އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން، ކިއުބާއަށް ތެޔޮ ލިބުން އިންތިހާއަށް ދަތިވެ، ރައްޔިތުންނަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވަމުންދާކަމުގެ ކަންބޮޑުވުން ރަޝިޔާއިން ފާޅުކޮށްފިއެވެ.
ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ދަރަޖަކޮށް، އެމެރިކާއިން ވަނީ ކެރީބިއަން ޤައުމުތައް މެދުވެރިކޮށް ކިއުބާއިން ތެޔޮ ފޯރުކޮށްދިނުން ވަރަށް ބޮޑަށް ހިފެހެއްޓެމާއެކު، އަސާސީ ބޭނުންތަކަށް ވެސް ތެޔޮ ލިބުން ދަތިވެ، ތެޔޮ އިޤްތިޞާދުކުރުމުގެ ފިޔަވަޅުތަކެއް ކިއުބާގެ ސަރުކާރުން މިހާރު ވަނީ ތަންފީޒުކުރަން ފަށައިފައެވެ.
ރަޝިޔާގެ ސަރުކާރުގެ ތަރުޖަމާނު ޑިމީޓްރީ ޕެސްކޯވް ވިދާޅުވީ ކިއުބާގެ އިޤްތިޞާދު ފުނޑައިލުމުގެ މަޤްޞަދުގައި އެމެރިކާއިން ކުރިމަތިކޮށްފައިވާ ފިއްތުންތަކުގެ ސަބަބުން، ކިއުބާގައި ތެޔޮ ލިބުން އިންތިހާއަށް ދަތިވެ، އެ ޤައުމު މި ވަގުތު އޮތީ ވަރަށް ގޯސް ޙާލަތެއްގައި ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެ ޙާލަތުން އަރައިގަތުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކިއުބާގެ ސަރުކާރާއެކު ދަނީ މަޝްވަރާކުރެވެމުންނެވެ.
ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވީނަމަވެސް، ކިއުބާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކާ ގުޅިގެން، އިންސާނީ އެހީގެ ގޮތުގައި އިތުރު 6 މިލިއަން އެމެރިކާ ޑޮލަރު ފޯރުކޮށްދިނުމަށް އެމެރިކާއިން ވަނީ ނިންމައިފައެވެ.
އިންސާނީ އެހީ ފޯރުކޮށްދޭނީ ކިއުބާގައި ހުންނަ ނަޞާރާއިންގެ ކެތޮލިކް ޗަރޗް މެދުވެރިކޮށްކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.
އެމެރިކާގެ އެ ނިންމުމަކީ ދެފުށްދެގޮތް ނިންމުމެއްގެ ގޮތުގައި ސިފަކޮށް، ކިއުބާގެ ސަރުކާރުން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.
އެމެރިކާ ސިފައިން ވެނެޒުއޭލާއަށް އަރައި، އެ ޤައުމުގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކޮށްގެން ގެންދިޔުމާ ގުޅިގެން، ވެނެޒުއެލާއިން ވެސް މިހާރު ވަނީ ކިއުބާއަށް ތެޔޮ ފޯރުކޮށްދިނުން ހުއްޓާލައިފައެވެ.
ކިއުބާއަށް ތެޔޮ ފޯރުކޮށްދޭ ޤައުމުތަކަށް ޑިޔުޓީ ބޮޑުކުރާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި އިންޒާރާ ގުޅިގެން، ވެނެޒުއެލާގެ އިތުރުން މެކްސިކޯއިން ވެސް މިހާރު ވަނީ ކިއުބާއަށް ތެޔޮ ސަޕްލައިކުރުން މެދުކަނޑާލައިފައެވެ.
ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކުގެ ތެރޭގައި، ކިއުބާގެ ޕޭސޯގެ އަގު ވަނީ ދަށަށްގޮސް، ލިބޭ އާމްދަނީ އާ ނުބައްދަލު މިންވަރަށް ކާބޯތަކެތީގެ އަގުތައް އުފުލިފައެވެ.
ތެޔޮ ލިބުން ދަތިވުމުގެ ސަބަބުން، ޕަބްލިކް ޓްރާންސްޕޯޓާއި ޓެކްސީގެ ޚިދުމަތް ދިނުމަށް އުނދަގޫވެ، ދަތުރުފަތުރުގެ ނިޒާމަށް ވެސް ވަނީ ބުރޫއަރައިފައެވެ.
ކާބޯތަކެއްޗާއި އަސާސީ ޚިދުމަތްތައް ނުލިބި، ކިއުބާގެ ޙާލަތު، އިންސާނީ ކާރިޘާއަކަށް ބަދަލުވުމުގެ ނުރައްކާ ބޮޑުކަމަށް ބައިނަލްއަޤުވާމީ ބައެއް ޖަމްޢިއްޔާތަކުން ވަނީ ބުނެފައެވެ.