ޚަބަރު

އީރާނުގެ އައު ޝަރުތުތަކާއެކު މަސްރަޙް އިތުރަށް ހޫނުވެދާނެ


ހަފުތާ ބަންދުގައި އީރާނާއި އެމެރިކާއާ ދެމެދު ފެށުމަށް ހަމަޖެހިފައިވާ މަޝްވަރާތަކުގެ މިސްރާބު ބަދަލުކޮށް ތަހްރާނުން އައު ޝަރުތުތަކެއް ހުށަހެޅުމާ އެކު، މަސްރަޙް އިތުރަށް ހޫނުވެދާނެ ކަމުގައި ބެލެވެން ފަށައިފިއެވެ. ފެބުރުވަރީ 6ވަނަ ދުވަހު ދެ ފަރާތުގެ ދެމެދުގައި މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ ތުރުކީވިލާތުގެ އިސްތަންބޫލުގައެވެ. ނަމަވެސް، އީރާނުން ވަނީ މަޝްވަރާތައް އޮމާނަށް ބަދަލު ކުރުމަށް ހުށަހަޅާފައެވެ. މީގެ އިތުރުން، ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމް ފިޔަވައި އެހެން މައުޟޫޢުތަކާ މެދު ވާހަކަ ދެއްކުމަށް ދެކޮޅު ހަދާފައެވެ.

އިސްތަންބޫލުގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތަކުގައި ސަޢޫދީ ޢަރަބިއްޔާ، ޕާކިސްތާން، ޤަޠަރު އަދި މިޞްރުގެ މަންދޫބުން ބައިވެރިވާ ގޮތަށް ވެސް އޮތީ ހަމަޖެހިފައެވެ. ނަމަވެސް، ތަހްރާނުން މިހާރު ހުށަހަޅާފައި ވަނީ، އީރާނާއާއި އެމެރިކާއާ ދެމެދު ސީދާ މަޝްވަރާތަކެއް ބޭއްވުމަށެވެ. މަޝްވަރާތަކުގައި އެމެރިކާ ތަމްސީލު ކުރައްވާނެ ކަމަށް ބެލެވެނީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފްގެ އިތުރުން ޓްރަމްޕްގެ ދަނބިދަރިކަލުން ޖަރެޑް ކުޝްނަރއެވެ. އީރާނު ތަމްސީލު ކުރައްވާނީ އެ ޤައުމުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީއެވެ.

އީރާނުން އައު ޝަރުޠުތަކެއް ހުށަހަޅާފައި މި ވަނީ އެމެރިކާގެ އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް އެބްރަހަމް ލިންކަން ހިމެނޭ ބިޔަ ލަޝްކަރެއް އީރާނު ކައިރިއަށް ފޮނުވުމާ އެކު މަސްރަޙް ހޫނުވެ، ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި، އެމެރިކާއާ އެކު މަޝްވަރާ ކުރުމަށް އީރާނުން އިންކާރު ކޮށްފި ނަމަ، އެ ޤައުމަށް ޙަމަލާ ދޭން ޖެހިދާނެ ކަމުގައި ވިދާޅުވެ، ޓްރަމްޕް އިންޒާރު ދެއްވާފައިވާ ވަގުތެއްގައެވެ.

މަސްރަޙް އިތުރަށް ހޫނުވެ، އެމެރިކާއާއި އީރާނުގެ އަސްކަރިއްޔާއާ ދެމެދު ކޮންމެވެސް ވަރެއްގެ ކުރިމަތިލުމެއް ވެސް ދާދިފަހުން ވަނީ ހިނގާފައެވެ. މި ގޮތުން، އެބްރަހަމް ލިންކަނާ ދިމާއަށް ދަތުރު ކުރި އީރާނުގެ އަސްކަރީ ޑްރޯނެއް އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކުން ވަނީ ވައްޓައިލާފައެވެ. މީގެ އިތުރުން، ހުރްމުޛް ކަނޑުއޮޅިން ދަތުރު ކުރަމުން ދިޔަ އެމެރިކާގެ ދިދަ ޖެހި ތެޔޮ އުފުލާ ބޯޓެއް އަތުލައިގަތުމަށް އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ން މަސައްކަތް ކޮށްފައިވާ ކަމުގައި އެމެރިކާއިން ތުހުމަތު ކުރެއެވެ.

މަޝްވަރާތަކުގައި އީރާނުގެ ބެލިސްޓިކް މިސައިލް ޕުރޮގުރާމާއި ސަރަހައްދީ ޖަމާޢަތްތަކަށް އީރާނުން އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓައިލުމަށް އެމެރިކާއިން ބާރުއަޅަމުންދިޔަ ނަމަވެސް، ތަހްރާނުން ދެކޭ ގޮތުގައި އެއީ އީރާނުގެ މިނިވަންކަމާއި އިސްތިޤުލާލަށް އަރައިގަތުމަށް އެމެރިކާއިން ހުށަހަޅާފައިވާ މައުޟޫޢުތަކެކެވެ. ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމުގައި ދޫތަކެއް ދިނުމަށް ތައްޔާރަށް އޮތް ކަމުގެ އިޝާރާތެއް ތަހްރާނުން ދިނުމަކީ ބޮޑު ކުރިއެރުމެއް ކަމުގައި މަސްރަޙް ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. މި ގޮތުން، މަތީ ފެންވަރަށް ފައްކާކޮށްފައިވާ ޔުރޭނިޔަމްގެ 400 ކިލޯ އެއްވެސް ޝަރުޠަކާ ނުލައި ޙަވާލު ކުރުމަށާއި، ޔުރޭނިޔަމް ފައްކާކުރުމުގެ މަސައްކަތް މަޑުޖައްސައިލުމަށް ތަހްރާނުން އެއްބަސްވެދާނެ ކަމުގައި އެ ޤައުމުގެ އޮފިޝަލަކު ވިދާޅުވެފައިވެއެވެ.