ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކުރުމަށް ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާޙުތައް ފާސްކުރުމަށްފަހު ވީހާވެސް އަވަހަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ޤަރާރު ނެރުމަށް އިލެކްޝަންސް ކޮމިޝަނުން އެދިއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ޤާނޫނުގައި މަދުވެގެން 45 ދުވަސް ދިނުމަށް ބަޔާންކޮށްފައިވާއިރު ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއެކު އެ ވޯޓު ނެގޭނީ އެންމެ ލަސްވެގެން މި މަހުގެ 18ވަނަ ދުވަހު ޤަރާރު ހުށަހަޅައިގެން ކަމަށެވެ. އަދި އެ އިންތިޚާބާއެކު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނަގަން ޖެހުނު ނަމަވެސް އިދާރީ ގޮތުން އެ ކޮމިޝަން ތައްޔާރަށް އޮތް ކަމަށްވެސް ވިދާޅުވިއެވެ.
ޒާހިދު ވިދާޅުވީ، މިފަދަ ވޯޓެއް ނަގާއިރު ރައްޔިތުންނަށް އޭގެ މައުލޫމާތު ސާފުކޮށްދޭން އެކަށީގެންވާ ވަގުތު ބޭނުންވާނެ ކަމަށެވެ. އެހެންވެ، ވީހާވެސް އަވަހަށް ވޯޓު ނެގުމަށް ޤަރާރު ހުށަހެޅުމަށް އެދިވަޑައިގެންނެވިއެވެ.
"ދެ އިންތިޚާބު އެއްވެގެންދާއިރު ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ވެއްޓަށް ފުދޭވަރެއްގެ ބޮޑު ބަދަލެއް ގެނެވޭނެ. އެހެންވީމަ ރައްޔިތުންނަށް މިކަމާބެހޭ މައުލޫމާތު އެކަށީގެންވާ ގޮތަށް ފޯރުކޮށްދެވޭނެ އެ ފުރުޞަތު އަޅުގަނޑު ދަންނަވާލަން މިއުޅޭ ވާހަކައަކީ ވީހާ އަވަހަކަށް އެގޮތަށް ކުރިއަށް ގެންދަވަން ކަމަށްވަންޏާ ވީހާ އަވަހަަކަށް މި ދެ ޕްރޮސެސް. މާނައަކީ ރައްޔިތުންގެ މަޖިލީހުން ޤާނޫނުއަސާސީއަށް މި ބަދަލު ގެނައުމާއި އަދި ރައީސުލްޖުމްހޫރިއްޔާ ވިޔަސް މަޖިލީހުންވިޔަސް ޤަރާރު ނެރުއްވައި، ވީހާވެސް އަވަހަކަށް އެކަން ކޮށްދެވޭނެ ގޮތްތަކެއް ހައްދަވައިދެއްވުމަކީ ވަރަށް މުހިންމު ކަމެއް،" އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.
ޒާހިދު ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށްލުމާ ގުޅޭ ބަހުސް ފެށުމާއެކު ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގަން އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވެފައިވާ ކަަމަށެވެ. މިހާރު ކުރިއަށްދާ ތަމްރީންތަކުގައިވެސް އެކަމަށް ތައްޔާރުވުމަށް ތަމްރީން ކުރެވޭނެކަން ފާހަގަކުރެއްވިއެވެ.
ދެ އިންތިޚާބު އެއްކޮށްލުމަށް މުޅި ރާއްޖޭގައި ވޯޓު ނަގަންޖެހޭއިރު، 60 މިލިޔަނާއި 80 މިލިޔަނާ ދެމެދުގެ ޚަރަދެއް ދާނެ ކަމަށާއި ނަމަވެސް ކުރިއަށް އޮތް އިންތިޚާބާއެކު ވޯޓު ނަގާނަމަ އިތުރަށް ބޭނުންވާނީ 20 މިލިޔަނެއްހާ ރުފިޔާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވިއެވެ.