ޚަބަރު

"ރާއްޖެއާއި ސްރީލަންކާއަކީ އެއް އާއިލާއެއް ފަދަ ބައެއް"


  • ލަންކާއަކީ ދިވެހިންގެ ދެވަނަ ގެ ކަމަށް ވިދާޅުވި

  • ލަންކާއިން ދިވެހިންނަށް ދެމުންދާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރުއަދާކުރެއްވި

ސްރީލަންކާއަކީ ހަމައެކަނި އަވަށްޓެރި ގައުމެއް ނޫން ކަމަށާއި، އެޤައުމުގެ ރައްޔިތުންނަކީ ގާތް އެކުވެރިންތަކެއްގެ އިތުރުން އެއް އާއިލާއެއް ފަދަ ބައެއް ކަމަަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ސްރީލަންކާގެ 78ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ ސްރީލަންކާގެ 78 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ލަންކާގެ ރައީސް އަނޫރަ ކުމާރާ ދިސާނަޔަކެ އަދި އެގައުމުގެ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވާފައެވެ.

ވަޒީރު ޚަލީލް ވިދާޅުވީ، ދިވެހިންނަށް ސްރީލަންކާއަކީ ހަމައެކަނި އަވަށްޓެރި ގައުމެއް ނޫން ކަމަށާއި، އެއީ ވަރަށް ގާތް އެކުވެރިއެއްގެ އިތުރުން ކޮންމެ ގޮތަކުން ބެލިޔަސް ދިވެހިންގެ ދެވަނަ 'ގެ' ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަކީ ގަރުނުތަކެއްވީ ތާރީޚާއި، ސަގާފީ އެއްގޮތްކަމާއި، އެއްބާރުލުން ދިނުމުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާއިން ލަންކާއިން ދިވެހިންނަށް ދެމުންދާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ރާއްޖޭގެ ތަރައްގީގައި ލަންކާގެ ފަންނީ މަސައްކަތްތެރިން އަދާކުރާ މުހިންމު ދައުރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އޮތް ރައްޔިތުންގެ ގުޅުމަކީ މި ގުޅުމުގެ އެންމެ މުހިންމު އަސާސްކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ދާދިފަހުން ލަންކާއަށް ކުރިމަތިވި 'ޑިޓްވާ' ތޫފާނުގެ ހާދިސާއަށްވެސް އަލިއަޅުއްވާލެއްވިއެވެ.

"އެ ދަތި ދަނޑިވަޅުގައި ދިވެހިން އެހީތެރިކަން ފޯރުކޮށްދިނީ ހަމައެކަނި ޑިޕްލޮމެޓިކް އުސޫލަކުން ނޫން ކަމަށާއި، އެއީ ހިތުގެ އަޑިން އެކުވެރިއަކަށްޓަކައި ވީ އެހީތެރިކަމެއް. ލަންކާއަށް ދިމާވާ ކޮންމެ ގޮންޖެހުމަކީ ދިވެހިންނަށްވެސް ކުރިމަތިވާ ގޮންޖެހުމެއްކަން އެހީތެރިކަން ފޯރުކޮށްދިނުމުގައި ދިވެހިން ދެއްކި އަވަސްމިނުން ސާބިތުވޭ." ވަޒީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްރީލަންކާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ރިޒްވީ ހަސަން ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި އޮތީ ތާރީޚީ އަދި އެކަކު އަނެކަކަށް އިހުތިރާމްކުރާ ހާއްސަ ގުޅުމެއް ކަމަށެވެ. ދެ ގައުމުގެ ދެމެދުގައި އޮތް އަޚުވަންތަ ގުޅުމާއި، ހާއްސަކޮށް ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުން 'ޑިޓްވާ' ތޫފާނާ ގުޅިގެން ދިވެހިން ދެއްކި އެހީތެރިކަމުން އަނެއްކާވެސް ހާމަވެގެން ގޮސްފައިވާ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

ދިވެހިރާއްޖެއާއި ލަންކާއަކީ ސަރަޙައްދީ ގޮތުންނާއި ސަގާފީ ގޮތުން ގާތް ގުޅުމެއް ބާއްވަމުން އަންނަ ދެ ޤައުމެވެ. ޚާއްޞަކޮށް ތަޢުލީމީ އަދި ޞިއްޙީ ދާއިރާއިން ލަންކާއަކީ ދިވެހިންނަށް ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދޭ ގައުމެއްކަން ފާހަގަކޮށްލެވެއެވެ.

ދިވެހިރާއްޖެއިން ލަންކާއާއެކު ރަސްމީކޮށް ޚާރިޖީގުޅުން ޤާއިމުކޮށްފައިވަނީ 26 ޖުލައި 1965 ގައެވެ.