ޚަބަރު

ޖަޕާނުގެ އިންތިޚާބުގައި ޓްރަމްޕް ތާޢީދު ކުރައްވަނީ ތަކައިޗީއަށް


އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޖަޕާނުގެ އާންމު އިންތިޚާބާ ދިމާކޮށް، ބޮޑުވަޒީރު ސަނައެ ތަކައިޗީއަށް ފުރިހަމައަށް ތާޢީދުކުރައްވާކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކުރައްވައިފިއެވެ.

ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ތަކައިޗީގެ ވެރިކަންކުރާ އިއްތިޙާދުން އާދީއްތަ ދުވަހުގެ ބާއްވާ އިންތިޚާބުގައި ބޮޑު ކާމިޔާބީއެއް ހޯދާނެކަމަށް ޕޯލްތަކުން ވަނީ ދައްކައިފައެވެ.

މިގޮތުން، ތަކައިޗީގެ ލިބެރަލް ޑިމޮކްރަޓްސް ޕާޓީ (އެލްޑީޕީ) އާއި އިއްތިޙާދުވެފައިވާ ޖަޕާން އިނޮވޭޝަން ޕާޓީން، ޖަޕާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ 465 ގޮނޑީގެ ތެރެއިން، 300 އެއްހާ ގޮނޑި ކާމިޔާބުކުރާނެކަމަށް ބެލެވެއެވެ.

އިންތިޚާބާ ދިމާކޮށް، މީސްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، ތަކައިޗީގެ ވަރުގަދަ އިއްތިޙާދުން ކުރަމުންދާ މަސައްކަތަކީ ތަޢުރީފު ޙައްޤު މަސައްކަތެއް ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް އިންތިޚާބުގައި ތަކައިޗީއަށް ފުރިހަމައަށް ތާޢީދުކުރައްވާކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ނަމަވެސް، އެހެން ޤައުމުތަކުގައި ބާއްވާ އިންތިޚާބުތަކުގައި ވަކި ކެންޑިޑޭޓަކަށް ތާޢީދުކުރުމަކީ އެމެރިކާގެ ރައީސްކަން ކުރައްވާ ބޭފުޅުން އާންމުކޮށް ކުރައްވާ ކަމެއް ނޫނެވެ. އެއާއެކު، މިކަމާ ގުޅުވައި ޓްރަމްޕަށް ވަނީ ގިނަ ފާޑުކިޔުންތައް އަމާޒުވެފައެވެ.

މިގޮތުން، އެމެރިކާގެ ރައީސް ތާޢީދުކުރައްވާކަން ފާޅުގައި ހާމަކުރެއްވުމަކީ، އިންތިޚާބުގައި ތަކައިޗީއަށް ލިބިވަޑައިގަންނަވާނެ އިތުރު ކުރިއެރުމެއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ޓްރަމްޕް ވަނީ އަންނަ މަހު، އެމެރިކާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ތަކައިޗީއަށް ރަސްމީކޮށް ދަޢުވަތު ވެސް އަރުވައިފައެވެ.

ތަކައިޗީ ބޮޑުވަޒީރުކަމަށް ވަޑައިގެންނެވިތާ ކުރީކޮޅު، ޓްރަމްޕް ވަނީ ޖަޕާނަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ.

މިދިޔަ އޮކްޓޯބަރު މަހު ކުރެއްވި އެ ދަތުރުފުޅުގައި، ޓްރަމްޕް ވަނީ ތަކައިޗީއާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރުމަށް މުހިންމު މަޝްވަރާތަކެއް ކުރައްވައިފައެވެ.

މި ގޮތުން، އަސްކަރީ އަދި ދިފާޢީ ބާރުވެރިކަން ހަރުދަނާ ކުރުމަށް ތަކައިޗީ ތަޢާރަފު ކުރައްވާފައިވާ ސިޔާސަތުތަކަށް ޓްރަމްޕް ތަޢުރީފު ކުރައްވާފައިވާއިރު، ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުންތައް ހަރުދަނާ ކުރުމަށާއި، ޖަޕާނުން އެކި ބާވަތްތަކުގެ މަޢުދަންތަކާއި މަޢުދަނީ ލޮނު ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. ތަކައިޗީއަކީ އަވަހާރަ ކޮށްލާފައިވާ ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ސިޔާސަތުތަކަށް ތާޢީދު ކުރައްވާ، އަދި އޭނާގެ ފުށުން ދަރިވަރުވެ ވަޑައިގަންނަވާފައިވާ ބޭފުޅެކެވެ. އަބޭއަކީ ޓްރަމްޕްގެ ވެސް ވަރަށް އަރިސް ބޭފުޅެކެވެ.