ޚަބަރު

ގްރީންއަށް ކުޅުންތެރިން ހަމަނުކުރެވި، ވެލެންސިއާ ރެލިގޭޓުވެއްޖެ


  • މެޗު ދޫކޮށްލީކަމަށް ބަލައި ގްރީން ޖޫރިމަނާކޮށް، ޑިސިޕްލިނަރީ ކޮމިޓީން މައްސަލަ ބަލާނެ

  • މެޗުން ގްރީން ބަލިވީކަމަށް ކަނޑައަޅައި ނިއުރޭޑިއަންޓަށް 3 ޕޮއިންޓާއި 2 ގޯލު ދޭނެ

  • ވެލެންސިއާއަށް ޕްލޭއޮފްގެ ޖާގައެއް ކަށަވަރުވާން ބޭނުންވާ އަދަދަށް ގްރީންގެ ގޯލު ތަފާތު ހަމަނުވޭ

ދިވެހި ޕްރިމިއަރ ލީގުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް ކްލަބް ގްރީން ސްޓްރީޓްސް ނުކުންނަން އޮތް މެޗަށް، ގްރީންގެ ކުޅުންތެރިން މެޗަށް ހާޒިރުނުވުމުން ފުރަތަމަ ޑިވިޝަނުން ވެލެންސިއާ ރެލިގޭޓުވެއްޖެއެވެ.

ލީގުގައި އެންމެފަހުން ވެލެންސިއާ ކުޅުނު މެޗުން ކްލަބް އީގަލްސްއާ ވާދަކޮށް 0-2 ގެ ނަތީޖާއަކުން މޮޅުވި ނަމަވެސް، ލީގުގައި ދެމި އޮތުމަށް އަމިއްލަ ބާރު އޮތީ ގެއްލިފައެވެ.

ލީގުގެ ރެލިގޭޝަން ޕްލޭއޮފްގައި ވާދަކުރުމަށް ވެލެންސިއާއަށް އޮތް ހަމައެކަނި އުއްމީދަކަށްވީ، ގްރީންއާއި ނިއުރޭޑިއަންޓް ބައްދަލުކުރަން އޮތް މެޗުގައި، 4 ލަނޑުގެ ތަފާތަކުން ނިއު މޮޅުވުމެވެ. އެހެން އެކަންވި ނަމަ، ފައިދާ ގޯލުގެ ތަފާތުން ކުރި ލިބި، ރެލިގޭޝަން ޕްލޭއޮފްގެ ޖާގައެއް ލިބޭނީ ވެލެންސިއާ އަށެވެ.

އެހެންނަމަވެސް ނިއުއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ގްރީން ސްޓްރީޓްސްއަށް ހަމަކުރެވުނީ އެންމެ ހަތަރު ކުޅުންތެރިންނެވެ. އެ ޓީމަށް އަށް ކުޅުންތެރިން ހަމަކުރެވުނު ނަމަވެސް މެޗު އޮތީ ކުޅޭ ގޮތަށެވެ.

ގަވައިދުގައިވާ ގޮތުން ނަމަ، ގްރީންގެ ކުޅުންތެރިން މެޗަށް ހާޒިރުނުވުމުން، އެ ޓީމުން މެޗު ދޫކޮށްލީކަމަށް ބަލައި ޑިސިޕްލިނަރީ ކޮމިޓީން މި މައްސަލަ ބަލާނެއެވެ. އަދި 25،000ރ އިން އެ ޓީމު ޖޫރިމަނާވެސް ކުރާނެއެވެ.

މިއާއެކު މި މެޗުން ނިއު މޮޅުވިކަމަށް ކަނޑައަޅާފައިވާއިރު، ނަތީޖާއެއްގެ ގޮތުގައި ބަލާނީ 0-2 އެވެ. އެހެންކަމުން ވެލެންސިއާއަށް ޕްލޭއޮފްގެ ޖާގަ ހޯދުމަށް އޮތް ފުރުސަތު ގެއްލި، އެޓީމު މިވަނީ ރެލިގޭޓުވެފައެވެ.

މިއީ ފާއިތުވީ އަށް އަހަރުގެ ތެރޭގައި ވެލެންސިއާ ރެލިގޭޓުވި ދެވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ލީގު ތާވަލުގައި ވެލެންސިއާ އޮތީ ތާވަލުގެ ނުވަ ވަނައިގައި 18 މެޗުން ނުވަ ޕޮއިންޓާއެކުއެވެ. އަށްވަނައިގައި އޮތް ގްރީން ސްޓްރީޓްސްއަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓު ލިބިފައިވާއިރު ގޯލު ތަފާތުގައި އޮތީ ގެއްލުން 27 ގޯލުގައެވެ. ވެލެންސިއާ އޮތީ ގެއްލުން 28 ގޯލާއެކުއެވެ.

ވެލެންސިއާގެ އިތުރުން ދެން ދެވަނަ ޑިވިޝަނަށް ރެލިގޭޓުވެފައިވަނީ ޔުނައިޓެޑް ވިކްޓްރީއެވެ. ރެލިގޭޝަން ޕްލޭއޮފްގައި ކުޅޭނީ ގްރީން އާއި ޓީސީއެވެ.