ރާއްޖޭގައި ކާމިޔާބުކަމާއެކު އައިވީއެފް މެދުވެރިކޮށް 2 ކުދިން އުފަންވެއްޖެއެވެ. ނޭޝަނަލް ފަރޓިލިޓި ސެންޓަރުން ވިދާޅުވާ ގޮތުގައި ފުރަތަމަ ކުއްޖާގެ ޢުމުރުން މިހާރު 27 މަހެވެ. އަދި ދެވަނަ ކުއްޖާގެ ޢުމުރުން 23 މަހެވެ. މިއީ ރާއްޖޭގެ ދަރިމައިވުމުގެ ސިއްޙަތުގެ ދާއިރާއިން ހޯދާފައިވާ ބޮޑު ކާމިޔާބީއެކެވެ. މިކަން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ.
ދުޅަހެޔޮ ދަރިއަކު ހޯދުމަކީ ކޮންމެ ޢާއިލާއެއްގެވެސް އެންމެ ބޮޑު އުއްމީދެވެ. އެހެންނަމަވެސް ސިއްޙީ އެކި މައްސަލަތަކާއެކު މިއުއްމީދު ފުރިހަމަނުވެ ތިބި އެތައް ޢާއިލާއެއް މިކުޑަ މުޖުތަމަޢުގައިވެސް އެބަތިއްބެވެ. އެފަދަ އެތައް ޢާއިލާއެއްގެ އުދާސްތައް އަޑުއައްސަވާ ރާއްޖޭގެ ފުރަތަމަ ފަރޓިލިޓީ ސެންޓަރުގެ ޚިދުމަތް ސަރުކާރުން ފެއްޓެވީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުގައެވެ. ސެންޓަރަށް އަހަރެއް ވެގެންދިޔައިރު ރާއްޖޭގެ މުޅި ސިއްޙީ ނިޒާމަށްވެސް އިންޤިލާބީ ކުރިއެރުމެއް މިވަނީ ލިބިގެން ގޮސްފައެވެ.
ސަބަބަކީ ތުއްތު ދަރިއެއް ހޯދުމަށް އެތައް ގޮތަކުން މަސައްކަތްކޮށް އުއްމީދު ގެއްލިފައިވީ 2 ޢާއިލާއަށް ލިބިގެންދިޔަ އުއްމީދެވެ. ދަރުމަވަންތަ ހޮސްޕިޓަލްގެ ފަރޓިލިޓީ ސެންޓަރުގައި އުފަންވި ފުރަތަމަ ކުއްޖާގެ ޢުމުރުން މިހާރު 27 މަހެވެ. އަދި ދެވަނަ ކުއްޖާގެ ޢުމުރުން 23 މަހެވެ. މިއީ އެޢާއިލާތަކާއި މުޅި ފަރޓިލިޓީ ސެންޓަރުގެ ޓީމަށް ލިބުނު އުފަލެކެވެ.
President Dr @MMuizzu and First Lady @sajidhaamohamed attend ceremony celebrating key milestones achieved by the National Fertility Centre. pic.twitter.com/NiBbualFXp
— The President's Office (@presidencymv) February 3, 2026
ފަރޓިލިޓީ ސެންޓަރުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޮބްސްޓެޓްރިކްސް އެންޑް ގައިނަކޮލޮޖީ ކްލިނިކްގެ ޑިރެކްޓަރ ޑރ. މުޙައްމަދު އަސީލް ޖަލީލް ވިދާޅުވީ ފަރޓިލިޓި ސެންޓަރުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުންދާނެކަމަށެވެ. އަދި މާލޭގައި މިޚިދުމަތް ފެށުނުނަމަވެސް، މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.
"ރާއްޖޭގެ ހުރިހާ ރީޖަނަލް ހޮސްޕިޓަލެއްގައި މިފަރުވާ ދެވޭނެ ނިޒާމެއް ޤާއިމުކުރުމަށް މިދަނީ ރާވަމުން. އަދި ފަސޭހައިން ރައްޔިތުން ތިބި ސަރަޙައްދެއްގައި ޚިދުމަތް ލިބޭނެ ގޮތަށް ކަންކަން ބައްޓަންކުރުމަށްދަނީ މަސައްކަތްކުރަމުން." ޑރ.އަސީލް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަރޓިލިޓި ކޮންސަލްޓަންޓް ޑރ. ޖަޔަދީޕް ޓަންކް ވިދާޅުވީ ރާއްޖޭގެ ފަރޓިލިޓީ ސެންޓަރު މިވޭތުވެދިޔަ އަހަރެއްގެ ތެރޭގައި ގިނަ ކާމިޔާބީ ހޯދާފައިވާކަމަށެވެ. އެގޮތުން ޓީމެއްގެ ގޮތުގައި ފަރޓިލިޓީ ސެންޓަރުގެ ޓީމު ވަރުގަދަވެ، އިތުރު ތަމްރީނުތަކާއެކު މިދާއިރާއަށް އާއިލާތަކުގެ އިތުބާރު ލިބެމުންދާކަން ޑރ.ޖަޔަދީޕް ފާހަގަކުރެއްވިއެވެ.
"ދަރިމައިވުމުގެ މިދަތުރަކީ ޢައިލާތަކުން ކުރާ ނަފްސާނީ އަދި މާލީ ބޮޑު ދަތުރެއް. އެހެންކަމުން ޓީމުން ވަރަށް ގާތުން މިވަނީ މަސައްކަތްކޮށްފައި. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ކުދިން މިސެންޓަރުގެ އެހީގައި އުފަންވުމަކީ ކުރާ އުއްމީދެއް." ޑރ.ޖަޔަދީޕް ވިދާޅުވިއެވެ.
ފަރޓިލިޓި ސެންޓަރަށް އަހަރެއްވީއިރު ދަރިމައިވުމަށް އެދޭ 578 ދެމަފިރިއަކުވަނީ ޑޮކްޓަރަށް ދައްކާފައެވެ. އަދި އެމުއްދަތުގެ ތެރޭގައި އައިވީއެފް ހެދުމަށް 96 މީހަކު ހޮވާ އޭގެތެރެއިން 86 އަންހެނުންގެ ބިސް ނެގުމުގެ މަރުޙަލާވަނީ ފުރިހަމަކޮށްފައެވެ. އަދި 68 އަންހެނުންގެ ރަޙިމުގައި އެމްބްރިއޯ ބަދަލުކޮށްފައިވާކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ.
އޭގެ ތެރެއިން 23 އަންހެނުން މާބަނޑުވެފައިވާއިރު މިހާރު އަންނަނީ ވިހެއުމުގެ ދުވަސްތައް ހޭދަކުރަމުންކަމަށް ހޮސްޕިޓަލުން ވިދާޅުވެއެވެ. މީގެއިތުރުން ކެންސަރުގެ ވޭން ތަޙައްމަލުކުރަމުންދާ 3 ބަލި މީހަކަށް ފަރުވާއަށްފަހު ދަރިމައިވެވޭނެ މަގުފަހިކޮށް ދިނުމަށް ފަރޓިލިޓީ ޕްރިޒަވޭޝަން ޚިދުމަތްވަނީ ފޯރުކޮށްދީފައެވެ.
ރާއްޖޭގައި ތިބެގެން އާސަންދަ މެދުވެރިކޮށް އައިވީއެފް އަދި އައިޔޫއައިގެ ޚިދުމަތް ފެށިގެން ދިޔުމާއެކު އެތައް ޢާއިލާތަކަކުން އުފުލަމުންދިޔަ ތަކުލީފަށް މިވަނީ ނިމުމެއް އައިސްފައެވެ. މިއީ މުޅި ރާއްޖޭގެ ސިއްޙީ ނިޒާމުން ހޯދާފައިވާ ބޮޑު ކާމިޔާބީއެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.