އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން އާސެނަލް ބަލިވެއްޖެއެވެ.
މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ކަމާއި ދާދި ފަހުން ވަގުތީ ގޮތުން ހަވާލުވި މައިކަލް ކެރިކްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުން ކުޅުނު މި މެޗުން އެ ޓީމު މޮޅުވިއިރު މިއީ އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި އެ ޓީމު ބަލިވި ފުރަތަމަ ފަހަރެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 29 ވަނަ މިނިޓުގައި އާސެނަލް އަށް ކުރި ލިބިފައިވަނީ ލިސަންދްރޯ މާޓިނޭޒް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.
ނަމަވެސް އޭގެ 8 މިނިޓު ފަހުން އާސެނަލްގެ މާތިން ޒުބިމެންޑީއަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ޔުނައިޓެޑްގެ ބްރަޔަން އެމްބުއޭމޯ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމްގައި ފަސްދޮޅަސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި މެންޗެސްޓަރ ޔުނައިޓެޑުން ފުރަތަމަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފަސްވަނަ މިނިޓުގައި ޕެޓްރިކް ޑޯގޫ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުންދާ އާސެނަލްއިން ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައިވަނިކޮށް ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މިކޭލް މެރީނޯއެވެ.
ނަމަވެސް އޭގެ ތިން މިނިޓު ފަހުން މެތިއުސް ކޫނިޔާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-2 އަށް ބަދަލުކޮށްފައެވެ.
މި ނަތީޖާ އާއިއެކު މެންޗެސްޓަރ ޔުނައިޓެޑް އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 23 މެޗުން ލިބިފައިވާ 38 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނަ މަގާމް ލިބިފަ އެވެ. އެއްވަނައިގައި އޮތް އާސެނަލް އަށް މެންޗެސްޓަރ ސިޓީ އާއި ދެމެދުވާ ފަރަގު ހަތް ޕޮއިންޓަށް އިތުރު ކުރުމަށް ލިބުނު ފުރުސަތު ވަނީ ގެއްލިފަ އެވެ. އެ ޓީމަށް 23 މެޗުން ލިބިފައިވަނީ 50 ޕޮއިންޓެވެ.