ސަޢުދީ ޢަރަބިއްޔާއިން ސޫރިޔާގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރުމަށް ނިންމައި އެ ކަން އިޢުލާނުކޮށްފިއެވެ.
ސަޢުދީ ޢަރަބިއްޔާއިން ސޫރިޔާގެ ހަކަތައިގެ ދާއިރާއާއި އޭވިއޭޝަން ދާއިރާއާއި ރިއަލް އެސްޓޭޓު ދާއިރާއާއި ޓެލެކޮމިއުނިކޭޝަން ދާއިރާއަށް އިންވެސްޓު ކުރުމަށް ވަނީ ނިންމައިފައެވެ. އެ ގޮތުން އެ ޤައުމުން ވަނީ ސޫރިޔާގެ ޙަލަބުގައި ދެ ވައިގެ ބަނދަރު ތަރައްޤީ ކުރުމަށް 2.3 ބިލިޔަން އެމެރިކާ ޑޮލަރުގެ އިންވެސްޓުމަންޓު ފަންޑެއް ތަޢާރަފުކޮށްފައެވެ. އެ ވައިގެ ބަނދަރުތައް ތަރައްޤީ ކުރާނީ ފޭސްތަކަކަށް ބަހާލައިގެން ކަމަށް ސަޢުދީ ޢަރަބިއްޔާގެ އިންވެސްޓްމަންޓާ ބެހޭ ވަޒީރު، ޚާލިދު އަލް-ފާލިޙް ވަނީ ވިދާޅުވެފައެވެ.
ފާލިޙް އިތުރަށް ވިދާޅުވީ އީލާފް ނަމަކަށް ކިޔާ މި ފަންޑުން ސަޢުދީ ޢަރަބިއްޔާގެ ޕްރައިވެޓް ސެކްޓަރ އިންވެސްޓަރުންގެ ބައިވެެރިވުމާއެކު ސޫރިޔާގައި ހިންގާ ބޮޑެތި މަޝްރޫޢުތަކަށް ޚަރަދު ކުރާނެ ކަމަށެވެ.
ސިވިލް އޭވިއޭޝަން ދާއިރާއިން ސަޢުދީ ޢަރަބިއްޔާގެ ބަޖެޓު އެއާލައިންއެއް ކަމަށްވާ ފްލައިނަސްއާއި ސޫރިޔާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއާ ދެމެދު “ފްލައިނަސް ސީރިޔާ”ގެ ނަމުގައި އައު އެއާލައިނެއް އުފެއްދުމަށް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މި ޖޮއިންޓް ވެންޗާގެ 51 އިންސައްތަ ޙިއްޞާ އޮންނާނީ ސޫރިޔާގެ އަތުގައެވެ. އަދި ބާކީ 49 އިންސައްތައަކީ ފްލައިނަސްގެ ޙިއްޞާއެވެ. މި އަހަރުގެ ފަހު ކުއާޓާގައި އެއާލައިންގެ ޚިދުމަތް ފެށޭނެ ކަމަށް ބެލެވޭ ކަމަށް އެ ކުންފުނިން ބުނެއެވެ.
އޭގެ އިތުރުން ސަޢުދީ ޢަރަބިއްޔާގެ އެންމެ ބޮޑު ޓެލެކޮމިއުނިކޭޝަން ކުންފުނި، އެސްޓީސީއިން ވެސް ސޫރިޔާގެ ޓެލެކޮމިއުނިކޭޝަން ދާއިރާ ތަރައްޤީކޮށް، 4،500 ކިލޯމީޓަރަށް ދެމިގެންދާ ފައިބާ އޮޕްޓިކް ވިއުގައެއް މެދުވެރިކޮށް ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ގޮތުން ސޫރިޔާ ގުޅުވައިލުމަށް 799.96 މިލިޔަން އެމެރިކާ ޑޮލަރު އިންވެސްޓު ކުރުމަށް ހަމަޖެހިފައިވެއެވެ.
މި އިންވެސްޓުމަންޓުތަކަކީ މިދިޔަ ޑިސެމްބަރު މަަހުގެ ތެރޭގައި އެމެރިކާއިން ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލި ފަހުން އިޢުލާނުކުރާ މި ފަދަ އެންމެ ބޮޑު އިންވެސްޓްމެންޓެވެ. ސޫރިޔާގެ ރައީސްގެ މަޤާމުގައި ކުރިން ހުންނެވި ބައްޝާރު އަލް-އަސަދުގެ ވެރިކަން 2024ވަނަ އަހަރުގެ ފަހުކޮޅު ކުއްލި ގޮތަކަށް ނިމުމަކަށް އައުމުން، ސޫރިޔާގެ ހިންގުމާ ޙަވާލުވި އަޙްމަދު އަލްޝަރާޢުއަށް ސަޢުދީ ޢަރަބިއްޔާއިން އޭރުންސުރެ ދަނީ އެއްބާރުލުން ދެމުންނެވެ. މިދިޔަ އަހަރުގެ ތެރޭގައި ވެސް ސަޢުދީ ޢަރަބިއްޔާއިން ސޫރިޔާގައި 6.4 ބިލިޔަން އެމެރިކާ ޑޮލަރު އެކި ދާއިރާތަކަށް އިންވެސްޓު ކޮށްފައިވެއެވެ.