ޚަބަރު

ދުންފުހުގެ އަސަރު ދަށްވެ ދުރުފެންނަ މިންވަރު 6 ކިލޯމީޓަރަށް


  • ކުރިއަށް އޮތް ދެ ތިން ދުވަހުވެސް ދުންފުހުގެ އަސަރު ކުޑަވާނެކަމަށް

ދުން ފުހުގެ އަސަރު ދަށްވެ، ދުރު ފެންނަ މިންވަރު އިތުރުވެފައިވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މުޅި އިރުވައި މޫސުމުގައިވެސް އެކި ދުވަސްތަކުގައި ރާއްޖެއަށް ދުންފުހުގެ އަސަރު އަންނަނީ ކުރަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ދުންފުހުގެ އަސަރު ދަށްވެ ދުރު ފެންނަ މިންވަރު އިތުރުވެފައިވާކަމަށެވެ. އެގޮތުން ދުރުފެންނަ މިންވަރު މިވަގުތު ހުރީ 6 ކިލޯމީޓަރުގައިކަމަށާއި، ކުރިއަށް އޮތް ދެ ތިން ދުވަހުވެސް ދުންފުހުގެ އަސަރު ކުޑަވާނެކަމަށް ވިދާޅުވިއެވެ.

ވައިގެ ސާފުކަން ހުރި މިންވަރު ދައްކައިދޭ "އައިކިއު އެއާ" ގެ މައުލޫމާތުތަކަށް ބަލާއިރު، ވައިގައި ހިމެނޭ "ފައިން ޕާޓިކިއުލޭޓް މެޓާ" (ޕީއެމް2.5) ގެ މިންވަރު މިހާރު ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 14.2 މައިކްރޯ ގްރާމްގައެވެ. އެހެންކަމުން މިދިޔަ ދުވަސްތަކާއި އަޅާ ބަލާއިރު ވައިގެ ނުސާފުކަން ވަނީ ވަރަށް ބޮޑަށް ދަށްވެފައެެވެ.

ވައިސާފު ކަމުގެ މިންގަނޑަށް ބަލާއިރު 151-200 އާއި ދެމެދުގެ މިންގަނޑަކީ، ވައިގެ ނުސާފުކަން ނުރައްކާ މިންވަރެވެ. ރާއްޖެ ސަރަޙައްދުގެ ވައިނުސާފު ވެފައިވަނީ، އިރުވައި މޫސުމުގައި ރާއްޖޭގެ އުތުރުން އިންޑިއާ އަދި ހިމާލިޔާ ސަރަޙައްދުން އަންނަ ފުސްދުމާ އެކުގައެވެ.

ވައި ނުސާފުވާ ހާލަތްތަކުގައި ޞިއްޙީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދަނީ އިރުޝާދު ނެރެމުންނެވެ. ޚާއްޞަކޮށް ނޭވާލާ ނިޒާމާއި، ފުއްޕާމޭގެ ޞިއްޙީ އެކި މައްސަލަތައް ހުންނަ މީހުންނާއި، އެކި ބަލިތައް ތަޙައްމަލު ކުރާ މީހުން އަދި ތުއްތު ކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުންނަށް ނުރައްކާ ބޮޑެވެ.