ޚަބަރު

ސިޓީ މޮޅުވެ އާސެނަލް އާއި ދެމެދުގައިވާ ފަރަގު ކުޑަކޮށްފި


  • ސިޓީއަށް ވަނީ 46 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމް ލިބިފަ

  • އެއްވަނައިގައި އޮތް އާސެނަލް ލިބިފައިވަނީ 50 ޕޮއިންޓް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވުލްވްސް އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ސިޓީ މޮޅުވެ އެއްވަނައިގައި އޮތް އާސެނަލް އާއި ދެމެދުގައިވާ ފަރަގު ކުޑަކޮށްފިއެވެ.

މި މެޗުން ސިޓީ މޮޅުވުމާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 23 މެޗުން ޖުމްލަ 46 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމް ލިބިފައެވެ. އެއްވަނައިގައި އޮތް އާސެނަލް އެއް މެޗު މަދުން ކުޅެގެން ލިބިފައިވަނީ 50 ޕޮއިންޓެވެ.

ނަމަވެސް މިއަދު މެންޗެސްޓަރ ޔުނައިޓެޑް އާއި ދެކޮޅަށް އާސެނަލް ކުޅޭ މެޗުން އާސެނަލް މޮޅުވެއްޖެނަމަ އެ ފަރަގު އަނެއްކާވެސް ހަތް ޕޮއިންޓަށް އިތުރުވެގެންދާނެއެވެ.

މެންޗެސްޓަރ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 6 ވަނަ މިނިޓުގައި އުމަރު މަރްމޫޝް ވަނީ ލަނޑެއް ޖަހާ ސިޓީ އަށް ކުރި ހޯދަދީފައެވެ. މިއީ މި ސީޒަނުގައި ޕްރިމިއާ ލީގުގައި އޭނާ ޖެހި ފުރަތަމަ ލަނޑެވެ.

މި މެޗަށް މެންޗެސްޓަރ ސިޓީ ނިކުތްއިރު އެ ޓީމުގެ ކޯޗު ޕެޕް ގަޑިއޯލާ ވަނީ ފޯވަޑް އާލިން ހާލަންޑްގެ ބަދަލުގައި މަރްމޫޝް އަށް ފުރަތަމަ ޓީމުން ފުރުސަތު ދީފައެވެ. އަދި ހާލަންޑް މި މެޗުގައި ކުޅެން އަރުވާފައިވަނީ މެޗުގެ 73 ވަނަ މިނިޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.

މެންޗެސްޓަރ ސިޓީ އިން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީ މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނިޓުގައި އެންޓޮއިން ސެމެންޔޯ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

މެންޗެސްޓަރ ސިޓީ މި މެޗުން މޮޅުވެ ތިން ޕޮއިންޓް ލިބުނުއިރު ޕްރިމިއާ ލީގުގައި އެ ޓީމުން އެންމެ ފަހުން ކުޅުނު ހަތަރު މެޗުންވެސް މޮޅުވެފައެއް ނުވެއެވެ.