ޚަބަރު

އިތާފުށީގެ މުވައްޒަފުންގެ ސަރވިސް ޗާޖު 4000 ޑޮލަރަށްވުރެ މަތީގައި!


  • މިއީ ޑިސެންބަރުމަހު އެންމެ ބޮޑު ސަރވިސް ޗާޖެއް ދިން ރިސޯޓު

  • 8 ރިސޯޓަކުން 1،000 ޑޮލަރަށްވުރެ ބޮޑު ސަރވިސް ޗާޖެއް ދިން

މިދިޔަ ޑިސެންބަރުމަހު ވޮލްޑޯފް އެސްޓޯރިއާ އިތާފުށި މޯލްޑިވްސްގެ މުވައްޒަފުންނަށް ސަރވިސް ޗާޖުގެ ގޮތުގައި، 4،117 ޑޮލަރު ނުވަތަ 63،484 ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ ޑިސެންބަރުމަހު އެންމެ ގިނަ އަދަދަކަށް މުވައްޒަފުންނަށް ސަރވިސް ޗާޖް ދިން ރިސޯޓެވެ.

ރާއްޖޭގެ މަތީ ފަންތީގެ ރިސޯޓްތަކަކީ ދުނިޔޭގެ ފެންވަރުގައި މަސައްކަތްތެރިންނަށް އެންމެ ބޮޑު ސަރވިސް ޗާޖު ބަހާ ރިސޯޓްތަކެވެ. އަދި ކޮންމެ އަހަރެއްގެވެސް ޑިސެންބަރު މަހާއި ޖަނަވަރީ މަހަކީ އެންމެ ބޮޑު ސަރވިސް ޗާޖެއް ދޭ ދެ މަހެވެ. މިދިޔަ އަހަރަށް ބަލާއިރު ޑިސެންބަރު މަހަކީ މި ފަހުން އެންމެ ބޮޑު ސަރވިސް ޗާޖެއް ދީފައިވާ މަހެއެވެ.

ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ދޭ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ރިސޯޓު ވޯކާސް މޯލްޑިވްސް ފޭސްބުކް ޕޭޖުގައި އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މިދިޔަ ޑިސެންބަރު މަހު އެންމެ ބޮޑު ސަރވިސް ޗާޖެއް ދީފައިވަނީ ވޮލްޑޯފް އެސްޓޯރިއާ އިތާފުށި މޯލްޑިވްސްއިންނެވެ. އެގޮތުން މިދިޔަ މަހު އެ ރިސޯޓުން ވަނީ ކޮންމެ މުވައްޒަފަކަށް 4،117 ޑޮލަރު ސަރވިސް ޗާޖުގެ ގޮތުގައި ދީފައިވާއިރު، މިއީ ދިވެހި ރުފިޔާއިން ބަލާނަމަ ގާތްގަނޑަށް 63،484 ރުފިޔާއެވެ.

ތަފާސްހިސާބުތަަކަށް ބަލާއިރު މިދިޔަ މަހު 8 ރިސޯޓަކުން ވަނީ 1،000 ޑޮލަރަށްވުރެ ބޮޑު އަދަދެއް ސަރވިސް ޗާޖުގެ ގޮތުގައި ދީފައެވެ.

1،000 ޑޮލަރަށްވުރެ ބޮޑު ސަރވިސް ޗާޖެއް ދިން ރިސޯޓުތައް:

* ވަން އެންޑް އޮންލީ ރީތިރަށް - 1،977 ޑޮލަރު / 30،485 ރުފިޔާ
* އަނަންތަރަ ކިހަވަށް - 1،895 ޑޮލަރު / 29،220 ރުފިޔާ
* ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓު - 1،875 ޑޮލަރު / 28،912 ރުފިޔާ
* ރިއު އެޓޯލް އެންޑް ޕްރައިވެޓް މޯލްޑިވްސް - 1،239 ޑޮލަރު / 19،105 ރުފިޔާ
* ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް ކާފު އެޓޯލް - 1،158 ޑޮލަރު / 17،856 ރުފިޔާ
* ޑަބްލިއު މޯލްޑިވްސް - 1،135 ޑޮލަރު / 17،501 ރުފިޔާ
* ސެންޓާރާ ގްރޭންޑް ލެގޫން - 1،111 ޑޮލަރު / 17،131 ރުފިޔާ
* އަވާނީ އެންޑް ފާރޭޝް - 1،070 ޑޮލަރު / 16،530 ރުފިޔާ

ރިސޯޓު ވޯކާސް މޯލްޑިވްސްގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މަހު އާންމުގޮތެއްގައި ގިނަ ރިސޯޓުތަކުގައި 500 އަދި 1000 ޑޮލަރާއި ދެމެދުގެ ސަރވިސް ޗާޖެއް ވަނީ ބަހާފައެވެ. މީގެ ތެރޭގައި ރާއްޖޭގައި ހިންގަމުންދާ ނަން މަޝްހޫރު ރިސޯޓުތައް ކަމަށްވާ ސިނަމަން ދޮންވެލި މޯލްޑިވްސް، ސަންސިޔާމް އޮޅުވެލިފުށި އަދި ސެންޓާރާ މައިރޭޖް ލެގޫންފަދަ ރިސޯޓުތައް ހިމެނެއެވެ.

ވަޒީފާއާ ބެހޭ ޤާނޫނުގައިވާ ގޮތުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ޚިދުމަތަކުން 10 އިންސައްތައަށްވުރެ މަދު ނޫން އަދަދަކުން ސަރވިސް ޗާޖު ނަގަން ޖެހެއެވެ. އަދި ސަރވިސް ޗާޖުގެ ގޮތުގައި ނަގާ ފައިސާ ވަޒީފާ ދޭ ފަރާތުގެ ހުރިހާ މުވައްޒަފުންގެ މެދުގައި ހަމަހަމަކަމާއެކު ބަހަން ޖެހެއެވެ.

ސަރވިސް ޗާޖަށް ލިބޭ އާމްދަނީ، ޖެހިގެން އަންނަ މަސް ނިމުމުގެ ކުރިން މުވައްޒަފުންނަށް ދޭން ޖެހެއެވެ. އަދި ސަރވިސް ޗާޖް ބެހުމުގައި އެ ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ގެންގުޅެގެން ނުވާނެ ކަމަށް އެ ގާނޫގައިވެއެވެ. ސަރވިސް ޗާޖު ދޭން ޖެހެނީ ޑޮލަރުންކަމެއް ނޫނީ ރުފިޔާއިން ކަމެއް ގާނޫނުގައި ބުނެފައިނުވި ނަމަވެސް ޒަމާނުއްސުރެން ފެށިގެން ސަރވިސް ޗާޖު ދެނީ ޑޮލަރުންނެވެ. ނަމަވެސް ފަހަކަށް އައިސް ބައެއް ރިސޯޓުތަކުން ދިވެހި ރުފިޔާއިން ސަރވިސް ޗާޖުވެސް ދޭން ފަށާފައިވާކަން ފާހަގަކޮށްލެވެއެވެ.