ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ސްޓޭންޑަކީ އެ ކުލަބު ވާދަކުރާ މުބާރާތެއް ފިޔަވާ އެހެން އެއްވެސް މުބާރާތެއްގައި އެ ކުލަބުގެ ކުޅުންތެރިއެއް ނުކުޅުން ކަމަށް ކުލަބުގެ ޗެއާމަން އަހުމަދު މުބީން ވިދާޅުވެއްޖެއެވެ.
މުބީން ވިދާޅުވީ މިދުވަސްވަރު އެންމެ ފޯރީގައި ކުޅެމުން މި އަންނަނީ ގޯލްޑަން ފުޓްސަލް ކަމަށާއި، ނިއުރޭޑިއަންޓުގެ ބައެއް ކުޅުންތެރިންނަށް ކުޅެން ފުރުސަތު ނުލިބިގެން އެކަމުގައި ކުލަބުގެ ސްޓޭންޑެއް އާންމުންނަށް ނޭންގިގެން ވަރަށް ބޮޑަށް ސޯޝަލްމީޑިއާގައި ވާހަކަ ދެކެވުނު ކަމަށެވެ.
"ނިއުރޭޑިއަންޓްގެ ސްޓޭންޑަކީ ނިއުގެ އެއްވެސް ކުޅުންތެރިއަކު ނިއުރޭޑިއަންޓުން ވާދަކުރާ މުބާރާތެއް ފިޔަވާ އެހެން މުބާރާތެއްގައި ނުކުޅޭނެއޭ. އެއީ ހެދިފަ ހުރި ޕޮލިސީތަކުގައި ވަރަށް ރީއްޗަށްލިޔެފަ ހުންނާނީ" މުބީން ވިދާޅުވިއެވެ.
މިހާތަނަށް 5 ވަރަކަށް ކުޅުންތެރިން ގޯލްޑަން ފުޓްސަލްގައި ކުޅެފައިވާކަމަށާއި، އޭގެ ބޭރުންވެސް މުބާރާތެއްގައި ކުޅެފައިވާ ކަމަށް މުބީން ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވީ އެ ކުޅުންތެރިންނާ ދޭތެރޭ ކުލަބުން އަޅަން ޖެހޭ ފިޔަވަޅުތައް ވާނީ އަޅާފައި ކަމަށެވެ. އަދި އެ ކުޅުންތެރިންނަށް ރަށް ތަމްސީލުކުރުމަށް ފުރުސަތު ނުދެވޭތީ ހިތާމަ ކުރައްވާކަމަށެވެ.
"އަޅުގަނޑުމެން ވަރަށް ހިތާމަ ކުރަން، އަސްލު އަޅުގަނޑުމެން ވަރަށް ބޮޑަށް ބޭނުންވެސްވޭ މި ކުޅުންތެރިންނަށް ކުޅުންތެރިންގެ ރަށް ތަސްމީލުކުރެވޭނެ ގޮތަކަށް ވެގެން އަންނަން" މުބީން ވިދާޅުވިއެވެ.
އެހެންނަމަވެސް ސީޒަން ތެރޭގައި އެއް މެޗާއި އަނެއް މެޗާއި ދޭތެރޭ ގާތްގަނޑަކަށް ލިބެނީ ފަސްވަރަކަށް ދުވަސް ނޫނީ ހަ ދުވަސް ކަމަށާއި، މެޗެއް ނިންމާފަ ރިކަވަރީ ޓްރޭނިންއެއް އޮވެފަ އެ ދޭތެރެއިން ތިން ދުވަހެއްވަރު ކޯޗު ގެންދާނީ ހާޑް ޓްރޭނިންތައް ކަމަށް މުބީން ފާހަގަކުރެއްވިއެވެ. އެއީ މެޗެއްގައި ހެދުނު މިސްޓޭކުތައް ރަނގަޅު ކުރާށާއި، ޖެހިގެން އަންނަ ހަފްތާގައި ކުޅެން ޖެހޭ ޓީމުގައި ހުރި ކަންކަން ބަލައިގެން ތައްޔާރުވާން ލިބޭ ހާޑް ޓްރޭނިންގެ 3 ދުވަސް ކަމަށާއި، އަނެއް ދުވަހަކީ މެޗް ޑޭއަށް ތައްޔާރުވާން އޮންނަ ވޯމްއަޕް ޓްރޭނިންގެ ދުވަސް ކަމަށެވެ.
އެހެންކަމުން އެމުބާރާތް ކުޅެން އުޅޭ ކުޅުންތެރިންނަށް ނިއުރޭޑިއަންޓްގެ ޓްރޭނިންތަކުގައި ބައިވެރިނުވެވިދާ ކަމަށާއި، އެކުދިންގެ ޕާފޯމެންސް މެޗުތަކުގައި ނުދެއްކޭ ކަންވެސް މުބީން ފާހަގަކުރެއްވިއެވެ. ބޮޑު ހޭދައެއް ކޮށްގެން ނިއުރޭޑިއަންޓު މެނޭޖުކުރަމުން އަންނައިރު، ކުޅުންތެރިން އެހެން މުބާރާތްތަކަށް ދޫކޮށްގެން ނިއުރޭޑިއަންޓުގެ ޓްރޭނިންތައް ނުހެދޭ ކަންވެސް ފާހަގަކުރެއްވިއެވެ.
"ނިއުރޭޑިއަންޓުން ޔަގީނުންވެސް މި އަންނަނީ ހަމަ ބޮޑު ހޭދައެއް ކޮށްގެން މި ކުލަބު މެނޭޖުކުރަމުން މިއައީ. ހައެއްކަ އަށެއްކަ ކުޅުންތެރިންނަށް ކުޅެން ފުރުސަތު ދިނީމަ ވާގޮތަކީ ނިއުރޭޑިއަންޓަކަށް ޓްރޭނިންއެއް ނެހެދޭ. އެހެންވީމަ އެ ޓްރޭނިންތަކެއް ނަހަދައެއް މިހާރުގަ މި ހޯދުނު ނަތީޖާއާއި ހަމައަށްވެސް އަޅުގަނޑުމެން ދާން ވަރަށް ބޮޑަށް އުނދަގޫވެގެން އަންނާނެ. އެހެންވީމަ އަޅުގަނޑުމެންގެ ސްޓޭންޑް އަޅުގަނޑުމެން ކުޅުންތެރިންނާ ވާނީ ހިއްސާކޮށްފަ. ވަކިވަކި ބައްދަލުވުންތަކުގައި އެވާހަަކަ ދައްކާފަވާނީ. ދެން މިކުޅުންތެރިންނަށް ފިޔަވަޅު އެޅެން އޮންނާނެ ޕޮލިސީތަކުގައި ލިޔެފަ" މުބީން ވިދާޅުވިއެވެ.
މުބީން ވިދާޅުވީ އެހެން މުބާރާތްތަކުގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން ބައެއް ކުޅުންތެރިން ޖޫރިމަނާކޮށް، ބައެއް ކުޅުންތެރިންނަށް ނަސޭހަތްދީފައިވާނެ ކަމަށެވެ. އަދި މުބާރާތްތައް އިންތިޒާމް ކުރާ ފަރާތްތަކުންވެސް މިގޮތަށް ފުށޫއަރާހެން އެއް ދުވަސްވަރެއްގައި މުބާރާތްތައް ނުރޭވުމަށް ނިއުރޭޑިއަންޓުން އިސްތިމާސް ކުރާ ކަމަށްވެސް މުބީން ވިދާޅުވިއެވެ.