ޚަބަރު

ރޯދަ އިނާޔަތް ދޭނީ މިމަހުގެ 12 ގައި


  • ރޯދަ އިނާޔަތް މިމަހުގެ 10ގެ ކުރިން ޕަބްލިކް އެކައުންޓިންގ ސިސްޓަމަށް އަޕްލޯޑްކުރުމަށް ސަރުކާރުން ވަނީ އެދިފައި

  • ސަރުކާރުގެ ވަޒީފާ އަދާކުރާ ކޮންމެ މުސްލިމަކަށް 3000 ރުފިޔާ

1447 ވަނަ އަހަރުގެ ރަމަޟާންމަހުގެ އިނާޔަތުގެ ފައިސާ ސަރުކާރުގެ އޮފީސްތަކުން މިމަހުގެ 12 ވަނަ ދުވަހު ދިނުމަށް ހަމަޖެހިފައިވާކަމަށް މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން ވަނީ ރަމަޟާންމަހުގެ އިނާޔަތު ފައިސާ ސަރުކާރުގެ އޮފީސްތަކުން ދިނުމުގައި ޢަމަލުކުރާނެ ގޮތް ބަޔާންކޮށް މާލިއްޔަތާބެހޭ ސާރކިއުލަރއެއް އާންމުކޮށްފައެވެ.

ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު 4 ވަނަ އިސްލާޙުގައި ބަޔާންކޮށްފައިވާ ގޮތަށް، ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރަމަޟާންމަހުގެ އިނާޔަތުގެ ގޮތުގައި 3000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މާލީ ވުޒާރާއިން ވަނީ މުސާރަ ލިބޭގޮތަށް އެއް ވަޒީފާއަށްވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ދޭއިރު، ހަމައެކަނި އެ މުވައްޒަފެއްގެ އަސާސީ ވަޒީފާ އަދާކުރަމުންދާ އޮފީހަކުން އިނާޔަތުގެ ފައިސާ ދިނުމަށް އަންގަވާފައެވެ. އަދި އިތުރަށް ވަޒީފާ އަދާކުރާ އޮފީހަކުން އިނާޔަތުގެ ފައިސާ ނުދިނުމަށްވެސް އަންގަވާފައެވެ.

ރަމަޟާން މަސް ފެށޭއިރު އޮފީހަށް ޚިދުމަތް ނުލިބޭގޮތަށް "ޕޭ ލީވް" (ސްކޮލަރޝިޕް މުވައްޒަފުން) އަދި "ނޯ ޕޭ ލީވް"ގައި ތިބޭ މުވައްޒަފުން އިނާޔަތް ލިބޭ މުވައްޒަފުންގެ ތެރޭގައި ނުހިމެނޭނެއެވެ. އަދި މިފަދަ ލީވް އެއްގައި ހުންނަ މުވައްޒަފަކު ރަމަޟާން މަހުގެ ތެރޭގައި އެނބުރި ޚިދުމަތަކަށް ނިކުމެއްޖެނަމަ އެދުވަހަކުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ޖެހޭ އަދަދެއް ބަލައި، އެ އަދަދަށް އިނާޔަތުގެ ފައިސާ ދެވޭނެއެވެ.

އިނާޔަތުގެ ފައިސާ މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ޕަބްލިކް އެކައުންޓިންގ ސިސްޓަމަށް އަޕްލޯޑްކޮށް ޕޯސްޓުކުރުމަށް މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ވަނީ ސަރުކާރުގެ އޮފީސްތަކަށް އަންގަވާފައެވެ.

ކަލަންޑަރުގައިވާގޮތުން 1447 ވަނަ އަހަރުގެ ރަމަޟާން މަސް ފެށޭނީ މިމަހުގެ 18 ވާ ބުދަ ދުވަހުއެވެ.