ސުންނަތާ އެއްގޮތަށް ބައްޓަން ކުރަންޖެހޭ ކަމަށެވެ. އަދި ރޯދަ މަހަކީ، ގިނަގުނަ ދީނީ ދަރުސްތައް ދެވޭ މަހެއް ކަމުން، އެ ދަރުސްތަކަށް ވަގުތު ހުސްކޮށް، އެ ދަރުސްތައް އަޑުއަހައި، ދީނުގެ ޙުކުމްތައް އޮޅުންފިލުވަން ޖެހޭނެ ކަމަށްވެސް ހުކުރު ޚުތުބާގައި ވިދާޅުވިއެވެ.