އުސްގެކޮޅު އިމަރސިވް މިއުޒިއަމެއްގެ ގޮތުގައި ތަރައްޤީ ކުރުމުގެ މަސައްކަތް ނިންމާ މި އަހަރު ހުޅުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، 2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް އިއްވި ރިޔާސީ ބަޔާނުގައެވެ.
އުސްގެކޮޅު އިމަރސިވް މިއުޒިއަމެއްގެ ގޮތުގައި ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ތަރިކަ އިޔާދަ ކުރުމާއި، ދިވެހި ތަރިކައިގެ ދާއިރާ ތަރައްޤީ ކުރުމާއި، ދިވެހީންނަށް އޭގެ ހަޤީޤީ މާނައިގައި ތަރިކަ ރައްދު ކޮށްދެއްވުމަށް ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން ކުރައްވާ މަސައްކަތެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ ތަރިކައިގެ ދާއިރާ ތަރައްޤީ ކުރުމަކީ މި ސަރުކާރުން ޚާއްޞަ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތެއް ކަމަށެވެ. އެގޮތުން އަތޮޅު ތެރޭގައި ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. ރައީސް ވިދާޅުވީ އުތީމު، ތަކަންދޫ އަދި ބާރަށުގައި ތަރިކަ ރައްކާތެރި ކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
ދިވެހި ޒަމާންވީ ރަށްވެހިކަމުގެ ހަޟާރާތުގެ ހައިސިއްޔަތުން ދުނިޔޭގެ ޤައުމުތަކުގެ މެދުގައި ޝަރަފުވެރި ކުރުމުގެ ގޮތުން ޔުނެސްކޯ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ދިވެހި ހިރިގަލުގެ މިސްކިތްތަކާއި، ގަލުވަޑާން ދަފްތަރު ކުރުމަށް ކުރަންޖެހޭ ދިރާސާގެ މަސައްކަތްތައްކޮށް ނޮމިނޭޝަން ފައިލް ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ސެންޓަރަށް ހުށަހަޅާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާއިމްކުރާ އިންޓަރެކްޓިވް އިމާރސިވް މިއުޒިއަމް، އުސްގެކޮޅާއި އެ ގެ ހިމެނޭ ސަރަޙައްދު ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި މި އަހަރު ތެރޭގައި މި ތާރީޚީ ޑިޖިޓަލް ދާރުލް އާސާރުގެ މަސައްކަތް ނިންމާ ހުޅުވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
" ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބިނާކުރެވޭ އިންޓަރެކްޓިވް އިމާރސިވް މިއުޒިއަމް މަސައްކަތް އުސްގެކޮޅާއި އެގެ ކޮޅު ހުރި ސަރަހައްދުގައި މިހާރު ކުރަމުން އެދަނީ. މި އަހަރު ތެރޭގައި މި ތާރީޚީ ޑިޖިޓަލް ދާރުލްއާސާރު ހުޅުވާނަން. އަދި ރާއްޖޭގައި ނެތެމުންދާ ސަޤާފަތާއި ފަންނުތައް ދިރުވާ އާލާކުރުމަށް ދިވެހިންގެ ތަރިކައާއި، ސަޤާފަތާއި، ދިވެހިންގެ އަމިއްލަވަންތަކަން ރައްކާތެރިކަމާއެކު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ތުނޑުކުނާ ވިއުމަށް ތިލޭރުކަމާއި، ސާންތި ވިއުމާއި، މާވަޑިކަމާއި، ލިޔެލާ ޖެހުމަށް ކަސަބު ގަތުމަށް ފޭލިވިއުމަށް ފަނާއި، ރުކުފަތިން ސަޓާ ވިއުއާއި، ޤައުމީ ސަނަދުގެ ލެވެލް 3 ގެ ނެޝަނަލް އޮކިއުޕޭޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަރޑަށް އެއާއި ގުޅޭ އަމަލީ މަސައްކަތް ވަނީ ފެށިފައި" ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ބ. ތުޅާދޫގައި ލިޔެލާ ޖެހުމުގެ ހުނަރު ދަސްކޮށްދޭ ތަމްރީނު މަރުކަޒެއް ޤާއިމް ކުރުމާއި، ދ. ރިނބުދޫގައި އަތްތެރި މަސައްކަތް ދަސްކޮށްދޭ މަރުކަޒެއް ޤާއިމްކުރުމުގެ އިތުރުން ގދ. ގައްދޫގައި ތުނޑުކުނާ ވިއުމުގެ ހުނަރު ދަސްކޮށްދޭ މަރުކަޒެއް ޤާއިމްކުރުމުގެ މަސައްކަތް މި އަހަރު ފެށޭނެ ކަމަށެވެ. މީގެ އިތުރުން ދިވެހިންގެ އަޚްލާޤާއި އަދަބުވެރިކަމުގެ ސިފަތައް އާލާކޮށް، ދިވެހިންގެ އުޅުމާއި ގުޅުން އިޔާދަކޮށް ތަރައްޤީ ކުރުމުގެ ތަޞައްވުރެއް އެކުލާވާލާ އިޚްތިރާމް ކުރުމުގެ ޤައުމީ ކެމްޕޭނެއް ކުރިއަށް ގެންދާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.