ޚަބަރު

އެމެރިކާއިން އދއަށް ދައްކަން ޖެހޭ މާލީ އިލްތިޒާމުތައް ފުރިހަމަކުރަނީ


އެކުވެރި ދައުލަތްތައް (އދ)ށް އެމެރިކާއިން ދައްކަން ޖެހޭ މާލީ އިލްތިޒާމްތަކުގެ ތެރެއިން ފުރަތަމަ ބައި، ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ދައްކަން ފެށުމަށް ތައްޔާރުވަމުންދާ ކަމުގައި އެ ޤައުމުން އދށް ކަނޑައަޅާފައި ހުންނަވާ ސަފީރު މައިކް ވޮލްޓްޒް އިޢުލާނު ކުރައްވައިފިއެވެ. އެމެރިކާއިން މި ކަން ހާމަކޮށްފައި މި ވަނީ، ޤައުމުތަކުން ފުރިހަމަ ކުރަން ޖެހޭ މާލީ އިލްތިމާޒުތައް ފުރިހަމަ ކުރަމުން ނުދިޔުމުގެ ސަބަބުން އދ މާލީ ގޮތުން "އިނދަޖެހުމުގެ" ބިރު އޮތް ކަމުގެ އިންޒާރު، ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ދެއްވާފައިވާ ދަނޑިވަޅެއްގައެވެ.

ވޮލްޓްޒް ވިދާޅުވީ، ފުރަތަމަ ދައްކާ ފައިސާގެ އަދަދަކީ އެމެރިކާއިން އަހަރީ ގޮތުން ދައްކަންޖެހޭ ފީގެ ތެރެއިން ފާހަގަކޮށްލެވޭ ފަދަ ބޮޑު މިންވަރެއް ކަމުގައެވެ. "ތިޔަބޭފުޅުންނަށް ވަރަށް އަވަހަށް ފައިސާގެ ފުރަތަމަ ބައި ފެނިގެންދާނެ،" އޭނާ ވިދާޅުވިއެވެ. "މިއީ އަހަރީ ގޮތުން އަދާކުރަންޖެހޭ ފީގެ ތެރެއިން ދައްކާ ފާހަގަކޮށްލެވޭ ފަދަ ބޮޑު އަދަދަކަށް ވާނެ. އެންމެ ފަހުގެ ސީދާ އަދަދު އަދި ކަނޑައަޅާފައި ނެތް ނަމަވެސް، ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި މިކަން ހަމަޖެހިގެންދާނެ."

އދގެ މާލީ ހާލަތު އިންތިހާއަށް ގޯސްވެފައިވާކަން ފާހަގަކުރައްވައި، ގުތެރޭޝް ވަނީ މިކަމުގެ ސަބަބުން އެ ޖަމުޢިއްޔާގެ މަސައްކަތްތައް ހުއްޓުމަކަށް އަތުވެދާނެކަމުގެ އިންޒާރު ދެއްވާފައެވެ. އދގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެ އިދާރާގެ ޢާންމު ބަޖެޓަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ޖުމްލަ ފައިސާގެ 95 އިންސައްތައަށްވުރެ ބޮޑު ބައެއް ހިއްސާކުރަނީ އެމެރިކާއިން ދައްކަންޖެހޭ ފައިސާއެވެ.

ފެބްރުއަރީ މަހުގެ ކުރީކޮޅުގެ ނިޔަލަށް އެމެރިކާއިން އަދާކުރަންޖެހޭ މާލީ އިލްތިޒާމްތަކުގެ ތެރޭގައި އދގެ ޢާންމު ބަޖެޓަށް ދައްކަން ޖެހޭ 2.19 ބިލިޔަން އެމެރިކާ ޑޮލަރާއި، ސުލްޙަ ބަލަހައްޓާ މިޝަންތަކަށް ދައްކަން ޖެހޭ 2.4 ބިލިޔަން ޑޮލަރާއި، ބައިނަލްއަޤްވާމީ ޓްރައިބިޔުނަލްތަކަށް ދައްކަން ޖެހޭ 43.6 މިލިޔަން ޑޮލަރު ހިމެނެއެވެ. މީގެ އިތުރުން، ފާއިތުވި އަހަރު ނުދައްކާ އޮތް 827 މިލިޔަން ޑޮލަރާއި، މި އަހަރު ދެއްކުމަށް ކަނޑައަޅާފައިވާ 767 މިލިޔަން ޑޮލަރު ހިމެނެއެވެ.

ވޮލްޓްޒް ވިދާޅުވީ، އެމެރިކާއިން މި ފައިސާ ދެއްކުމަށް ނިންމުމަކީ ގުތެރޭޝް ފަށްޓަވާފައިވާ ޔޫއެން80 އިޞްލާޙީ މަސައްކަތަށް އެމެރިކާއިން ދޭ އެއްބާރުލުން ހާމަވެގެންދާ ނިންމުމެއް ކަމުގައެވެ. އެމެރިކާއިން ދާއިމީ މާލީ އެހީތެރިކަން ހޯދުމަށް އދގެ އިދާރީ ހިންގުމަށް ގެންނަންޖެހޭ އިޞްލާޙީ ބަދަލުތައް މެދުނުކެނޑި ކުރިއަށް ގެންދިޔުމަށް އެމެރިކާއިން ވަނީ ޝަރުޠު ކޮށްފައެވެ.