ސަޢުދީ ޢަރަބިއްޔާއާއި ޢުރުދުންއާއި އެކުވެރި ޢަރަބި އިމާރާތާއި ޤަޠަރު ހިމެނޭހެން މެދުއިރުމައްޗާއި މުސްލިމް އާބާދީ ބޮޑު އަށް ޤައުމުން ޔަހޫދީން ޤާނޫނާ ޚިލާފަށް ނިންމާފައިވާ ނިންމުންތަކެއް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ފެބްރުއަރީ މަހުގެ 8ވަނަ ދުަވަހު ޔަހޫދީން ނިންމާފައިވާ ނިންމުމެއްގެ ސަބަބުން ޔަހޫދީ ވަޒަންވެރިންނަށް ހުޅަނގު އައްސޭރިން ބިން ގަތުމަށް ފަސޭހަވެގެން ދާނެއެވެ. އަދި ފަލަސްޠީނުގެ ފުރިހަމަ ބާރު އޮތް ކަމަށް ބުނާ ސަރަޙައްދުތަކުގައި ޔަހޫދީންގެ ބާރުތައް އިތުރުވާނެއެވެ.
އިންޑޮނޭޝިޔާއާއި ޕާކިސްތާނާއި މިޞްރާއި ތުރުކީވިލާތް ވެސް ހިމެނޭ ގޮތަށް ޤައުމުތަކުގެ ޚާރިޖީ ވަޒީރުން އެކުގައި ނެރުނު ބަޔާނެއްގައި ބުނީ ޔަޙޫދީންގެ ނިންމުމަކީ ބައިނަލްއަޤްވާމީ ޤާނުނުތަކާ ޚިލާފު ނިންމުމެއް ކަމަށެވެ. ޔަހޫދީންގެ ޢަމަލުތަކުގެ ސަބަބުން ޔަހޫދީންނާއެކު ފަލަސްޠީނުގެ ވެސް މިނިވަން ދައުލަތެއް އޮތުމުގެ ސިޔާސަތަށް ހިޔަނިއެޅޭ ކަމަށް ވެސް ބުނެފައިވެއެވެ. އަދި އޭގެ ސަބަބުން ސަރަޙައްދީ ހަމަޖެހުމަށް ވެސް ބުރޫ އަރާ ކަމަށް ފާހަގަކޮށްފައިވެއެވެ.
ބަޔާނުގައި އިތުރަށް ބުނީ ޔަހޫދީންގެ ބޭނުމަކީ އިސްތިއުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކަކީ ޔަހޫދީ ދައުލަތުގެ ބައެއްގެ ގޮތުގައި ޤާއިމް ކުރުން ކަމަށެވެ. އެ ގޮތުން ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިވެ ދިރިއުޅޭ ސަރަޙައްދުތައް އިތުރުކޮށް، އެ ސަރަޙައްދުތަކުގެ ޤާނޫނުތަކާއި ޤަވާއިދުތަކާއި ހިންގުމަށް ބަދަލުތައް ގެންނަމުންދާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. ފަލަސްޠީނުގެ ބިންތަކަކީ ޔަހޫދީންގެ ބިންތަކަކަށް ހެދުމަށް އެ ޤައުމުގެ ރައްޔިތުން ވަޒަނުން ބޭރު ކުރަމުންދާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
ބަޔާނުގައި އިތުރަށް ބުނީ ޔަހޫދީން އިސްތިއުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގެ މައްޗަށް އެއްވެސް ޤާނޫނީ އިސްތިޤުލާލެެއް ޔަހޫދީންނަށް ލިބިގެން ނުވާ ކަމަށެވެ. އަދި ޔަހޫދީންނާ ދެކޮޅަށް ބައިނަލްއަޤްވާމީ ދުނިޔެއިން ތެދުވެ ފިއްތުންތައް ކުރިމަތިކުރުވަން ވެސް ޤައުމުތަކުގެ ވަޒީރުން ގޮވާލައްވާފައިވެއެވެ. ދާއިމީ ގޮތަކަށް ޞުލްޙަ ޤާއިމް ކުރެވޭނީ ފަލަސްޠީނަކީ 1967ވަނަ އަހަރުގައި އޮތް ސަރަޙައްދީ ރޮނގުގެ މައްޗަށް ބިނާކޮށް، ފަލަސްޠީނުގެ ވެރިކަންކުރާ ރަށުގެ ގޮތުގައި އިރުމަތީ ޤުދުސްއޮވެ އަމިއްލަ ދައުލަތެއް ޤައިމް ކޮށްގެން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި މިނިވަން ދައުލަތެެއްގެ ގޮތުގައި އޮވެ ފަލަަސްޠީނުން އަމިއްލަ ދައުލަތުގެ މައްޗަށް ބާރު ހިންގުމުގެ ފުރުޞަތު ދޭން ޖެހޭ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.