ޚަބަރު

ސަޢުދީ ދޫކޮށް ޔޫރަޕު ނުވަތަ އެމެރިކާގެ ކުލަބަކަށް ދާން ރޮނާލްޑޯ ވިސްނަނީ


ސައުދީ އަރަބިއްޔާގެ އަލް ނަސްރު ދޫކޮށްލުމަށް އެ ޓީމުގެ ތަރި އަދި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވިސްނަމުންދާކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ޓްރާންސްފަރ ޚަބަރުތައް ގެނެސްދިނުމުގައި އެންމެ ބޮޑަށް އިތުބާރު ކުރެވޭ އެއް މަސްދަރުކަމަށްވާ މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯ ބުނެފައިވާ ގޮތުގައި ރޮނާލްޑޯ އަންނަނީ މި އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފަރ ވިންޑޯގައި އަލް ނަސްރު ދޫކޮށްލުމާމެދު ވިސްނަމުންނެވެ.

އޭނާ ބަދަލުވާނެކަމަށް ބެލެވޭ ކުލަބުތަކުގެ ތެރޭގައި، ޔޫރަޕުގެ ބައެއް ކުލަބުތަކާއި އެމެރިކާގެ އެމްއެލްއެސްގައި ކުޅޭ ބައެއް ކުލަބުތައް ވެސް ހިމެނޭކަމަށް ފެބްރީޒިއޯ ބުނެފައިވެއެވެ.

ދުނިޔޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭ ފުޓުބޯޅަ ކުޅުންތެރިޔާގެ ގޮތުގައި ހުރިނަމަވެސް ރޮނާލްޑޯ އަންނަނީ އަލްނަސްރާ ދެކޮޅަށް އިހުތިޖާޖު ކުރަމުންނެވެ. ރިޕޯޓުތައް ބުނާގޮތުން ރޮނާލްޑޯއަށް ދުވާލެއްގެ މައްޗަށް 488،000 ޕައުންޑުގެ އާމްދަނީއެއް ލިބެއެވެ.

އަލް ނަސްރާ ދެކޮޅަށް ކުރަމުންދާ ހިމޭން އިހްތިޖާޖު އިތުރު މެޗަކަށް ދަންމާލަން ރޮނާލްޑޯ މިހާރު ނިންމާފައިވާއިރު، ރިޔާދް އަތުން އަލް ނަސްރު މޮޅުވި މެޗުގައި ވެސް އޭނާ ކުޅެފައެއް ނުވެއެވެ.

ރޮނާލްޑޯ ހިތްހަމަ ނުޖެހުނީ ވާދަވެރި އަލް ހިލާލަށް އަލް އިއްތިފާގަށް ކުޅެމުން އައި ރެއާލް މެޑްރިޑްގެ ކުރީގެ ކެޕްޓަން ކަރީމް ބެންޒެމާ ގެނައުމުންކަމަށް ރިޕޯޓުތައް ބުނެއެވެ. އަލް ނަސްރުގެ މާލީ ހާލަތު މިހާރު ހުރިގޮތުން، ނަން މަޝްހޫރު އިތުރު ކުޅުންތެރިންތަކެއް އެހާ އަވަހަށް ދެން ގެނެވެން ނެތްކަމަށް ރިޕޯޓުތައް ބުނެއެވެ.

ސައޫދީ ޕަބްލިކް އިންވެންޓްމަންޓުގެ 75 ޕަސެންޓް ހިއްސާ އޮންނަ ދެ ކުލަބުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރޮނާލްޑޯ ގުޅުނު ފަހުން އަލް ނަސްރުން ކުޅުންތެރިން ގަތުމަށް 409 މިލިއަން ޑޮލަރު ހޭދަކޮށްފައިވެއެވެ. މީގެ ބަދަލުގައި ފާއިތުވެދިޔަ ދެ ސީޒަނުގައި އަލް ހިލާލް ވަނީ 600 މިލިއަން ޑޮލަރަށްވުރެ ގިނައިން ހޭދަކޮށްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޓީމު ވަރުގަދަ ކުރުމަށް ސައޫދީ ޕަބްލިކް އިންވެންޓްމަންޓުން އެއްބާރުލުން ދޭން އެއްބަސް ނުވާނަމަ މި ސީޒަނަށް ފަހު ރޮނާލްޑޯ ޓީމު ދޫކޮށްލުން ވަރަށް ގާތެވެ.

އުމުރުން މިހާރު 41 އަހަރުގެ ރޮނާލްޑޯ އަލް ނަސްރާ ގުޅުނީ 2023 ވަނަ އަހަރު އެވެ. ރޮނާލްޑޯ ގުޅުމާއެކު ސައުދީ ލީގަށް، ޔޫރަޕުގެ ބޮޑެތި ކުލަބުތަކަށް ކުޅެފައިވާ ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ބަދަލުވެފައިވާކަން ފާހަގަކޮށްލެވެއެވެ.