އިޓަލީގެ އިންޓީރިއާ މިނިސްޓްރީން އިޓާލިއަން ލީގުގެ އެއްވަނާގައި އޮތް މަޝްހޫރު ކުލަބު އިންޓަމިލާން ދަތުރު ކުރުން މަނާކޮށްފި އެވެ.
މިނިސްޓްރީން މި ގޮތަށް ނިންމީ އަންނަ މާޗު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށެވެ. މި އަދަބުގެ ސަބަބަކީ ކްރޮމޮނޭސީގެ ކީޕަރާ ދިމާލަށް އިންޓަމިލާނުގެ ސަޕޯޓަރުން ދުންބޯޅަ އުކާފައިވާތީ އެވެ. މިކަން ހިނގީ މިދިޔަ އާދީއްތަ ދުވަހު މި ދެ ޓީމު ބައްދަލުކުރި މެޗުގަ އެވެ.
މި އަދަބާއެކު މެޗުތަކަށް ރަށުން ބޭރުގައި ކުޅެން ޖެހޭ މެޗުތަކުގެ ޓިކެޓް ވިއްކުން ވެސް އިންޓަ އަށް ވަނީ މަނާކޮށްފަ އެވެ. މިނިސްޓްރީގެ މި އަދަބުގެ ސަބަބުން އިންޓަމިލާނުގެ ސަޕޯޓަރުންނަށް އެ ޓީމު ކުޅޭތަން ބަލަން ދަތުރު ނުކުރެވޭނީ އިޓާލިއަން ލީގުގައި އަންނަ އާދިއްތަ ދުވަހު ސަސޫލޯ އާއި ލެއްޗެ އަދި ފޮއިރެންޓީނާއާ ދެކޮޅަށް ކުޅޭ މެޗެވެ. ނަމަވެސް މިލާނުގެ އެންމެ ވާދަވެރި ދެ ޓީމު ކަމަށްވާ އިންޓަ އާއި އޭސީ މިލާން މާޗު މަހުގެ އަށް ވަނަ ދުވަހު ކުޅޭ މެޗު މި އަދަބުގެ ތެރޭގައި ނުހިމަނަ އެވެ.
މިނިސްޓްރީން ބުނީ މި އަދަބަކީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ އިދާރާއިން ކުރާ މަސައްތަކަށް މިލާނުގެ ސަޕޯޓަރުން ހުރަސް އަޅާފައިވުމުން ދީފައިވާ އަދަބެއް ކަމަށެވެ. އަދި އިންޓަގެ ސަޕޯޓަރުންގެ އަމަލުތަކަކީ ކުޅިވަރު މުބާރާތްތައް ވާދަވެރިކަމާއި ސުލްހަވެރިކަމާއެކު ކުރިއަށް ގެންދަން އެޅުނު ހުރަހެއް ކަމަށެވެ.
އިންޓަމިލާން މިވަގުތު އިޓާލިއަން ލީގުގެ އެއްވަނާގައިވަނީ އަށް ޕޮއިންޓްގެ ލީޑަކާ އެކުގަ އެވެ.