ޚަބަރު

ދަރަނި ދެއްކުމަށް މިދިޔަ އަަހަރު ހޭދަކުރީ ރެކޯޑް މިންވަރެއް!


  • ދަރަނިތައް އަނބުރާ ދެއްކުމަށް 5.1 ބިލިޔަން ރުފިޔާ ވަނީ ހޭދަކޮށްފަ

  • މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 121.7 އިންސައްތައިގެ އިތުރުވުމެެއް

ނިމިދިޔަ 2025ވަނަ އަހަރަކީ ލޯނުތައް އަނބުރާ ދެއްކުމަށް ފަހުގެ ތާރީޚެއްގައި ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވާ އަހަރު ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެެ.

މާލީ ވުޒާރާއިން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުން ދައްކާގޮތުން، މިދިޔަ އަހަރު ނިމުނުއިރު ލޯނު ދެއްކުމަށް އެކަނިވެސް 5.1 ބިލިޔަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މިއީ ނިމިދިޔަ އަހަރުގެ ބަޖެޓުގައި އެކަމަށް ކަނޑައެޅި 3.8 ބިލިޔަން ރުފިޔާއަށްވުރެ އިތުރު އަދަދެކެވެ. އަދި 2024ވަނަ އަހަރު ލޯނު ދެއްކުމަށް ޚަރަދުކުރި 2.3 ބިލިޔަން ރުފިޔާއާ އަޅާ ބަލާއިރު 121.7 އިންސައްތަ އިތުރު އަދަދެކެވެ.

ދައުލަތުގެ ދަރަނި އަދާކުރުމަށް ކުރި ހޭދައިގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ލޯނުތަކުގެ އިންޓްރެސްޓެވެ. އެގޮތުން ލޯނު އިންޓްރެސްޓްގެ ގޮތުގައި އެކަނިވެސް 4.6 ބިލިޔަން ރުފިޔާ ސަރުކާރުން ވަނީ ދައްކާފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 1.4 އިންސައްތައިގެ އިތުރުވުމެކެވެ. ބޭރުގެ ފަރާތްތަކަށް ލޯނު ދެއްކުމަށް ޖުމްލަ 2.9 ބިލިޔަން ރުފިޔާ ހޭދަކުރިއިރު، މީގެ ތެރޭގައި ބައިނަލްއަގްވާމީ ޖަމްއިއްޔާތަކާއި އެކި ގައުމުތަކުން ނަގާފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ ލޯނުތައް ހިމެނެއެވެ.

މާލީ ވުޒާރާއިން އާންމުކޮށްފައިވާ ރިޕޯޓުގައިވާގޮތުން 2024 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ޑެފިސިޓް ހުރީ 13.1 ބިލިޔަން ރުފިޔާގައެވެ. 2025 ވަނަ އަހަރުގެ ނިޔަލަށް މި އަދަދު ވަނީ 3.5 ބިލިޔަން ރުފިޔާއަށް ކުޑަކުރެވިފައެވެ. މިއީ ދައުލަތުގެ ޚަރަދުތައް ކޮންޓްރޯލްކުރުމާއެކު އާމްދަނީގެ ސިޔާސަތުތަކަށް ގެނެސްފައިވާ ބަދަލުގެ ހެޔޮ ނަތީޖާކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.

އިންވެސްޓަރުން ދައުލަތުގެ މާލީ ދެމެހެއްޓެނިވިކަން ވަޒަންކުރުމުގައި ބަލާ މުހިންމު މިންގަނޑެއް ކަމަށްވާ ޕްރައިމަރީ ބެލެންސް (ދަރަނީގެ އިންޓްރެސްޓް ޚަރަދު ނުހިމަނައި، އާމްދަނީއާއި ޚަރަދުގެ ފަރަގު) ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. އެގޮތުން 2024 ވަނަ އަހަރު 8.4 ބިލިޔަން ރުފިޔާގައި ހުރި ޑެފިސިޓްވި ޕްރައިމަރީ ބެލެންސް، 2025 ވަނަ އަހަރު ނިމުނުއިރު ހުރީ 1.2 ބިލިޔަން ރުފިޔާގެ ސަރޕްލަސްއެއްގައެވެ. މިއީ ފަހުގެ ތާރީޚެއްގައި ފުރަތަމަ ފަހަރަށް ޕްރައިމަރީ ސަރޕްލަސް އެއްގައި މާލީ އަހަރެއް ނިންމާލެވުނު ފުރަތަމަ ފަހަރުކަން މާލީ ވުޒާރާއިން ފާހަގަކުރައްވައެވެ.

ކުރީ ސަރުކާރުން ލޯނުތައް އަނބުރާ ދެއްކުމަށް ގެންގުޅު އުސޫލުތަކުގެ ސަބަބުން ރާއްޖެ ބަނގުރޫޓުވާނެ ކަމަށް ބުނަމުން ދިއުމާއެކު ރާއްޖޭގެ ސުކޫކުގެ އަގުވެސް އޭރު ވަރަށް ބޮޑަށް ދަށްވެގެންދިޔައެވެ. މާލީ ވުޒާރައިން ހާމަކޮށްފައިވާ ގޮތުގައި 2024ވަނަ އަހަރު އެޕްރީލް މަހުގެ ކުރީކޮޅު ސުކޫކުގެ އަގު ހުރީ ޑޮލަރަކަށް 67.4 ސެންޓުގައެވެ. ނަމަވެސް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅައި ދައްކަންޖެހޭ ދަރަނިތައް އެއްވެސް ލަސްވުމެއް ނެތި ދައްކަމުން ދިއުމުން ސުކޫކުގެ އަގު މައްޗަށް ޖެހިގެންދިޔައެވެ. މިއާއެކު، އިންވެސްޓަރުންގެ އިތުބާރު ވަރަށް ބޮޑަށް ރާއްޖެއަށް ލިބިގެންދިޔައެވެ.

ކުރީގެ ސަރުކާރުން 500 މިލިޔަން ޑޮލަރު (7.7 ބިލިޔަން ރުފިޔާ)ގެ ސުކޫކެއް ވިއްކާފައިވަނީ 2021ވަނަ އަހަރުގެ ތެރޭގައެވެ. މި ސުކޫކުގެ ކޫޕަން ނުވަތަ އިންޓަރެސްޓުގެ ގޮތުގައި އަހަރަކު ދެ ޕޭމަންޓަކަށް ބަހާލައިގެން ފަހަރަކު 25 މިލިޔަން ޑޮލަރުގެ މަގުން ޖުމްލަ 50 މިލިޔަން ޑޮލަރު ދައްކަންޖެހެއެވެ. މިއަހަރު އެޕްރީލް މަހު ސުކޫކުގެ މުއްދަތު ހަމަ ސުކޫކް އަނބުރާ ދެއްކުމަށް އެއްފަހަރާ 9.3 ބިލިޔަން ރުފިޔާ ޚަރަދު ކުރުމަށް މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވެއެވެ.