ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ޑިޖިޓަލައިޒްކުރުމަށާއި، ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ރައްޔިތުންގެ ބައިވެރިވުން ހަރުދަނާކުރުމަށް އެޅުނު ތާރީޚީ ފިޔަވަޅެއްގެ ގޮތުން، ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އިލެކްޓްރޯނިކް ޕެޓިޝަން ސިސްޓަމް (އީ-ޕެޓިޝަން ޕޯޓަލް) މިއަދު އިފްތިތާޙުކޮށްފިއެވެ.
މި ޕޯޓަލް މެދުވެރިކޮށް ޕެޓިޝަން ހުށަހެޅުން ޑިޖިޓަލް ކޮށްފައިވާއިރު، ރައްޔިތުންނަށް އޮންލައިންކޮށް ޕެޓިޝަން ހުށަހެޅުމާއި، ހުށަހަޅާފައިވާ ޕެޓިޝަންތަކުގެ މަސައްކަތް މަޖިލީހުގައި ކުރިއަށްދާ ގޮތުގެ އަދާހަމަ މަޢުލޫމާތު ލިބުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މި ޕޯޓަލްގައި ސޮއިކުރުމާއި، ސޮއިކުރާ ފަރާތްތަކުގެ ޞައްޙަކަން ކަށަވަރުކުރާނީ 'އީ-ފާސް' މެދުވެރިކޮށެވެ.
މި ޕޯޓަލްގެ ސަބަބުން، ޕެޓިޝަނެއް ހުށަހެޅުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބަރޯސާވުން ކުޑަކުރެވި، ދިވެހިރާއްޖޭ ކޮންމެ ހިސާބެއްގައި ހުންނަ ރައްޔިތަކަށްވެސް ފަސޭހަކަމާއެކު ޕެޓިޝަން ހުށަހެޅޭނެއެވެ. އަދި، ޕެޓިޝަނަކަށް ސޮއި ލިބޭ މިންވަރަށް ބަލައި، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން އެޅުމަށް ލާޒިމުވާ ފިޔަވަޅުތައް މި ނިޒާމުގެ ތެރެއިން ވަނީ ތަޢާރަފުކުރެވިފައެވެ.
މި ނިޒާމުގެ ސަބަބުން ޕެޓިޝަން ހުށަހެޅުމުގެ މަރުހަލާގައި ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަކޮށް، ޕެޓިޝަންތަކަށް ޖަވާބުދާރީވާނެ ވަކި މުއްދަތުތަކެއް ކަނޑައަޅައި، ޚާއްޞަ ޕެޓިޝަންތަކާ މެދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުސްކުރެވޭނެ މަގު ފަހިކޮށްދީ، ހެޔޮ ބަދަލުތަކެއް މީގެ ސަބަބުން ގެނެވޭނެކަމަށް މަޖިލީހުން ވިދާޅުވިއެވެ.
ކުރިން ޢަމަލުކުރަމުން އައި ޕެޓިޝަން ނިޒާމާ ޚިލާފަށް، އަލަށް ތަޢާރަފުކުރެވުނު މި ޑިޖިޓަލް ނިޒާމުގެ ތެރެއިން، ޕެޓިޝަން ހުށަހެޅުމުން ފެށިގެން އެ ޕެޓިޝަނަކަށް ގޮތެއް ނިންމުމާ ހަމައަށް، މަޖިލީހުގައި އެ ޕެޓިޝަން ކުރިއަށްދިޔަ ގޮތް، ޕެޓިޝަންގައި ސޮއިކުރި ހުރިހައި ފަރާތްތަކަށް އެނގިގެންދާނެއެވެ. އަދި، ޕެޓިޝަން ހުށަހަޅާ ފަރާތްތަކަށް އެ ފަރާތްތަކުގެ ފޯނު ނުވަތަ ސްމާޓް ޑިވައިސްތައް މެދުވެރިކޮށް ޕެޓިޝަންތަކަށް ސޮއި ހޯދުމާއި އެ ޕެޓިޝަނާގުޅޭ އަދާހަމަ މަޢުލޫމާތު ވަގުތުން ބަލާލެވޭނެ މަގު ވަނީ ފަހިވެފައެވެ.
މި ޕޯޓަލް އިފްތިތާޙުކުރުމާއެކު، ދެކުނު އޭޝިއާ އަދި ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުގެ ތެރެއިން ޤާނޫނު ހަދާ މަޖިލީހަކުން އިލެކްޓްރޯނިކް ޕެޓިޝަން ނިޒާމެއް ޤާއިމުކޮށްފައިވާ މަދު ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ވަނީ ހިމެނިފައެވެ. މި ސަރަޙައްދުން މިފަދަ ނިޒާމެއް މިހާތަނަށް ޤާއިމުކޮށްފައިވަނީ ހަމައެކަނި ޕާކިސްތާނާއި ތައިލެންޑުގައެވެ.
މި ޕޯޓަލް ފަރުމާކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) މޯލްޑިވްސްއާ ގުޅިގެން، އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ ސަރުކާރުގެ އެހީތެރިކަމާއެކުގައެވެ.
އީ-ޕެޓިޝަން ޕޯޓަލް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، އީ-ޕެޓިޝަން ޕޯޓަލް ތަޢާރަފުކުރެވިގެން ދިއުމަކީ، ޒަމާނީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި، ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ރައްޔިތުންގެ ބައިވެރިވުން އިތުރަށް ފުޅާކުރުމުގައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިއީ، ރައްޔިތުންނާއި ރައްޔިތުންގެ މަޖިލީހާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށްދޭނެ މުހިންމު ވަސީލަތެއް، ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އީ-ޕެޓިޝަންގެ މި މަސައްކަތަކީ، އަންހެނުންނާއި، ޒުވާނުން އަދި މަދަނީ ޖަމްޢިއްޔާތަކާ އެކު ކުރެވުނު މަޝްވަރާތަކަކަށް ފަހު، 2023 ވަނަ އަހަރު ޔޫ.އެން.ޑީ.ޕީ އާއި ރައްޔިތުންގެ މަޖިލީހުން އެކުލަވައިލި ސިޔާސަތު ކަރުދާހެއްގެ މައްޗަށް ބިނާކޮށް ކުރިއަށްގެންގޮސްފައިވާ މަސައްކަތެކެވެ.