އިންޑޮނީޝިއާއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން، ބިންގަނޑު ކަނޑައިގެން ގޮސްގެން ހިނގި ޙާދިސާއެއްގައި މިހާތަނަށް ހަތް މީހުން މަރުވެފައިވާކަމަށް އެ ޤައުމުގެ ކާރިޘާތަކާބެހޭ އިދާރާއިން ބުނެފިއެވެ.
އެ އިދާރާއިން ބުނީ، ވެސްޓް ބަންޑުންގގައި އޮންނަ ކުޑަ އަވަށެއްގައި ބިންގަނޑު ކަނޑައިގެން ގޮސްގެން ހިނގި ޙާދިސާގައި އިތުރު 82 މީހުން ގެއްލިފައިވާ ކަމަށެވެ.
ގެއްލުނު މީހުން ހޯދުމަށް، އެންމެ އިސްކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ އިދާރާގެ ތަރުޖަމާނު ރޮއިޓަރސް ނޫހަށް ވިދާޅުވިއެވެ. އިންޑޮނީޝިއާގެ ހުޅަނގުގެ ސަރަޙައްދުތަކަށް މޫސުން ގޯސްވެ، ކުރިއަށް އޮތް ހަފްތާގައި ވެސް ބޯކޮށް ވާރޭވެހޭނެކަމަށް މޫސުމާބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
އިންޑޮނީޝިއާއަކީ ވިއްސާރަ މޫސުމުގައި ބިންގަނޑު ކެނޑުމާއި ކިސަޑު ފޭބުމުގެ ނުރައްކާ ބޮޑު ޤައުމެކެވެ. މި ފަދަ ނުރައްކާތެރި ހާދިސާތައް އިތުރުވެފައި ވަނީ ޖަންގަލިތަކުން ގަސްކެނޑުން އިތުރުވުމާއި، ނުޤަވާޢިދުން މައިން ކުރުމުގެ މަސައްކަތް ކުރާ ސަރަޙައްދުތަކުގައި ކަމުގައި އެ ޤައުމުގެ ކަމާ ގުޅޭ އިދާރާތަކުން ހާމަކުރިއެވެ.