ބައެއް ރަށްރަށުން އެދެމުން އަންނާތީ ތާރާއި ގައު ނާޅާ މަގު ހެދޭނެ އައު ކޮންސެޕްޓެއް ފަރުމާކޮށްފައިވާކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް ނަޒީމް ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ ނަޒީމް ވިދާޅުވީ މަގުހެދުމުގެ މަޝްރޫޢުތައް ރާއްޖޭގެ ހުރިހާ ރަށެއް ހިމެނޭހެން ކުރިއަށްގެންދިއުމަށް ނިންމާފައިވާއިރު، އެކި ރަށްރަށުގައި މަސައްކަތް ގެންދާނީ އެކި ކޮންސެޕްޓްތަކަށްކަމަށެވެ.
ނަޒީމް ވިދާޅުވީ ޒަމާނުއްސުރެ މަގު ހެދުމުގެ މަސައްކަތް ކުރިއަށްގެންދަނީ ގައު އަތުރައިގެން ނުވަތަ ތާރު އަޅައިގެންކަމަށެވެ. ނަމަވެސް މިހާރު މަގު ހެދުމުގެ މަސައްކަތްތައް ޕްލޭންކުރުމަށް ކައުންސިލްތަކާއި ރައްޔިތުންނާ މަޝްވަރާކުރާއިރު، ރަށުގެ ގުދުރަތީ ވެށި ނުގެއްލޭގޮތަށް އެކަން ކުރުމަށް ހުށައަޅަމުންދާކަމަށެވެ.
ގިނަ ރަށްރަށުގައި މަގު ހެދުމުގެ ބޭނުން ބޮޑަށް އިހްސާސްކުރެވެނީ ވިއްސާރަ ދުވަސްވަރު ފެން ބޮޑުވުމުންނެވެ. ނަޒީމް ވިދާޅުވީ ޚާއްސަކޮށް ރަށު ފަތުވެރިކަން ކުރާ ރަށްރަށުން އެދެމުންދަނީ، ރަށުގެ ވެލި މަގު އެގޮތުގައި ބޭއްވުމަށްފަހު، އެކަށީގެންވާ ފެން ހިންދާ ނިޒާމެއް އަޅައިދިނުމަށްކަމަށެވެ.
އެފަދަ ރަށްރަށަށް ޚާއްސަކޮށް، ހަމައެކަނި ފެން ހިންދާ އެކަށީގެންވާ ނިޒާމެއް އަޅާގޮތަށް، މަގުހެދުމުގެ މުޅިން އައު ކޮންސެޕްޓެއް އެކުލަވާލާ ބިނާރާ ބެހޭ ވުޒާރާއަށް ހުށައަޅާ އެކަމުގެ ހުއްދަ ލިބިފައިވާކަމަށް ނަޒީމް ވިދާޅުވިއެވެ.
"ޓޫރިޒަމް ވިޔަފާރި ކުރާ ތޮއްޑޫ، ރަސްދޫ، މާފުށި ފަދަ ރަށްރަށުން އެދެމުންދަނީ ވެލި މަގު ބާއްވާފައި، ރަނގަޅު ފެން ހިންދާ ނިޒާމަކަށް. ކޮންސެޕްޓް މިހާރު މިވަނީ މިނިސްޓްރީން ފާސްކޮށްފައި. ރަށުގައި ފެން ބޮޑު ނުވާނެހެން އެކަށީގެންވާ ފެން ހިންދާ ނިޒާމެއް އަޅާނީ، އޭރުން މިހާރުވެސް އޮންނަގޮތަށް ވެލި މަގު އޮންނާނީ." ނަޒީމް ވިދާޅުވިއެވެ.
ނަޒީމް ވިދާޅުވީ މަގު ހަދާއިރު، ތިމާވެއްޓާ ރަށްޓެހިގޮތަކަށް އެކަމުގެ މަސައްކަތްތައް ގެންދަން ބޭނުންވާކަމަށެވެ. ނަމަވެސް މަގުހެދުމަށް އަޑިން އެކި ނެޓްވޯކްތައް އަޅާއިރު، މަގުން ގަސްތައް ނަގަން ޖެހޭކަމަށެވެ. މިހާރު މަގުތައް ފަރުމާކޮށްފައި ހުންނަނީ ގަސް އިންދޭނެ ބައެއްވެސް ހިމެނޭގޮތަށެވެ. ނަމަވެސް ގަހު މޫ ދުރަށް ދުވާ ބޮޑެތި ގަސްތައް ހެއްދުމަކީ އެންމެ ދެމެހެއްޓެނިވި ގޮތް ނޫންކަމަށާއި، އޭގެ ސަބަބުން މަގު އަބަދުވެސް ހަލާކުވެ މަރާމާތުކުރަން ޖެހޭކަމަށް ނަޒީމް ވިދާޅުވިއެވެ.
ނަޒީމް ވިދާޅުވީ މަގު ހަދަން ކަނޑާ ކޮންމެ ގަހަކަށް މަދުވެގެން 1 ގަސް އިންދުމަކީ ކުންފުނިން މަސައްކަތް ކުރާނެ އުސޫލުކަމަށެވެ.