އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ޗެމްޕިއަންޝިޕުގައި އެކި އިވެންޓުތަކުން ލޯ މެޑަލް ހޯދި ޝޫޓިންގެ ޒުވާން ޤައުމީ ޓީމު އެނބުރި ރާއްޖެ އަތުވެއްޖެއެވެ.
ރާއްޖެއައި ޓީމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުޙަބާ ދެންނެވީ ކޮމިޝަނަރ އޮފް ސްޕޯޓްސް، މުޙައްމަދު ޠަލާލްއާއި ކުޅިވަރާ ބެހޭ ވުޒާރާގެ އިސް ވެރިންގެ އިތުރުން ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިސް ވެރިންނެވެ.
އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ޗެމްޕިއަންޝިޕުގެ 10 މީޓަރު އެއާ ރައިފަލްގެ މެންސް ޔޫތު ޓީމު އަދި މިކްސް ޓީމު ޖޫނިއާ އިވެންޓުން ހޯދި ލޯ މެޑަލްއާއެކު މުޅި މުބާރާތުގެ އިވެންޓުތަކުން ޖުމްލަ ހަތަރު ލޯ މެޑަލް ދިވެހި ޓީމުން ހޯދާފައިވެއެވެ.
މި މުބާރާތް ކުރިއަށްދަނީ މިމަހުގެ 2-14 ގެ ނިޔަލަށް، އިންޑިއާގެ ނިއުދިއްލީގައެވެ.
މުބާރާތުގައި ރާއްޖޭގެ ޖޫނިއާ ޓީމުން ހޯދި މި ކާމިޔާބީތަކަކީ ޝޫޓިންގެ ތާރީހުގައި ޖޫނިއާ ޓީމުން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.
10 މީޓަރު އެއާ ރައިފަލްގެ މެންސް ޔޫތު ޓީމު އަދި މިކްސް ޓީމު ޖޫނިއާ އިވެންޓުން ލޯ މެޑަލް ހޯދިއިރު، ދެން މެޑަލް ހޯދާފައިވަނީ މުބާރާތުގެ ދެވަނަ ދުވަހު އަންހެން ޖޫނިއާ އަދި ފިރިހެން ޖޫނިއާ ޓީމު އިވެންޓުންނެވެ.
މުބާރާތުގެ 10 މީޓަރު އެއާ ރައިފަލް މެންސް ޔޫތު ޓީމުން ލޯ މެޑަލް ހޯދި ދިވެހި ޓީމުގައި ހިމެނެނީ ޖަމާލުއްދީން ސްކޫލްގެ މުޙައްމަދު ޝާއިލް ހަސަން އާއި އަރަބިއްޔާ ސްކޫލުގެ އުމަރު މުޙައްމަދު ނަޝީދުގެ އިތުރުން ހިރިޔާ ސްކޫލްގެ ރަޔާން މުޙައްމަދު ރާމިޒްއެވެ.
މީގެއިތުރުން 10 މީޓަރު އެއާ ރައިފަލް މިކްސް ޓީމް ޖޫނިއާ އިވެންޓުން ލޯ މެޑަލް ހާސިލުކުރި ޓީމުގައި ހިމެނޭ ދެ އެތުލީޓުންނަކީ އައިޝަތު އީޝާ ޝާހިދާއި އަޙްމަދު މާއިދު މުޙައްމަދުއެވެ.
މީގެކުރިން 10 މީޓަރު، އެއަރ ޕިސްޓަލް ވިމެންސް ޔޫތު ޓީމުން ލޯ މެޑަލް ހޯދާފައިވާއިރު އެ ޓީމުގައި ހިމެނެނީ ތާޖުއްދީން ސްކޫލްގެ މަރިޔަމް ޒޯހާ އަސްބާހާއި ސީއެޗްއެސްއީ މާލެ، ފާތިމަތު ފައިހާ ފަޒީލްގެ އިތުރުން ޖަމާލުއްދީން ސްކޫލުގެ ފާތިމަތު ޝައިމާ މޫސާއެވެ.
އަދި 10 މީޓަރު، އެއަރ ޕިސްޓަލް މެން ޔޫތު ޓީމުން ވެސް ލޯ މެޑަލް ހޯދާފައިވާއިރު އެ ޓީމުގައި ހިމެނެނީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ އަލީ ޒަކްނޫން އަޙްމަދާއި ރެހެންދި ސްކޫލުގެ މުޙައްމަދު އަޝްހަމް ބިން ޝާހިދުގެ އިތުރުން ސީއެޗްއެސްއީ މާލެ، ހާދު އަލީ ނަސީފެވެ.
ތަމްރީނުވާނެ މާ ބޮޑެތި ފުރުސަތެއް ނެތި ޒުވާން ޓީމުން ޝޫޓިންގައި ހޯދި ކާމިޔާބީއަކީ، ރާއްޖޭގެ ތާރީޚުގައި ރަން އަކުރުން ލިޔެވޭނެ ބޮޑު ކާމިޔާބީއެކެވެ.