ތަރައްްޤީ

އައްޑުއާއި ފުވައްމުލަކުގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީ ފެންވަރަށް


އައްޑޫ ސިޓީއާއި ފުވައްމުލަކުގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެގޮތުން ފުވައްމުލަކާއި އައްޑޫ ސިޓީއާ ދެމެދު ދަތުރުކުރުމަށް އެއަރކޮންޑިޝަން ކޮށްފައިވާ، ފެންވަރު ރަނގަޅު ފެރީއެއް ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ފުވައްމުލަކަކީ ދަނޑުވެރިކަމުގެ ރަށަކަށްވާތީ ދަނޑުވެރިކަމުގެ ބާވަތްތައް އައްޑޫ ސިޓީއަށް ގެންދިޔުމަށް މުދާ އުފުލާ ފެރީއެއްގެ ޚިދުމަތްވެސް އެދެމެދު ޤާއިމްކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމް.ޕީ.އެލްއިން ވަނީ ނިންމާފައެވެ.

މިކަމާގުޅޭ މަސައްކަތްތައް މިހާރު ފެށިފައިވާކަމަށާއި ދެކުނުން އައްޑޫ ސިޓީއާއި ފުއްވަމުލަކުގައި އެމް.ޕީ.އެލްއިން ފަށާފައިވާ ދަތުރު ފަތުރުގެ ނިޒާމަކީ ވަރަށް ޒަމާނީ ފެންވަރުގެ ނިޒާމަކަށް ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެ ކުންފުނީގެ ސީ.އީ.އޯ މުޙައްމަދު ޖުނައިދު ވިދާޅުވިއެވެ. ޖުނައިދު ވިދާޅުވީ މިކަމަށް ޚަރަދުތައް ހަމަޖެއްސެވުމުގެ ޕްލޭންތައް ނިންމައި އެކަމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އައްޑުއާއި ފުވައްމުލަކުގައި ދޭ ކަނޑުދަތުރު ފަތުރުގެ ޚިދުމަތުގައި ޖުމްލަ 4 ލޯންޗާއި 2 ފެރީ ބޭނުންކުރެއެވެ. މި ޚިދުމަތުގައި ބޭނުންކުރާ ލޯންޗްތަކާއި ފެރީތަކަކީވެސް ފެންވަރު ރަނގަޅު ފެރީތަކާއި ލޯންޗްތަކެކެވެ. އެމް.ޕީ.އެލްއިން ބުނީ ކަނޑުދަތުރު ފަތުރުގެ ޚިދުމަތުގައި ބޭނުންކުރާނީ 62 މީހުންގެ ޖާގައިގެ 1 ލޯންޗާއި 11 މީހުންގެ ޖާގައިގެ އެއް ލޯންޗާއި 111 މީހުންގެ ޖާގައިގެ ދެ ފެރީކަމަށް އެކުންފުނިން މަޢުލޫމާތުދެއެވެ. އެ ކުންފުނިން ދަނީ މި ދެ އަތޮޅުގައި ބަހުގެ ޚިދުމަތްވެސް ދެމުންނެވެ.

އައްޑޫ އަދި ފުވައްމުލަކުގައި ދޭ ދަތުރުފަތުރުގެ ޚިދުމަތަކީ އެމް.ޕީ.އެލްއަށް އަހަރަކު ގާތްގަނޑަކަށް 19 މިލިޔަން ރުފިޔާގެ ގެއްލުމެއް ލިބޭ ކަމަކަށްވީނަމަވެސް، އެ ޚިދުމަތުން ލިބޭ ގެއްލުން ފައިދާއަށް ބަދަލުކުރާނެކަމަށް އެކުންފުނީގެ ސީ.އީ.އޯ ވަނީ ވިދާޅުވެފައެވެ.