ޚަބަރު

ސުލްހައިގެ މަސައްކަތުގައި ޤާނޫނުހަދާ މަޖިލިސްތަކުގެ ދައުރު ބޮޑު


  • ދައުލަތް ހިންގުމާއި ފާރަވެރިވުމުގެ މައި ތަނބަކަށް ރައްޔިތުންގެ މަޖިލިސް ވެގެން ދިޔަކަން ފާހަގަކުރެއްވި

  • މަދަނީ ފުރުޞަތުތައް ފަހިކޮށްދިނުމަށް މުހިންމު ފިޔަވަޅުތަކެއް އެޅުނުކަމަށް ވިދާޅުވި

މަޝްވަރާކުރުމާއި، ޚިޔާލުތަފާތުވުންތައް ޙައްލުކޮށް އެއްބަސްވުންތަކަށް ވާސިލުވުމުގައި ޤާނޫނުހަދާ މަޖިލިސްތަކުން ބޮޑު ދައުރެެއް އަދާކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޡިމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ނައިބު ރައީސް ނާޡިމް މިހެން ވިދާޅުވީ، ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަން ސީ.ޕީ.އޭގެ ބައިނަލްއަޤްވާމީ ކޮންފަރެންސްގެ ޢާންމު ޖަލްސާގައި ދެއްވި ތަޤުރީރުގައެވެ. މި ކޮންފަރެންސް ކުރިއަށްގެންދާނީ މިމަހުގެ 3 އިން 7 އަށް ޕާކިސްތާނުގައެވެ.

ސީ.ޕީ.އޭގެ ބައިނަލްއަޤްވާމީ ކޮންފަރެންސްގެ ޢާންމު ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ތަޤްރީރުދެއްވާފައިވަނީ "ޞުލްޙައާއި ދީމިޤްރާޠީ އިތުބާރު: ޞުލްޙަވެރިކަން ޤާއިމުކުރުމުގެ އިންޖީނެއްގެ ގޮތުގައި ޤާނޫނުހަދާ މަޖިލިސްތައް" މި މައުޟޫޢަށެވެ.

މި މައުޟޫޢަށް ވާހަކަފުޅު ދައްކަވަމުން ނާޡިމް ވިދާޅުވީ، ޞުލްޙައަކީ ހަމައެކަނި ހަނގުރާމައެއް ނެތުން ނޫން ކަމަށާއި، އެއީ ހާމަކަން ބޮޑު، ހުރިހާ އެންމެން ޝާމިލުވާ، އަދި ޖަވާބުދާރީވަނިވި ވެރިކަމެއްގެ ތެރެއިން ރައްޔިތުންގެ އިތުބާރު ހޯދައިގެން ދެމެހެއްޓޭނެ ކަމެއް ކަމަށެވެ.

އަދި ޚާއްޞަކޮށް ދެކުނު އޭޝިއާގެ ސަރަޙައްދުގައި، އިތުބާރު ކުޑަވުމުގެ ސަބަބުން ބައިބައިވުމާއި، ހަލަބޮލިކަމާއި، ޚުދުމުޚުތާރު ވެރިކަމަކަށް މަގުފަހިވެދާނެ ކަމުގެ އިންޒާރު ދެއްވަމުން، މަޝްވަރާކުރުމާއި، ޚިޔާލުތަފާތުވުންތައް ޙައްލުކޮށް އެއްބަސްވުންތަކަށް ވާސިލުވުމުގައި ޤާނޫނުހަދާ މަޖިލިސްތަކުން އަދާކުރާ މުހިންމު ދައުރަށް ނާޡިމް އަލިއަޅުއްވާލެއްވިއެވެ.

ދިވެހިރާއްޖޭގެ ތަޖުރިބާއަށް ބައްލަވައިލައްވަމުން، 2008ވަނަ އަހަރު ރާއްޖެއަށް އައި ގިނަ ސިޔާސީ ޕާޓީތައް އެކުލެވޭ ދީމިޤްރާޠީ ބަދަލާއެކު، ދައުލަތް ހިންގުމާއި ފާރަވެރިވުމުގެ މައި ތަނބަކަށް ރައްޔިތުންގެ މަޖިލިސް ވެގެން ދިޔަކަން ނާޡިމް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނާއި، އެންޓި ޓޯޗަރ ޤާނޫނު އަދި ޖެންޑަރ އިކުއަލިޓީ ޤާނޫނު ފަދަ މުހިންމު ޤާނޫނުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަކީ، ޤާނޫނުގެ އިސްލާހީ ވެރިކަން ދަމަހައްޓައި މަދަނީ ފުރުޞަތުތައް ފަހިކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅުތަކެއް ކަމަށް ވިދާޅުވިއެވެ.

ނާޡިމް ވިދާޅުވީ، އެއީ ދީމިޤްރާޠީ އުޞޫލުތަކަކީ ތަންފީޛުކުރެވޭނެ ޙައްޤުތަކަކަށް ހަދައި، ދައުލަތުގެ މުއައްސަސާތަކަށް ރައްޔިތުންގެ އޮންނަ އިތުބާރު އިތުރުކުރުމަށް މަޖިލިސްތަކަށް ކުރެވިދާނެ މަސައްކަތްތަކުގެ މިސާލެއްކަމަށެވެ.

ނާޡިމް ވަނީ ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށާއި އިޖުތިމާޢީ ބަދަހިކަން ޤާއިމުކުރުމުގައި ލާމަރުކަޒީ ނިޒާމަކީ މުހިންމު ނިޒާމެއް ކަމަށް ވިދާޅުވެފައެވެ. އަދި، ދެމެހެއްޓެނިވި ހަމަޖެހުމެއް ކަށަވަރުކުރުމަށްޓަކައި، ޞުލްޙައިގެ އެއްބަސްވުންތަކަކީ ޤާނޫނީ އަދި ދުސްތޫރީ އޮނިގަނޑެއްގެ ތެރޭގައި ހިމެނިފައިވާ ކަންކަމަށް ވާންޖެހޭނެކަން ފާހަގަކުރެއްވިއެވެ.

ތަޤުރީރު ނިންމަވާލައްވަމުން މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޡިމް ވިދާޅުވީ، ޞުލްޙައަކީ ބާރުގެ ބޭނުންކޮށްގެން މަޖުބޫރުން ކުރުވޭނެ ކަމެއް ނޫން ކަމަށާއި، ހަރުދަނާ، ހުރިހާ ފަރާތްތަކެއް ޝާމިލުވާ ދީމިޤްރާޠީ އިތުބާރު ބިނާވަނީ މެދުނުކެނޑި ކުރެވޭ އިޚުލާޞްތެރި މަސައްކަތްތަކުގެ މައްޗަށް ކަމަށެވެ. އަދި ވަރުގަދަ، ހުރިހާ ފަރާތްތަކެއް ޝާމިލުވާ އަދި ޖަވާބުދާރީވަނިވި ޤާނޫނުހަދާ މަޖިލިސްތަކަކީ ޞުލްޙަވެރިކަމާއި ދެމެހެއްޓެނިވި ދީމިޤްރާޠީ ނިޒާމެއްގެ ބިންގާ ކަމުގައި ނާޡިމް ވިދާޅުވިއެވެ.

މި ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވުނު ރީޖަނަލް އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި، ސީ.ޕީ.އޭ އޭޝިއާ ސަރަޙައްދުގެ ރިޔާސަތު (68 އިން ފެށިގެން 71 ވަނަ ކޮމަންވެލްތު ޕާލިމެންޓަރީ ކޮންފަރެންސާ ހަމައަށް) ރައްޔިތުންގެ މަޖިލީހާ ރަސްމީކޮށް ވަނީ ޙަވާލުކުރެވިފައެވެ.