ޚަބަރު

މަޖީދިއްޔާ ސްކޫލު އިމާރާތް އެޅުމަށް، ދަރުމަވަންތަ ބައު އިމާރާތް ތަޅާލައިފި


  • އެތަނުގެ އިންޖިނިއަރިންގެ މަސައްކަތްތަކާއި ކުރެހުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައި

މަޖީދިއްޔާ ސްކޫލްގެ އައު އިމާރާތް އެޅުމަށް ދަރުމަވަންތަ ސްކޫލްގެ ބައު އިމާރާތް ތަޅާލައިފިއެވެ.

ރާއްޖޭގެ ފުރަތަމަ ސްމާޓް ކްލާސްރޫމްތަކާއެކު މަޖީދިއްޔާ ސްކޫލުގެ އައު އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ ކުރީގެ ދަރުމަވަންތަ ސްކޫލު ހުރި ބިމުގައެވެ. މިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިޢުލާން ކުރެއްވީ މަޖީދިއްޔާ ސްކޫލުގެ "ސައްތަވީ ބިނާ" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައިވަނީ މަޖީދިއްޔާ ސްކޫލާއި އިންވެގެން ހުރި ކުރީގެ ދަރުމަވަންތަ ސްކޫލް ހުރި ބިމުގައި 40 ކްލާސްރޫމްގެ އައު އިމާރާތެއް އަޅުއްވައިދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި އެސްކޫލްގެ ދާރުލް އުލޫމަކީ ތައުލީމާ ގުޅުންހުރި ދާރުލްއާސާރަކަށް ހައްދަވައިދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އެ ކްލާސްރޫމްތަކުގެ ތެރެއިން ބައެއް ކްލާސްތަކަކީ ސްމާޓް ކްލާސްތަކުގެ ގޮތުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމްކުރެވޭ ސްމާޓް ކްލާސްތަކަށްވާނެ. އަދި އަޅުގަނޑުމެން މަޖީދިއްޔާގެ ދަރިވަރުން، އިސްދަރިވަރެއްގެ ފަޚުރުކަމުގައިވާ ދާރުލް އުލޫމާއި ކުރި ބޯށި. އަޅުގަނޑުމެންގެ ޕްލޭނަކީ ނޭޝަނަލް އެޑިއުކޭޝަން މިއުޒިއަމެއްގެ ގޮތުގައި އެތަން ތަރައްގީކުރުން. މި ސްކޫލާއި ރާއްޖޭގެ ތައުލީމީ ތާރީޚު ދައްކުވައިދޭ މިއުޒިއަމަކަށް އެތަން ބަދަލުކުރުން،" ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.

މަޖީދިއްޔާ ސްކޫލްގެ އައު އިމާރާތް އެޅުމަށް ދަރުމަވަންތަ ސްކޫލްގެ ބައު އިމާރާތް ތަޅާލާފައިވާއިރު އެތަނުގެ އިންޖިނިއަރިންގެ މަސައްކަތްތަކާއި ކުރެހުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށް ތައުލީމާއި ބެހޭ ވުޒާރާއިންވަނީ ވިދާޅުވެފައެވެ. އިމާރާތް އެޅުމުގެ މަސައްކަތް ކުރިއަތް އޮތް ދެ މަހެއްހާ ދުވަހުގެތެރޭގައި ފެށޭނެކަމަށްވެސް ވިދާޅުވިއެވެ.