ޚަބަރު

ވަޠަނީ ޚިދުމަތަށް ޚާއްޞަ ބިލެއް ސަރުކާރުން ހުށަހަޅުއްވައިފި


  • އުމުރުން 16 އަހަރާއި 21 އަހަރާ ދެމެދުގެ ކޮންމެ ދިވެހި ޒުވާނަކަށް ބައިވެރިވުމުގެ ފުރުސަތު ލިބޭނެ

  • 18 އަހަރުނުވާ ކުޑަކުއްޖަކު ޕްރޮގްރާމުގައި ބައިވެރިކުރުވޭނީ ބެލެނިވެރިޔާގެ ހުއްދައާއެކު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު ފެއްޓެވި ދިވެހި ވަޠަނީ ޚިދުމަތަށް ޤާނޫނީ ބާރު ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ބިލެއް ހުށަހަޅުއްވައިފިއެވެ.

ސަރުކާރުގެ ފަރާތުން "ވަޠަނީ ޚިދުމަތުގެ ބިލު" ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ފަރުޙަތު މުޙައްމަދެވެ. މިއީ ޤައުމަށާއި މުޖުތަމަޢަށް ފައިދާހުރި ޖީލެއް ބިނާކުރުމަށް މަސައްކަތުގެ ދާއިރާގައި ޚިދުމަތް ކުރުމަށް ބޭނުންވާ ޒުވާނުންގެ ކިބައިގައި ޖިސްމާނީ، ފަންނީ އަދި ފިކުރީ ގާބިލުކަން އަށަގެންނެވުމަށްޓަކައި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް ތަޢާރަފުކޮށް، އެ ޕްރޮގްރާމަށް ހަރުދަނާ ޤާނޫނީ އޮނިގަނޑެއް އެކުލަވައިލުމަށް ހުށަހަޅުއްވާފައިވާ ބިލެކެވެ.

ވަޠަނީ ޚިދުމަތުގެ ބިލުގައި ބަޔާންކުރައްވާފައިވާ ގޮތުގައި ބިލު ޤާނޫނަކަށް ވުމުން މިހާރު ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމާއެއްގޮތަށް އަސާސީ ތަޢުލީމާއި ތަމްރީން ކޯހަކާއި ދައުލަތުގެ ޔުނިފޯމް އެޅި ޚިދުމަތްތަކުގެ ތެރެއިން ކަނޑައެޅޭ ޚިދުމަތެއްގައި މަސައްކަތް ކުރުމުގެ ބައި ހިމެނޭހެން ޕްރޮގްރާމެއް ހިންގަންޖެހޭނެއެވެ. މި ޕްރޮގްރާމް ވާންޖެހޭނީ އިސްލާމްދީނަށް ލޯބިކުރާ، ދީނީ ޝިޢާރުތަކަށް އިހްތިރާމްކޮށް، ޤައުމުދެކެ ފަޚުރުވެރިވާ ޤައުމިއްޔަތަށް އިސްކަންދޭ ޒުވާނުންތަކެއް ބިނާކުރެވޭނެ ޕްރޮގްރާމަކަށް ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

މި ޕްރޮގްރާމުގައި އުމުރުން 16 އަހަރާއި 21 އަހަރާ ދެމެދުގެ ކޮންމެ ދިވެހި ޒުވާނަކަށް ބައިވެރިވުމުގެ ފުރުސަތު ލިބޭއިރު 18 އަހަރުނުވާ ކުޑަކުއްޖަކު ޕްރޮގްރާމުގައި ބައިވެރިކުރުވޭނީ ބެލެނިވެރިޔާގެ ހުއްދައާއެކު އެ ކުއްޖަކު ބޭނުންވެގެންކަން ވަނީ ބަޔާންކޮށްފައެވެ. އަދި ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ޒުވާނުންނަށް އެ ފުރުސަތު ލިބޭނީ ޤާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ބަޔާންކުރާ މެޑިކަލް އެސެސްމަންޓް ފުރިހަމަކޮށް، ފާސްވުމުންނެވެ.

ބިލުގައި ބަޔާންކޮށްފައިވާ ގޮތުން ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވާ ޒުވާނުންގެ އަސާސީ ތަޢުލީމާއި ތަމްރީނުގެ މުއްދަތުގައި ހުރުމާއި ކެއުމާއި ބޭސްފަރުވާ އަދި ދަތުރުފަތުރުގެ ޚަރަދު ދިފާޢީ ވުޒާރާއިން ހަމަޖައްސައިދޭންޖެހޭނެއެވެ. އަދި އެކަށީގެންވާ އިނާޔަތެއްވެސް ދޭންވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ އަސާސީ ތަޢުލީމާއި ތަމްރީން ފުރިހަމަ ކުރާ ޒުވާނުން ޔުނިފޯމް އެޅި ޚިދުމަތެއްގައި މަސައްކަތް ކުރަންޖެހޭނެއެވެ. މި މަސައްކަތުގެ މުއްދަތު 1 އަހަރަށްވުރެ ދިގުނުވާ ގޮތަށް ވަކި ޚިދުމަތެއް ކަނޑައަޅާނީ އެކަމަށް ޚާއްސަކޮށް އެކުލަވާލާ ގަވަރނިން ކައުންސިލުން ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. އަދި މަސައްކަތުގެ މުއްދަތު ހަމަވުމުން ޔުނިފޯމު އެޅި ޚިދުމަތްތަކަށް އެ ޒުވާނުންނަށް ވަޒީފާ ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދެވޭނެއެވެ.

މި ބިލު ޤާނޫނަކަށްވުމުން އެކުލަވާލާ ގަވަރނިން ކައުންސިލަކީ ދިފާޢީ ވަޒީރާއި ދާޚިލީ ސިޔާސަތު ތަންފީޒުކުރުމަށް އެއިރެއްގައި ހަވާލުވެގެން ހުންނަ ވަޒީރާއި މާލީ ވަޒީރާއި ޗީފް އޮފް ޑިފެންސް ފޯސް އަދި ކޮމިޝަނަރ އޮފް ޕޮލިސް ހިމެނޭހެން އެކުލަވާލާ ކައުންސިލެކެވެ. މި ކައުންސިލްގެ ރައީސަކީ
ރައީސުލްޖުމްހޫރިއްޔާ ކަމަށާއި ނައިބު ރައީސަކީ ދިފާޢީ ވަޒީރު ކަމަށް ބިލުގައިވެއެވެ.