ޚަބަރު

ނިއުކާސަލް ބަލިކޮށް ސިޓީ ފައިނަލަށް


އިނގިރޭސި ލީގު ކަޕް ނުވަތަ ކަރަބާއޯ ކަޕްގެ ފައިނަލުގެ ޖާގައެއް މެންޗެސްޓަރ ސިޓީ އިން ހޯދައިފި އެވެ.

ޕެޕް ގާޑިއޯލާގެ މެންޗެސްޓަރ ސިޓީ އިން މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ރޭ އެންމެ ފަހުގެ ޗެމްޕިއަން ނިއުކާސަލް ޔުނައިޓެޑް އާއި ދެކޮޅަށް ކުޅުނު ސެމީ ފައިނަލުގެ ދެވަނަ ލެގު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

ސެމީ ފައިނަލުގެ ފުރަތަމަ ލެގު 2-0 ގެ ނަތީޖާއަކުން ސިޓީ ކާމިޔާބުކޮށްވާތީ އެ ޓީމަށް ކުރި ލިބިފައިވަނީ 5-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ގާޑިއޯލާ ވަނީ އާލިން ހާލަންޑްގެ ބަދަލުގައި އުމަރު މަރްމޫޝް އަށް ފުރަތަމަ އެގާރައިން ފުރުސަތު ދީފަ އެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ހަތްވަނަ މިނިޓުގައި މަރްމޫޝް ވަނީ ލަނޑެއް ޖަހާ ސިޓީ އަށް ކުރި ހޯދަދީފަ އެވެ.

ސިޓީ އިން މި މެޗުގައި ފަރަގު ބޮޑުކޮށްފައިވަނީ މެޗުގެ 29 ވަނަ މިނިޓުގައި މަރްމޫޝް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި އޭގެ ތިން މިނިޓު ފަހުން ތެޖާނީ ރޭންޑާރސް ވަނީ އިތުރު ލަނޑެއް ޖަހާ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ.

މި މެޗުގައި ނިއުކާސަލް ޔުނައިޓެޑް އިން ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ 62 ވަނަ މިނިޓުގައި އެންތޮނީ އެލަންގާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި މުބާރާތުގެ ފައިނަލުގައި މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ކުޅޭނީ ޕްރިމިއާ ލީގުގެ އެއްވަނައިގައި މިވަގުތު އޮތް އާސެނަލް އެވެ.

ގާޑިއޯލާގެ މުސްތަގުބަލާއިމެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައި ވެމްބްލީ ސްޓޭޑިއަމްގައި ކުޅެވޭ ލީގު ކަޕްގެ ފައިނަލުގެ ޖާގައެއް ހޯދާފައިވާއިރު މިއީ ގާޑިއޯލާ އެ ކްލަބާއި ހަވާލުވިފަހުން އެ ޓީމު ގޮވައިގެން ވެމްބްލީ ސްޓޭޑިއަމަށް އޭނާ ދާ 22 ވަނަ ފަހަރެވެ.

ސިޓީ އެންމެ ފަހުން ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި މިދިޔަ އަހަރުގެ އެފްއޭ ކަޕުގެ ފައިނަލުން ވަނީ ކްރިސްޓަލް ޕެލަސް އަތުން ބަލިވެފަ އެވެ.